ހަބަރު

10 ރަށުގެ ނަރުދަމާ މިއަހަރު ނިމޭނެ، 41 ރަށެއްގެ ނަރުދަމާގެ މަސައްކަތް ހިނގާ: ތޯރިގު

Oct 6, 2015

މިވަގުތު 41 ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ކުރާއިރު 10 ރަށެއްގެ އަމަލީ މަސައްކަތް ފަށައިގެން ކުރިޔަށް ގެންދާ ކަމަށާއި އެ 10 ރަށުގެ މަސައްކަތް މި އަހަރު ނިމެނޭ ކަމަށް އެންވަޔަރަންމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލު ކުރެއްވުމަށް އޮތް ފުރުސަތުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ ރައީސް ޔާމީން 2013 ގައި ރައީސް ކަމަށް ވަޑައިގެންނެވި އިރު 30 ރަށެއްގެ ނަރުދަމާ އާއި ފަސް ރަށެއްގެ ފެނުގެ ނިޒާމު ގާއިމުކޮށްފައިވާ ކަމަށާއި މި އަހަރު އަމަލީ މަސައްކަތް ކޮށް 10 ރަށެއްގެ މަސައްކަތް ނިންމާ އިރު އަންނަ އަހަރު ވެސް އެ އަމާޒަށް ވާސިލުވާނެ ކަމަށެވެ .

"އަދި އަންނަ އަހަރުގެ ތެރޭގައި ވެސް ގިނަ ރަށްތަކެއްގެ މަސައްކަތް ފެށުމަށް ޕްލޭންތައް ހަދާފައި ހުރީ. އެކަން ކަމަށް ބޭނުންވޭ ލޯނު ވެސް މިހާރު ވަނީ ހަމަޖެހިފައި... އަންނަ އަހަރު ވެސް 10 ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމޭނެ،" މިނިސްޓަރު ތޯރިގު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރު މަސައްކަތް ނިންމާ 10 ރަށް ކަނޑައަޅާފައި ވަނީ ވަކި ރަށްތަކަކަށް ބަލައި އިސްކަން ދީގެން ނޫން ކަމަށާއި ހުރިހާ ރަށެއް ވެސް އެއް އުސޫލެއްގެ ތެރެއިން ދާއިރު އަވަހާ ފެށެނީ ކުރިން ބަޖެޓް ހަމަޖެހިގެންދާ ރަށްރަށް ކަމަށެވެ.

ވަކި ވަކި ރަށްރަށުގެ ފެނާ ނަރުދަމާއާ ގުޅޭ ގޮތުން އެކި މެންބަރުން ސުވާލު ކުރެއްވި ނަމަވެސް އެސުވާލު ތަކަށް މިނިސްޓަރު މިއަދު ޖަވާބެއް ނުދެއްވައެވެ. ނަމަވެސް މިއަދު ސުވާލު ކުރެއްވި އއ. މަތިވެރީ ދާއިރާގެ މެންބަރު ހުސައިން މުހައްދު ސާފު ކުރައްވަން ބޭނުންފުޅުވި މަތިވެރީ މަސައްކަތް ގޮސްފައިވާ ހިސާބު ސާފުކޮށް ދެއްވި އެވެ.