ނީލަމުން ބާ މުދާ ނަގާ މީހުންގެ މުދާތައް ފުނިކޮށް "މާލޭގެ ނީލަން ފިހާރަ" އިގެ ގޮތުގައި އެކި ޒަމާންތަކުގައި އެކި ތަންތަން ހަދައިގެން އުޅެ އެކި ފަހަރު މަތީން އަލިފާނުގެ ބޮޑެތި ހާދިސާތައް ހިނގާފައި ވެއެވެ. އަދި އެކަން ހައްލު ކުރުމަށް ވެސް ތަފާތު ފިޔަވަޅުތައް އެކި ފަހަރު މަތީން އަޅާފައި ވެއެވެ. އެހެން އޮތް ނަމަވެސް އަބަދުވެސް ނީލަން މުދާ ބަހައްޓާ ސަރަހައްދަކީ މެދުފަންތީގެ ވަރަށް ގިނަ ބަޔަކު ދިރިއުޅުމަށް ބޭނުންވާ މުދަލާއި ހިފާ ގެންގުޅޭ ސާމާނު ގަންނަ ބާޒާރަކަށް ވެފައި ވެއެވެ.
މާ ތަރުތީބެއް ނެތި މިހާރު ނީލަން މުދާ ބަހައްޓައިގެން ވިއްކަނީ ފަޅުމަތީ މަގުގެ ބައެއްގަ އެވެ. ކޮވިޑާ ގުޅިގެން މާލޭ ސިޓީ ކައުންސިލުންވަނީ ވަރަށް ފަހުން އެ ސަރަހައްދު ސާފު ވެސް ކޮށްފަ އެވެ. ދިވެހިން ފަހަތުގައި ތިބެ ބިދޭސީންނާ ހާވާލުކޮށްގެން ކުރިޔަށް ގެންދާ ނީލަން ފިހާރައިން އަގުހެޔޮކޮށް ރަނގަޅު މުދާ ލިބެ އެވެ. އެއީ އަރާނެ ފައިވާނެއް ނޫނީ ބޫޓާއި އިސްޓާކީނު ކަމަށް ވިޔަސް ބޭނުންވާ ބަޔަކަށް އަގު ހެޔޮކޮށް ގަންނަން ލިބެން ހުރެ އެވެ.
މާލެއިންނާސއި ރަށްރަށުން އަންނަ މީހުން ބޭނުންވާ ވަރަށް ގިނަ މުދާ ހޯދުމަށް ބޮޑެތި ފިހާރަތަކަށް ދިއުމުގެ ބަދަލުގައި ވަރަށް ގިނަފަހަރު ދަނީ ނީލަން ފިހާރައަށެވެ. އޭގެ ސަބަބުން ކުރަންޖެހޭ ހަރަދުގެ ބޮޑު ބައެއް ކުޑަވެފައި ބޭނުންވާ ކަން ފުއްދަން އެކަށީގެންވާ އާލާތާއި ވަސީލަތް ފުރިހަމަ ކުރެވެ އެވެ. އޭގެ ތެރޭގައި ލަކުޑިއާއި ޓިނާއި އެފެދަ ގިނަ ސަމާނު ވެސް ހުރެ އެވެ.
މުނު ދޮންނަ ތައްޓާއި ސިންކާއި ފާހާނާ ތައްޓާއި އެނޫން ވެސް ގޭތެރެއަށާއި ވިޔަފާރިގެތަކަށާއި ދިރިއުޅުމުގައި އެންމެ އާދައިގެ ކަންކަމުގައި ހިފާގެންގުޅޭ ތަކެތި ވެސް މާލެގެ ނީލަން ފިހާރައިން ލިބެ އެވެ. ނީލަން ފިހާރައިގައި ނެތް އެއްޗަކީ އެފަދަ ތަކެތި ބަހައްޓައިގެން ރަނގަޅަށް ބަލަހައްޓާ ވިޔަފާރި ކުރެވޭނެ އެކަށީގެންވާ ނިޒާމެކެވެ. އޭގެ ސަބަބުން ވަރަށް ގިނަ ކަންކަން ބޮންސުންލައިގެން ވެސް ދެއެވެ.