ވިޔަފާރި

އިމާރާތް ކުރާ ސާމާނުގެ އަގު އެސްޓީއޯއިން ހެޔޮކޮށްފި

އިމާރާތް ކުރުމަށް ބޭނުންކުރާ ގިނަ ސާމާނުގެ އަގުތައް އެސްޓީއޯ އިން ހެޔޮކޮށް، "މާބޮޑަށް އަގު ހެޔޮވެއްޖެ" ނަމުގައި ކެމްޕޭނެއް ފަށައިފި އެވެ.

އެސްޓީއޯ ފަސް ނަމްބަރު ކޮށީގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ކުންފުނީގެ ކޮންސްޓްރަކްޝަން މެޓީރިއަލްގެ ޖެނެރަލް މެނޭޖަރު ރަމްޒީ އަބޫބަކުރު ވިދާޅުވީ އިމާރާތް ކުރުމަށް ބޭނުންކުރާ ސާމާނުގެ އަގު ހެޔޮކުރީ ވަކި މުއްދަތަކަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެއްނޫން ކަމަށާއި މިއީ ދާއިމީ ބަދަލެއް ކަމަށެވެ.

"ހަރަދުކުޑަ ކުރުމަށް އެޅިފިޔަވަޅިތަކުގެ ތެރެއިން ގެންނަ ބަދަލެއް މިއީ. ހުރިހާ ކަސްޓަމަރުންނަށް އަގު ހެޔޮވުން ޕާސް ކުރުމުގެ ގޮތުން ގެންނަ ބަދަލެއް މިއީ،" ރަމްޒީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަގަށް ބަދަލު ގެނައުމުގައި ދުނިޔޭގެ ބާޒާރުގައި އަގަށް އަނަން ބަދަލާއެކު، އެސްޓީއޯއިން މި ސާމާނު ޕްރޮކިއު ކުރުމަށް ގެނެސްފައިވާ ބަދަލުވެސް ހިމެނޭ ކަމަށެވެ.

އެސްޓީއޯ އިން އަގު ހެޔޮކުރި ކޮންސްޓްރަކްޝަން ސާމާނުގެ ތެރޭގައި ހިލައާއި ހިލަވެލި ވެސް ހިމެނެ އެވެ. މީގެ އިތުރުން އިމާރާތް ކުރުމަށް ބޭނުންކުރާ ދަގަނޑު ވެސް މީގެ ތެރޭގައި ހިމެނޭ ކަމަށް ރަމްޒީ ވިދާޅުވި އެވެ.

"ދަގަނޑުން ވެސް ވާނީ 10-15 ޕަސެންޓް ވަރު އަގު ހެޔޮ ކުރެވިފައި. އަގު ހެޔޮ ކުރުމާއެކު މިހާރު ރާއްޖޭގައި އެންމެ އަގު ހެޔޮކޮށް ކޮންސްޓްރަކްޝަން މެޓީރިއަލް ލިބޭ ކުންފުންޏަކަށް ވެގެންދާނެ،" ރަމްޒީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އަހަރުގެ މާޗު މަހު އެސްޓީއޯ އިން ބޭއްވި ނިއުސްކޮންފަރެންސެއްގައި މި ބަދަލު ގެންނަން މަސައްކަތް ކުރާ ކަމަށް ބުނެފައިވާނެ ކަމަށާއ،ި އެ މިހާރު ބަދަލު ގެނެވިފައިވާ ކަމަށް ރަމްޒީ ވިދާޅުވި އެވެ.

އެސްޓީއޯއަކީ ރާއްޖެއަށް އެންމެ ގިނައިން ހިލައާއި ހިލަވެލި އެތެރެކުރާ ކުންފުންޏެވެ. މީގެ އިތުރުން އެސްޓީއޯއިން ރާއްޖޭގައި ސިމެންތި ބަންދު ކުރުމުގެ މަސައްކަތްވެސް ކުރެ އެވެ.