ހިމާޔަތް ކޮށްފައިވާ ސަރަހައްދެއް ކަމުގައިވާ ކ. ތަނބުރުދޫ ތިލައިގެ ޒޮނޭޝަން މުރާޖައާކޮށް، ތަނބުރުދޫ ހިމެނޭ ގޮތަށް ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި އެ ސަރަހައްދު ކަނޑައަޅަން ނިންމައިފި އެވެ.
އެ ނިންމުން ނިންމީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ. މިއަދު މެންދުރުފަހު އޮންލައިންކޮށް ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ހުށަހެޅި ކަރުދާހަކަށް މަޝްވަރާ ކުރުމަށްފަހު ހިމާޔަތް ކުރުމަށް ނިންމި ސަރަހައްދަކީ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ ސަރަހައްދެކެވެ. މި ސަރަހައްދު ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅި މައިގަނޑު ސަބަބަކީ ތަނބުރުދު އާއި އެ ރަށް ވަށައިގެންވާ މާހައުލަކީ ވެސް ގުދުރަތީ އަދި ތަބީއީ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ ސަރަހައްދެއްކަމުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުންޏެވެ.
މިއަދުގެ ބައްދަލުވުމުގައި މި ސަރަހައްދުގެ ހާއްސަ ސިފަތަކުގެ މައްޗަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީއިން ތައްޔާރުކޮށްފައިވާ ޓެކްނިކަލް ސާވޭ ރިޕޯޓާއި އަދި މޯލްޑިވްސް ސާފިން އެސޯސިއޭޝަންއިން ތައްޔާރުކޮށްފައިވާ "ކ. ތަނބުރުދޫ ގުދުރަތީ އާސާރެއް،" މި ކަރުދާހުގެ މައްޗަށް ވަޒީރުން ވާހަކަ ދެއްކެވިއެވެ.
ކ. ތަނބުރުދޫއަކީ ރާޅާ އެޅުމަށް ހާއްސަ ރަށެކެވެ.
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި، އެއް ފަރާއި، އެއް ކަނޑޫފާ ރައްކާތެރި ކުރުމަށް ނިންމި ނިންމުމުގެ ދަށުން ބޮޑުތިލަދުންމަތީގެ 14 ސަރަހައްދަކާއި އައްޑޫ ސިޓީގެ ހަތަރު ސަރަހައްދަކާއި ފުވައްމުލައް ސިޓީގެ އެއް ސަރަހައްދު، އަދި ފާދިއްޕޮޅުގެ ފަސް ސަރަހައްދެއް ހިމެނޭހެން ޖުމްލަ 24 ސަރަހައްދު މިހާތަނަށް ވަނީ ހިމާޔަތް ކޮށްފައެވެ. އަދި ތިމާވެށީގެ ގާނޫނުގެ ދަށުން މާލެ އަތޮޅު އުތުރު އަދި ދެކުނު ހިމެނޭގޮތަށް 11 ސަރަހައްދެއް ވަނީ ހިމާޔަތްކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ނުވަ ޑައިވް ސައިޓަކާއި، ކ. ރަސްފަރިއާއި ކ. ހުރާގެ ކަނޑޫފާ ސަރަހައްދެވެ.