ތިމާވެށި

ޖޫނުން ފެށިގެން ނުވަ ބާވަތެއް އެތެރެކުރުން މަނާވާނެ

މިއަހަރުގެ ޖޫން އެއްވަނަ ދުވަހުން ފެށެގެން އެއް ފަހަރު ބޭނުން ކޮށްފައި އުކާލާ ޒާތުގެ ޕުލާސްޓިކުގެ ނުވަ ބާވަތެއް ރާއްޖެ އެތެރެ ކުރުން މަނާ ވާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީ އިން ބުނެފި އެވެ.

އެއް ފަހަރު ބޭނުންކޮށް އުކާލާ ޒާތުގެ ޕުލާސްޓިކް ރާއްޖޭގައި ބޭނުން ކުރުން 2023 ވަނަ އަހަރުގެ ނިޔަލަށް ހުއްޓާލާނެކަން އިއުލާނުކޮށްފައި ވަނީ އދ. ގެ އާންމު މަޖިލީހުގެ 74 ވަނަ ބައްދަލުވުމުގެ ހަވާސާގައި ސެޕްޓެމްބަރު 23، 2019 ވަނަ ދުވަހު ބޭއްވި ކްލައިމެޓް ސަމިޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމާއި ބޭނުން ކުރުން 2023 ގެ ނިޔަލަށް ހުއްޓާލަން ވަނީ "ސިންގަލް ޔޫޒް ޕްލާސްޓިކް ފޭސްއައުޓް ޕްލޭނެ"އް އެކުލަވާލާފަ އެވެ. އަދި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) ގެ "ޖަޒީރާ ދިރިއުޅުން" ބައިގައި ހިމެނޭ "ކުންޏަކީ ވަސީލަތަކަށް ހެދުން" އެ ދާއިރާގެ ދަށުން އެއް ފަހަރު ބޭނުންކޮށް އުކާލާ ޕުލާސްޓިކް މަދުކުރުމުގައި އަމަލު ކުރާނެ ސިޔާސަތުތައް ވަނީ ކަނޑައަޅާފަ އެވެ.

ރާއްޖެ އެތެރެކުރުން މަނާ، އުކާލާ ޒާތުގެ ޕްލާސްޓިކް މަނާ ކުރުމަށް ރައީސް ސޯލިހު ވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހު ގަރާރެއްގައި ސޮއިކުރައްވާފަ އެވެ.

ޖޫން މަހުން ފެށިގެން އެތެރެކުރުން މަނާ ބާވަތްތައް

  • ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ހޮޅި
  • ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ދިޔާތަކެތި ގިރުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު
  • ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި
  • ބާޒާރުކުރުމަށް ބޭނުންކުރާ 30 ސެންޓިމީޓަރަށްވުރެ ކުދި ޕްލާސްޓިކް ކޮތަޅު
  • ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ އިމްޕޯޓް ކުރާ ސުޕާރީ
  • 250 މިލިލީޓަރަށްވުރެ ކުޑަ އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ތަށި
  • ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު
  • 50 މިލިލީޓަރާއި 50 މިލިލީޓަރަށްވުރެ ކުދި ޝޭމްޕޫ އާއި ސައިބޯނި ފުޅި
  • 500 މިލިލީޓަރަށްވުރެ ކުދި ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ ބުއިމަށް ބޭނުންކުރާ ހުރިހާ ދިޔާ ތަކެތި (ފެނާއި ލުއިބުއިން ހިމެނޭގޮތަށް)

މީގެ އިތުރުން 2022 ވަނަ އަހަރުގެ ޑިސެމްބަރު އެއްވަނަ ދުވަހުން ފެށިގެން އިތުރު ދެ ބާވަތެއް އެތެރެކުރުން މަނާވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އެއީ ބާޒާރުކުރުމަށް ބޭނުންކުރާ 50 މައިކްރޯން އަށްވުރެ ތުނި ޕްލާސްޓިކް ކޮތަޅާއި 50 މިލިލީޓަރުން ފެށިގެން 200 މިލިލީޓަރާ ހަމައަށް ހިމެނޭ ކުދި ޝޭމްޕޫ އަދި ސައިބޯނި ފުޅި އެވެ.

އަދި 2023 ވަނަ އަހަރުގެ ޑިސެމްބަރު އެއްވަނަ ދުވަހުން ފެށިގެން އެއް ލީޓަރާއި އެއް ލީޓަރަށްވުރެ ކުދި ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖެ އެތެރެކުރުން މަނާ ވާނެ އެވެ.

މި ބާވަތްތައް މަނާކުރުމާއި އެކު ރާއްޖޭގައި ކުނީގެ ގޮތުގައި އުފައްދާ އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކުގެ މިންވަރު މަދުކޮށް މި ބާވަތުގެ ކުނީގެ ސަބަބުން ވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރެވިގެންދާނެ އެވެ.