ހަބަރު

މާލެއިން މީހަކު ގެއްލިގެން ހޯދަނީ

މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ ބ. މާޅޮސް، ކީސްފިލާ އުމުރުން 30 އަހަރުގެ އަބްދުﷲ މުއާޒު ކަމަށެވެެ. ފުލުހުން ބުނީ މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަގޮތަށް ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދު 3:45 ގައެވެ. ފުލުހުންނަށް މިކަން ރިޕޯޓްކުރުމާ ގުޅިގެން އަބްދުﷲ މުއާޒު ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

މުއާޒު އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ ކަޅު ތިކިތަކެއް ޖަހާފައިހުރި ނޫކުލައިގެން ޓީޝާޓަކާއި ގަދަ މުށިކުލައިގެ ފަޓުލޫނެކެވެ. ފުލުހުން ވަނީ އޭނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ހިއްސާ ކުރުމަށް އެދިފައެވެ.

މި މަހުގެ ފުރަތަމަ ދުވަހުވެސް މާލެއިން ޒުވާން އަންހެނަކު ގެއްލިގެން ވަނީ ހޯދާފައެވެ. އޭނާ ފެނިފައިވަނީ ހޯދަމުންދާތާ 24 ގަޑިއިރު ފަހުންނެވެ. އެ އަންހެން މީހާގެ އާއިލާއިން ބުނީ އެ މީހާ ބަޔަކު ރަހީނުކުރީ ކަމަށެވެ. އަދި ބިރު ދައްކާ އޭނާގެ އަތުން ފޭރިފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ކުޑަކުއްޖަކާ އިތުރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ.