މޯލްޑިވްސް ޕޮލިސް ސާވިސް

ވޯޓާ ގުޅޭ މައްސަލަތަކުގައި ބަޔަކު ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓާ ގުޅޭ އެކި މައްސަލަތަކުގައި ފުލުހުން ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި މިހާތަނަށް ޖުމްލަ ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ވޯޓް ކަރުދާސް ދެއްކި މައްސަލައަކާ ގުޅިގެން މާލެއިން އެކަކު ހައްޔަރުކޮށްފައިވާ ކަމަށާއި ވޯޓުލާ މަރުކަޒުގެ މަސްލަހަތު ނަގާލައި ވޯޓުލުމަށް ހުރަސްއެޅި މައްސަލައަކާ ގުޅިގެން ގދ. ފިޔޯރީއިން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މަޖިލިސް އިންތިހާބުގައި ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 8:00 ގަ އެވެ. ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 5:30 އާ ހަމައަށެވެ. ވޯޓުލާ ވަގުތު އިތުރު ނުކުރާނެ ކަމަށް އީސީ އިން ވަނީ ބުނެފަ އެވެ.

މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރައްވަ އެވެ. އަދި މި އިންތިހާބުގައި 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ. ރާއްޖޭގެ އިތުރުން ބޭރުގެ ތިން ގައުމެއްގައި ވޯޓުލުން ކުރިއަށްދެ އެވެ.