މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުން ބަލަނީ ލިޔެކިޔުން ފޯޖުކުރި މައްސަލައެއް

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައިގައި ތަހުގީގު ކުރަމުންދަނީ ޑޮކިއުމަންޓްތަކެއް ފޯޖް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ގޯތި ނުލިބޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމާއި ގުޅިގެން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ގެންދަނީ ކުރަމުންނެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި މި ތަހުގީގަކީ ފުލުހުންނަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން ފުލުހުން އިސްވެ ފެށި ތަހުގީގެކެވެ.

ފުލުހން ކުރިއަށް ގެންދާ ތަހުގީގަށް ޖާގަދީ ފުރިހަމަ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ތަހުގީގު ނިމި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ވަކި ގޮތެއް އަންގަންދެން އެޗްޑީސީގެ ޗެއާމަން އަހުމަދު ނާސިފު ފިޔަވައި ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުން މިއަދުން ފެށިގެން ވަނީ ސަސްޕެންޑްކޮށްފަ އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުވެސް ޕީސީބީ އިން ވަކި ގޮތެއް އަންގަންދެން އޮފީހަށް ނުނިކުމެވޭ ގޮތަށް ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ފޯޖުކޮށްފައިވާ ލިޔުންތަކެއް ބޭނުންކޮށްގެން ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބިފައިވާ ކަމަށް ދައްކައިގެން އެ ގޯތިތަކުގައި އިމާރާތްކުރުމަށް ބޭނުންވެ އެކަމުގެ ހުއްދައަށް އެދުނު މައްސަލައެއް ފަޅާއަރާފައިވާއިރު ފޯޖުކޮށްފައިވާ ލިޔުންތަކެއް ބޭނުންކޮށްގެން ގޯތި ހޯދަން އުޅުނު މީހުންގެ ތެރޭގައި ފަޒުލް ރަޝީދުގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދު ހިމެނެ އެވެ.

މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުރި މުހައްމަދު ފަޒީލް ރަޝީދު މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.