މި މާލޭގައި އެއްގޮތަކަށް އެއް ކަމެއް ކޮށްލަ ކޮށްލައި ޗުއްޓީއަކަށް ވެސް ނުދެވި ފާޑެއްގެ ހައްޔަރެއްވެފައި ތިބި މީހުންނަށް އެންމެ އާދަޔާ ހިލާފު ކަމަކަށް މިހާރު ދިމާވެގެން އުޅެނީ ހުޅުމާލޭގެ ގޮނޑުދޮށުގައި ރެދަންލާފައިވާ ޖާދުވީ އަޖައިބެވެ. މީގެ ކުރީ އެންމެން އެކުއެކީ ބައި ހަދާފައި ހުޅުމާލެއަށް ދިޔައީ ދަނބު މޫސުން އައިސްގެނެވެ. މިހާރު މިއޮތީ މުލަަ ނަކަތް ނިމޭ ހިސާބާއި ފުރަހަޅަ ފަށާއި ހިސާބުގައި ލައްވާލާފައިވާ ރެދަނެވެ. އެންމެން ވެސް މިހާރު ދަނީ ރެދަން ބަލާށެވެ. މިދިއަ ހައެއްކަ ރޭ ވެސް އޮތީ މި ކަމެކެވެ. އާދަޔާހިލާފު ރީތި ވައިބްރަންޓް ނޫކުލައިގެ ރެދަނުން ގޮނޑުދޮށް ދިއްލާލާފައިވާތަން ބަލައިލުމެވެ. އާއްމުކޮށް ގިނަ މީހުންނަށް މިއީ ހަޔާތުގައި މަދުފަހަރަކު ކުރެވިފައިވާ ތަޖުރިބާއެކެވެ. ނޫނީ އަދި ނުކުރެވޭ ތަޖުރިބާއެކެވެ.
ރާއްޖޭގެ އެކި ސަރަހައްދުގައި ރެދަންލަނީ ކަނޑުގެ އޮޔާއެކު ގޮނޑުދޮށަށް ބީއްސާ ރާޅުގައި ޖެހޭ ބައޯލުމިނިސެންސް އޯގަނިޒަމްސްތަކެއްގެ ސަބަބުންނެވެ. ވަރަށް ކުދި ކުދި ދިރުންތަކުން ދޫކުރާ އައްޔެއްގެ ސަަބަބުން މުޅިތަން ނުލަކުން ޖަރީކޮށްލައި ދެނީ ވަރަށް އާދަޔާ ހިލާފު ގޮތަކަށެވެ. ގޮނޑުދޮށުގެ ދޮންވެލިގަނޑުމަތީގައި ހިނގާލާއިރު ފައިގެ ފިޔަވަޅު ޖެހުމާއިއެކު ދިއްލޭ މަންޒަރު ފެނެ އެވެ. އަދި ގަދަ ނުލުން ފިޔަވަޅުތައް ކުރަހައި ދެއެވެ. ބައެއް މީހުން މި ޖާދުވީ މަންޒަރު ބަލަން ވެލިގަނޑު ހާވާ ކޮނެ ހަދަ އެވެ. ބައެއް މީހުން ފޮޓޯ ނެގުމުގައި އުޅެއެވެ. އަނެއް ބައި މީހުން ދުވެފައި ފުމެ އެވެ. އޮށޯވެ ފުރޮޅިގަނެ އެވެ.
މިދިއަ ހައެއްކަ ރޭވެސް އޮތީ މިކަމެކެވެ؛ ރޭ ކެރިކަނޑާ ނުލައި ވެހުނު ބޯ ވާރޭ ތެރޭގައި ވެސް މީހުުން ހުޅުމާލެ ފޭސް ދޭއްގެ ގޮނޑުދޮށުގައި ރެދަނާއެކު ވާރެއާ ކުޅުނެވެ. ކުޑަ އަޅައިގެނާއި ވިއްސާރަ ކޯޓުލައިގެން ވެސް އެ އާދަޔާ ހިލާފު ރީތި މަންޒަރު ބަލާލަން ގޮސް ތިބި މީހުން މަދެއް ނޫނެވެ. މާލެއިން ދިޔަ މީހުން ދިޔައީ ވާރޭ ހިޔަލަކަށް ބޮލުގައި ހެލްމެޓެއް އަޅައިގެން ވެސް އުޅުނެވެ.
ހުޅުމާލޭގެ ރެނދަނުގެ ޖާދޫގައި އެއްމެން ރަނގަޅަށް ޖެހިއްޖެ އެވެ. ސޯޝަލް މީޑީއާ ބަލާލީމާ ވެސް މިކަން އެނގެ އެވެ. ދިވެހިންނެކޭ އެއްގޮތަށް ރާއްޖެއަށް ދަތުރުކުރާ ފަތުުރުވެރިންގެ މެދުގައި "ރާއްޖެ ރެދަން" މަގުބޫލުވެފައި ވެއެވެ.
ފަތުރުވެރިން ސިފަކުރަނީ "ސީ އޮފް ސްޓާސް" ގޮތުގައި
ރެދަންލީ ދިވެހި ގޮނޑުދޮށް މީގެ ކުރިން ވެސް ދުނިޔޭގެ ސަމާލުކަން ހޯދާފައި ވެއެވެ. މީގެތެރޭގައި ރ. އަތޮޅުގެ ވާދޫގެ ގޮނޑުދޮށުގައި ރެދަންލާ ދިއްލާ އަޅާފައިވާ މަންޒަރުގެ ފޮޓޯތައް ހިމެނެ އެވެ. ނާސާގެ ސެޓެލައިޓް ތަކުން ވެސް ރާއްޖޭގެ ބައެއް ގޮނޑުދޮށްތަކުގައި ރެދަންލާފައިވާ މަންޒަރުތައް ކެޕްޗާކޮށްފައި ވެއެވެ. އެކަމާ ހެދި ފަތުރުވެރިންގެ މެދު ރާއްޖެ އާއި މި ރާއްޖޭގެ ރ. އަތޮޅު އޮތީ ވަރަށް މަޝްހޫރު ވެސް ވެފައެވެ. އެކަމާ ހެދި ދުނިޔޭގެ އެންމެ ރޮމޭންޓިކް މަންޒިލް، ދިވެހިރާއްޖޭގެ "ސީ އޮފް ސްޓާސް" ބަލައިލުމަކީ ފަތުރުވެރިންގެ ބަކެޓްލިސްޓްގައި ހިމެނޭ ކަމެކެވެ.
ކޮވިޑް-19 އާއިއެކު ރާއްޖޭގެ ޓޫރިޒަމް ސެކްޓަރަށް ލިބުނު ގެއްލުމުން އަރައިގަންނަން މަސައްކަތް ކުރަމުން އަންނަ އިރު ރާއްޖެ ޕްރޮމޯޓް ކުރަން ވިޒިޓްމޯލްޑިވްސް ޕޭޖުން ވެސް މި ދަނޑިވަޅުގައި ރެދަން ބޭނުން ކުރެ އެވެ.
ދިވެހިރާއްޖޭގެ ހިތްގައިމު ގޮނޑުދޮށްތަކަކީ ގުދުުރަތީ ގޮތުން ރީތި ކަމުގެ ދެވަނައެއް ނެތް ތަނެކެވެ. ހިމުން، ހިމުން ހުދު ދޮންވެލިގަނޑަކާއެކު ވިލުނޫ މޫދަށް ހިތް ކިޔާއިރު، އިރުއޮއްސި ރޭގަނޑުގެ އަނދިރިވުމުން ވެސް މި ގޮނޑުދޮށްތަކުގެ ޖާދޫ ކުޑައެއް ނުވެ އެވެ. ރެދަން އޮއްސާލާފައި އޮންނަ އިރު އެއީ އަންތަރީހެކެވެ. އެހެންވެ ހަމަ ރާއްޖެ މާކެޓް ކޮށްލަން މުނާސަބެވެ.
ކަނޑުމަތި އެޅުމާއި ރެދަންލުމާ ކޮން ގުޅުމެއް؟
ރެދަން ލުން އާއްމުވެގެން އުޅޭ މި ދުވަސްކޮޅު އެއްބަޔަކު މި ވާހަކަ ދައްކަނީ ބިރުވެރި ކަމެއްގެ ގޮތުގަ އެވެ. އެއީ "ކަނޑުމަތިއަޅާއިރު" ކަނޑުގައި ރެދަން ލާ ކަމަށް އިހުއްސުރެ ކިޔައި އުޅޭތީ އެވެ.
މެރިން ބައޮލޮޖިސްޓެއް ކަމުގައިވާ ޑރ. އަބްދުﷲ ނަސީރު ވިދާޅުވި ގޮތުގައި ކަނޑުގެ ދިރުން މުއްސަނދި ދިވެހިރާއްޖޭގައި އިހު ޒަމާނުއްސުރެ "މެރީން ބައޮލުމިނިސަންސް" ތަޖުރިބާ ކުރެ އެވެ. އެކަމަކު އޭރު އެކަން ސިފަ ކުރަނީ ކަނޑުގައި ދިމާވާ ރޫހާނީ އަދާޔާ ހިލާފު ބިރުވެރިކަމެއްގެ ގޮތުގަ އެވެ.
އެ ޒަމާނުގައި ވެސް ރޭގަނޑުގެ ވަގުތު ގޮނޑުދޮށުން ހިނގާނަމަ "ބައޯލުމިނަންސް" ތަޖުރިބާ ކުރެެވެ އެވެ. އެއީ މިހާރު ހުޅުމާލެއިން މި ފެންނަ ބައޮލުމިނެންސް ފަދައިންނެވެ. މީއީ ދިރުން ހުންނަ އެއްޗެއް، ކެމިކަލް ރިއެކްޝަނެއްގެ ސަބަބުން އައްޔެއް ދޫ ކުރުމެވެ.
ކަނޑުގެ ދިރުން ކަމުގައިވާ ބެކްޓީރިއާ، ސިންގަލް ސެލް ޕްލަންކްޓޯނިކް އޯގަނިޒަމްސް، މަހާއި ސްކުއިޑް ފަދަ ބާވަތްތަކަކީ އަލި ދޫކުރާ އެއްޗެއްސެވެ. އެހެން ކަމުން އެއްތަނުން ރެދަން އަޅައިފިނަމަ ކައިރީގައިވާ އެހެން ދިރުންތަކުން އަލި ދޫކުރަން ފަށަ އެވެ. މިއީ "ކަނޑުމަތިއަޅައިގެން" އެކި އެކި ސަރަހައްދު ދިއްލޭ ސަބަބެވެ.
އެހެން ދިމާވަނީ އެއީ އެ ދިރުންތަކަށް ސިގްނަލަަކަށް ވާތީ އެވެ. ކުރީ ޒަމާނުގައި ފެނުގެ މަތީ ފަށަލައިގައި ހުންނަ ދިރުމުން ދޫކުރާ އައްޔެއްކަން ނޭގެނީ އެވެ. އަދި މިހާރު ކަނޑުމަތި އަޅައިގެން ނޫޅެނީ އެއްވެސް އަލިކަމެއް ނެތި ދަތުރު ނުކުރާތީ އާއީ ރޭގަނޑު ކަނޑުދަތުރު ކުރުން މަދުވުމާއެކު އިންޖީނު އުޅަނދުގައި ދަތުރު ކުރާއިރު އެކަން ތަޖުރިބާ ނުކުރެވޭތީ އެވެ.
ކަނޑު ތަޣައްޔަރު ވާތީ ވާކަމެއްތަ؟
ސޯޝަލް މީޑިއާގައި ވާހަކަ ގިނަ ކޮށްލައިގެން އުޅޭ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ރެދަން ލައިގެން އެ ބަލަން ދިއުމަކީ ވަރަށް މޮޔަ ކަމެކެވެ. އަދި އެއީ ކަނޑު ތަޣައްޔަރުވެފައިވުމުގެ ނިޝާނެކެވެ. އެކަމަކު އަބްދުﷲ ނަސީރު ވިދާޅުވި ގޮތުގައި އެކަމަކީ ކަނޑުގެ ތަޣައްޔަރުވުމާއި ގުޅުން ހުރި ކަމެއް ނޫނެވެ. އެއީ ގުދުރަތީ ކަމެއްގެ ސަބަބުން "އަލްގީ ބްލޫމެ" އް އައިސްގެން ވާ ކަމެކެވެ.
ސޯޝަލް މީޑިއާއަށް ރެދަންލާ ވާހަކަ އެންމެ ފުރަތަމަ ތިލަކޮށްލީ ޑައިވަރެއް އަދި ތިމާވެށީގެ ކަންކަމުގެ އަޑުއުފުލާ ޝާޒިޔާ (ސާޒު) ސައީދެވެ. ސާޒު ބުނި ގޮތުގައި އޭނާއަށް ހުޅުމާލެއިން ރެދަން ފެނުނީ ރުއްބުއްޑެއް އޮޔާދާތީ އެ ރުއްބުޑު ދުރަން ލާން އުޅެނިކޮށެވެ.
"ރެދަން ލާނެ ކަމުގެ ނިޝާނެއް ރެޑް އަލްގީ ލުމަކީ. އެވެސް އެ ސަރަހައްދުން ފެނުނު. މި އާދަޔާ ހިލާފު މަންޒަރު ވީހާވެސް ގިނަ ބަޔަކަށް ދައްކާލުމަށް ބޭނުންވި. އެހެންވެ ފޮޓޯގްރާފަރެއް ގޮވައިގެން ގޮސް ފޮޓޯ ނެގީ. އެންމެ ރީތިކޮށް ފެންނަނީ ދަންވަރު ދިޔަ ބޮޑުވާއިރު ރާޅުޖަހާ ގަޑީގައި. މިދުވަސްވަރަކީ މަންތާ އަދި ވޭލްޝާކް މާލޭގެ އުތުރުން ބޮޑު ހިއްޗާއި ދިމާލަށް ދަތުރުކުރާ ވެސް ދުވަސްވަރު. އިރުވައި މޫސުން ފެށި ވައި ބަދަލުވެވެފައި މިއޮތީ. ވަރަށް މުހިއްމު ކުޑަކުދިން ރެދަން ބަލަން ގޮސް ބުލޫބޮޓްލް [ފިރުއައުނު މުދާ] އަށް ސަމާލުވުން. ރެދަން ބަލަން ދާ މީހުން ގެންދާ އެކި ކަހަލަ ފުޅި އާއި ޕެކެޓް ގޮނޑުދޮށަށް އުކާ ނުލަން ވެސް ސަމާލު ވާންވާނެ"
ހުޅުމާލޭގެ ސަރަހައްދުގައި މޫދަށް އެރޭ ފަރާތްތަކުން މި ޖެލީ ފިޝްތަކަށް ސަމާލުވުމަށް ވެސް "ތިމާވެށީގެ މީހުން" ވަނީ އެދިފަ އެވެ. އަދި ރެެއެކޭ އެއްގޮތަށް މިރޭ ވެސް ހުޅުމާލޭގައި ގޮނޑުދޮށުން މި އާދަޔާ ހިލާފު މަންޒަރު ފެންނާނެ އެވެ. ރާއްޖޭގެ ގުދުރަތީ ވެށިން ފެންނަ މި ޗާލު ކަން ބަލާލަން ޖައްސާލަން ސަޅި ނޫންހެއްޔެވެ؟ ދޭބަލާށެވެ.