ރާއްޖޭގެ ވިލުފަޅާއި މޫދާއި ކަނޑުތަކުގައި މިހާރު އޮތީ ޕްލާސްޓިކާއި ކުނީގެ މާހައުލެކެވެ. އޭގެ ސަބަބުން ރާއްޖޭގެ ކަނޑު ފަޅުގެ ދިރުމަށް އިންތިހާ ބޮޑު، ގެއްލުންތައް ވަމުންދާއިރު އެ ގެއްލުމުގެ އަގު ދައްކަން ވެސް ޖެހޭނެ އެވެ. ކަނޑުގެ ލޮނުގަނޑު އުފުލިގެން ޖަޒީރާ ރާއްޖެ ގެނބުުމުގެ ބިރާ އެއްވަރަށް ޕްލާސްޓިކްގެ ކަނޑެއްގައި ރާއްޖެ ގެނބި ޣަރަގު ވެގެން ހިނގައިދާނެ ކަމުގެ ބިރު ވެސް އެބައޮތެވެ. ޕްލާސްޓިކްގެ ކާރިސާއަކުން ރާއްޖެއަށް ދެން ސަލާމަތް ވެވެން އޮތީ ޕްލާސްޓިކް ބޭނުން ކުރުން މަދު ކޮށްގެނެވެ. އެކަށް ހުއްޓާލެވެން ހުރި ބާވަތްތައް އެކަށް ހުއްޓާލައިގެނެވެ.
ޕްލާސްޓިކާ ދުރުވާން ރާއްޖެއިން މުހިއްމު ފިޔަވަޅެއް އަޅާފައި ވެއެވެ. އެކަން އިއުލާން ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އދ. ގެ އާންމު މަޖިލީހުގެ 74 ވަނަ ބައްދަލުވުމުގެ ހަވާސާގައި އޮތް ކްލައިމެޓް ސަމިޓުގެ ތެރޭގަ އެވެ. ސެޕްޓެމްބަރު، 2019 ގައި ރައީސް އިއުލާން ކުރެއްވީ އެއް ފަހަރު ބޭނުން ކޮށް އުކާލާ ޒާތުގެ ޕުލާސްޓިކު ރާއްޖޭގައި ބޭނުން ކުރުން 2023 ގެ ނިޔަލަށް ހުއްޓާލާށެވެ.
އެ ނިންމުމަކާއެކު ރާއްޖެއަކީ ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލާފައިވާ ގައުމަކަށްވާން ކުރާ ރަނގަޅު ދަތުރެއް ފެށި އެވެ. އެކަމަށް ވަރަށް މުހިއްމު މަސައްކަތެެއް ވެސް ޑިސެމްބަރު 2020 ގެ ތެރޭގައި ސަރުކާރުން ފެށި އެވެ. ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓު ގާނޫނަށް ރައީސްގެ ގަރާރެއްގެ ދަށުން ބަދަލެއް ގެނެސް ސިންގަލް ޔޫސް ޕްލާސްޓިކް ގޮތުގައި 12 ބާވަތެެއް ޖޫން 1، 2021 އިން ފެށިގެން ރާއްޖެއަށް އެތެރެކުރުން މަނާ ކުރި އެވެ.
ރިޔާސީ އެ ގަރާރުގައިވާ ގޮތުން ރާއްޖެ އެތެރެ ކުރުން މަނާ ބާވަތްތަކުގެ ތެރޭގައި ހިމެނޭ "ސިންގަލް ޔޫޒް ޕްލާސްޓިކް" ގެ ބާވަތްތަކަކީ ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ހޮޅި އާއި ޕްލާސްޓިކް ތައްޓާއި ސަމުސަލާއި ވަޅި އާއި އުލާއި ދިޔާތަކެތި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅާއި ކާބޯތަކެތި ބަންދު ކުރަން ބޭނުން ކުރާ ސްޓައިރަފޯމް ޕެކާއި ބާޒާރު ކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅެވެ.
އިތުރަށް ޕްލާސްޓިކްގައި ބަންދު ކޮށްފައި އިމްޕޯޓްކުރާ ސުޕާރީ އާއި 250 މިލިލީޓަރަށް ވުރެ ކުޑަ ސިންގަލް ޔޫސް ކޮފީތައްޓާއި ޕްލާސްޓިކް ދަނޑިކޮޅު ލީ ކަފަބުރާއި 50 މިލިލީޓަރާއި އެއަށްވުރެ ކުދި ޝޭމްޕޫ އާއު ސައިބޯނި ފުޅި އާއި ރާއްޖެއަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށް ވުރެ ކުދި -- ފެނާއި ލުއި ބުއިން ހިމެނޭ ގޮތަށް -- ޕެޓް ފުޅި އެވެ.
އެ ތާރީހު އައި ނަމަވެސް ރިޔާސީ އެ ގަރާރަށް ރައީސް ސޯލިހު ވަނީ އިސްލާހެއް ގެންނަވާ ވަނީ "ޕްލާސްޓިކް ދަތުރު" ފަސް ކޮށްލައްވާފަ އެވެ. އިމްޕޯޓް ކުރުން މާނަ ކުރުމަށް ފުރަތަމަ ކަނޑައެޅުއްވި ބައެއް ތަކެއްޗަށް ދުލެއް ދެއްވައި ފިޔަވަޅު ލަސް ކޮށްލަން ވަނީ ނިންމަވާފަ އެވެ.
ކާބޯތަކެތި ބަންދު ކުރާ ސްޓައިރަފޯމް ޕެކް އިމްޕޯޓް ކުރުން މަނާ ކުރާ ތާރީހު ފަސް ކޮށްފައި ވަނީ ޑިސެމްބަރު 31، 2021 ގެ ނިޔަލަށެވެ. އަދި ކުރިން 500 އެމްއެލަށް ވުރެ ކުދި ޕެޓް ފުޅީގައި ހިމެނޭ ހުރިހާ ބުއިމެއް އިމްޕޯޓް ކުރުން މަނާ ކޮށްފައިވާ އިރު މިހާރު ވަނީ ފެން ފިޔަވައި އެހެނިހެން ބުއިންތައް އިމްޕޯޓް ކުރުން މަނާ ކުރުން އެއް އަަހަރަށް ފަސް ކޮށްފަ އެވެ.
މި ބަދަލުތަކާއި ހެދި "ސިންގަލް ޔޫސް ޕްލާސްޓިކް ފޭސް އައުޓް" ޕްލޭނަށް ބުރުލެއް އަރާނެ އެވެ. މިއީ 2023 އަށް ކަނޑައަޅާފައިވާ ގޯލަށް ވާސިލުވުމުގެ ދަތުރުގައި ފަހަތަށް އެޅި ފިޔަވަޅަކަށް ވާނެ އެވެ. ކީ އެއްޗަކާ އަމަލާ ދިމަލެއް ނުވާނެ އެވެ.
ތިމާވެށީގެ ދާއިރާގެ ބައެއް ބޭފުޅުންގެ ނަޒަރުގައި މި ބަދަލުގެ އިތުރުން ސަރުކާރު ސިޔާސަތުތަކުގެ ބައެއް ފުށު އެރުމާއި އެކަށީގެންވާ ވަރަށް ގޯލް ހާސިލް ކުރަން ސަރުކާރަަށް މަސައްކަތެއް ނުކުރެވެ އެވެ.
ރާއްޖޭގައި ކުނި މަދު ކުރަން ގޮވާލާ ޖަމިއްޔާއެއް ކަމުގައިވާ "ޒީރޯވޭސްޓްއެމްވީ" ގެ ކޯފައުންޑާ އަހުމަދު އަފުރާހު އިސްމާއީލް ވިދާޅުވި ގޮތުގައި 2023 ވަނަ އަހަރާ ލައްއްވާލާއިރަށް "ސިންގަލް ޔޫސް ޕްލާސްޓިކު ފޭސްއައުޓެ" ކުރަން ދިވެހި ސަރުކާރުގެ އަޒުމެއް އޮތް ނަމަވެސް އެ ކަމަށް ކުރަންޖެހޭ ރަނގަޅު މަސައްކަތް ހިނގަނީ ވަރަށް މަޑު ދުއްވެއްޔެއްގަ އެވެ.
"2012 ގައި ތިމާވެއްޓާއި ރައްޓެހި ކޮތަޅެއް ކަނޑައަޅާ ވަކި މިންގަނޑެއް ތައްޔާރުކޮށް ބައޯޑިގްރޭޑަބަލް ޕްލާސްޓިކް ކޮތަޅު ރާއްޖެއަށް އެތެރެ ކުރެވެން ފެށުނު. 2012 ވަނަ އަހަރު ވެސް ވަރަށް ބައިވަރު ދިރާސާ ހުރި މިފަދަ ކޮތަޅަކީ އެންމެ ރަނގަޅު އެއްޗެއް ނޫން ކަން. އޮކްސީބައޯޑިގްރޭޑަބަލް ކޮތަޅު ވެސް ބަދަލުވަނީ މައިކްރޯޕްލާސްޓިކަށްކަން. އެ ކޮތަޅުތައް އިމްޕޯޓް ކުރުން ހުއްޓައި ލެވޭ ތަން މި ފެންނަނީ އަދި ކިރރިޔާ، އެއީ ވަރަށް ބޮޑު ވިން އެއް. އެކަމަކު މި ފޭސްގަ އެއް ނޫން މި ކަން ކުރެވެން ވާނީއެއް" އޭނާ ވިދާޅުވި އެވެ. "އަދި މިހާރު ސިންގަލް ޔޫސް ޕްލާސްޓިކް ހުއްޓާލަން މަސައްކަތް ކުރާ އިރު ސްޓައިރަފޯމް އިން ހަދާފައިވާ ކާބޯތަކެތި ބަންދު ކުރާ ޕެކު އިމްޕޯޓް ކުރުން ލަސް ކުރުން އެއީ ކުރަން ހެޔޮވާ ވަރު ކަމެއް ނޫން."
ތަޖުރިބާކާރު ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ސްޓައިރަފޯމްގައި ކާބޯތަކެތި ބަންދު ކުރުމަކީ ސިއްހީ ގޮތުން ވެސް މާ ރަނގަޅު ކަމެއް ނޫނެވެ. އަދި އޭގެ ބަދަލުގައި ބައިވަރު އެހެން އޮޕްޝަންތައް ވެސް އެބަހުއްޓެވެ.
"މި [ސްޓައިރަފޯމް] ލަސް ކުރުމުން ފައިދާ ބޮޑީ ހަމައެކަނި މި ތަކެތި އިމްޕޯޓްކުރާ މަދު ބަޔަކަށް އެކަނި. މި ލަސްކުރުމާއެކު އޭގެ މާލީ ގޮތުން ގެެއްލުން ވެސް ވާނީ ސަރުކާރަށް. ސަބަބަކީ ސްޓައިރަފޯމް ނައްތާލުމަށް ކުރަންޖެހޭ މަސައްކަތް، ކުނި މެނޭޖް ކުރާ ސިސްޓަމަށް ވެސް އޮތް ބުރައަކަށް ވާާނެ" ތިމާވެށީގެ ތަޖުރިބާކާރަކު ވިދާޅުވި އެވެ.
ފާހަގަވާ އެއް ކަމަކީ ރާއްޖޭގައި ސްޓައިރަފޯމްގައި އާއްމުކޮށް މި ކިޔާ "ބަތްޕާރުސަލް" ޕެކެޓެއް ގައި ކާބޯތަކެތި ޕެކްކޮށް ޑެލިވަރީކުރާ ގިނަ ފަރާތްތަަކަކީ ކެފޭ / ރެސްޓޯރަންޓް ހިންގުމުގައި ގިނަ ދުވަސް ވީ ބޮޑެތި ވިޔަފާރިތަކެވެ. އަލަށް އުފެދިގެން އަންނަ ކުދި ވިޔަފާރިތަކުގައި ކާބޯތަކެތި ބަންދުކޮށް ޑެލިވަރީ ކުރަނީ އެލުމިނިއަމް ފޮއިލް ޕެކޭޖިން އާއި ކަރުދާސް ޕެކެވެ. އެހެން ކަމުން ސްޓައިރަފޯމް އިމްޕޯޓް ކުރުން މަނާ ކުރުން ލަސް ކުރުމަކީ ނުފޫޒު ގަދަ، ކެފޭ ވިޔަފާރިތައް ހިންގާ ފަރާތްތަކުން، އެ ފެކޭޖިން ތިމާވެއްޓާއި ރައްޓެހި ގޮތަށް ބަދަލު ކުރުމުގެ ބަދަލުގައި ސަރުކާރަށް ކުރާ ޕްރެޝަރެއްގެ ނަތީޖާ އެވެ.
ޔޫއެންޑީޕީގެ އެހީއާއެކު "ޒީރޯވޭސްޓްއެމްވީ" އާއި "ޕްލާސްޓިކް ނޫން ގޮތެެއް" ޖަމިއްޔާ އިން ހެދި ދިރާސާއެއް ބުނާ ގޮތުން ސްޓައިރަފޯމަކީ ކާބޯތަކެތި ސްޓޯރު ކުރުމަށް ރައްކާތެރި އެއްޗެއް ނޫނެވެ. ސަބަބަކީ ސްޓައިރަފޯމް ގައި ހިމެނޭ ސްޓްއިރީން އަކީ ކެންސަރަށް މަގު ފަހިކުރާ އެއްޗެެކެވެ. އަދި ހޫނު ކާބޯތަކެތި މި ފަދަ ކޮންޓެއިނަރު ތަކަށް އެޅުމުން ސްޓައިރީން އާއި ކާބޯތަކެތި އެއްވެ މި ވިހަ މާއްދާއެއް އިންސާނުންގެ ހަށިގަނޑަށް ދިޔުމުގެ ފުރުސަތު އޮވެ އެވެ.
"2012 ގައި ތިމާވެއްޓާއި ރައްޓެހި ކޮތަޅެއް ކަނޑައަޅާ ވަކި މިންގަނޑެއް ތައްޔާރުކޮށް ބައޯޑިގްރޭޑަބަލް ޕްލާސްޓިކް ކޮތަޅު ރާއްޖެއަށް އެތެރެ ކުރެވެން ފެށުނު. 2012 ވަނަ އަހަރު ވެސް ވަރަށް ބައިވަރު ދިރާސާ ހުރި މިފަދަ ކޮތަޅަކީ އެންމެ ރަނގަޅު އެއްޗެއް ނޫން ކަން. އޮކްސީބައޯޑިގްރޭޑަބަލް ކޮތަޅު ވެސް ބަދަލުވަނީ މައިކްރޯޕްލާސްޓިކަށްކަން. އެ ކޮތަޅުތައް އިމްޕޯޓް ކުރުން ހުއްޓައި ލެވޭ ތަން މި ފެންނަނީ އަދި ކިރރިޔާ، އެއީ ވަރަށް ބޮޑު ވިން އެއް. އެކަމަކު މި ފޭސްގަ އެއް ނޫން މި ކަން ކުރެވެން ވާނީއެއް"އަހުމަދު އަފުރާހު އިސްމާއީލް | ޒީރޯ ވޭސްޓް އެމްވީ
ތިމާވެށީގެ ނަަޒަރަކުން ބަލާއިރު އެއީ ރީސައިކަލް ކުރެވޭ އެއްޗެއް ވެސް ނޫނެވެ. އޭގެ ނަތިޖާއަކީ އެންދުން / އިންސިނިރޭޓް ކުރުން ނޫން ގޮތެެއް އޭގައި ނޯވެއެވެ. ސްޓައިރަފޯމް އަންދާ އިރު އުފެދޭ ކާބަން މޮނޮއޮކްސައިޑަކީ އިންސާނުންގެ ނޭވާލުމުގެ ނިޒާމަށް އޮތް ބޮޑު ނުރައްކަލެކެވެ.
އެ ރިޕޯޓް ބުނާ ގޮތުން ސްޓައިރަފޯމް ގައި ހިމެނޭ ޕޮލިސްޓަރިން މާއްދާ ކަނޑުގެ ދިރުން ތަކުން ފެނެ އެވެ. ސަބަބަކީ ޕޮލިސްޓަރީން ބަދަލު ވަނީ މައިކްރޯ ޕްލާސްޓިކަށެވެ. އެތަކެތި ކަނޑުން ފެނި ކުދި މަސްތައް އެކައި ބޮޑެތި މަސްތަކުގެ ބަނޑަށް ވެސް ދަނީއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އަހަރުމެން ބާނާ މަހުގައި ވެސް އެ ތަކެތި އެކުލެވެ އެވެ.
ފަސް ސަތޭކަ އެމްއެލަށް ވުރެ ދަށް ބުއިން ހިމެނޭ ފުޅި އެތެރެ ކުރުން އެއް އަހަރަށް ލަސް ކޮށްފައިވާ އިރު ފާހަގަ ކޮށްލެވޭ ކަމަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކި ފަރާތްތަކުން ހަދާ ގޮނޑުދޮށް ސާފު ކުރުމުގެ އިވެންޓްތަކުގައި އެއް ކުރާ ކުނިބުނީގެ ބާވަތްތަކަށް ބަލާއިރު އެންމެ ބޮޑު އެއް ބަޔަކީ އެއް ލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފުޅިތަކެވެ.
"ސޭވް ދަ ބީޗް މޯލްޑިވްސް" އިން ބުނާ ގޮތުގައި ރާއްޖޭގެ އެންމެ ބޮޑު އެއް މައްސަލައަކީ ސިންގަލް ޔޫސް ޕްލާސްޓިކެވެ. އެ މީހުން ރާއްޖޭގެ އެކި ގޮނޑުދޮށް، ފަޅު އަދި ފިނޮޅު ސާފު ކުރުމުގެ ހަރާކާތްތައް ބޭއްވުމަށް ފަހު ހަދާ ލިޓާ އޮޑިޓްތަކުން ދައްކަނީ ގޮނޑުދޮށަށް އެޅޭ ޕްލާސްޓިކު ކުނީގެ ބޮޑު ބަޔަކީ ސިންގަލް ޔޫސް ޕްލާސްޓިކެވެ. އެއީ ފުޅި އާއި ކާބޯތަކެތި ބަންދު ކުރާ ޕެކާއި ކޮތަޅާއި ސުޕާރީ ޕެކެޓެވެ.
މޯލްޑިވިއަން އޯޝަން ޕްލާސްޓިކް އެލައަންސް (މޯޕާ) އިން އެކުލަވާފައިވާ ރިޕޯޓެއްގައި ބުނާ ގޮތުގައި ރާއްޖޭގައި އަހަރެއްގެ މައްޗަށް 365،000 ޓަނުގެ ކުނި އުފެދެ އެވެ. އަދި އޭގެ 12 ޕަސެންޓަކީ ޕްލާސްޓިކް ކުންޏެވެ. ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރުން 2023 ދޫކޮށްލަން މަސައްކަތް ކުރާ އިރު ސަރުކާރުގެ ބައެއް ޕޮލިސީތަކުގައި ފުށުއެރުންތައް އެބަހުއްޓެވެ. އަދި އެކަށީގެންވާ ވަރަށް އާއްމުން ހޭލުންތެރިކަން މިހާތަނަށް މަސައްކަތް ކޮށްފައެއް ވެސް ނުވެއެވެ. ސަރުކާރުގެ ބައެއް އަމަލުތަކުން މިކަމަށް ކުރިމަތިވާ ހުރަސްތައް ވެސް މަދެއް ނޫނެވެ.
އެއްކަމެއް ޔަގީނެވެ؛ ސަރުކާރުން ކަނޑައަޅާފައިމިވާ ގޯލަށް ވާސިލް ވެވެން އޮތީ މުޅި ރާއްޖެ މަސައްކަތް ކޮށްގެންނެވެ. ޕޮލިސީ ލެވެލުން ފެށިގެން ވިޔަފާރިތަކާއި އާއްމު މީީހާގެ އެއްބާރުލުމާއެކު ނޫނީ "ޕްލާސްޓިކް ދަތުރު" ފުރިހަމަ ކުރެވޭކަށް ނެތެވެ. ސަބަބަކީ ޖަޒީރާ ދިރިއުޅުމުގެ ތެރެއަށް ޕްލާސްޓިކް ވަދެފައިވާ މިންވަރު ބޮޑު ކަމާއި ޕްލާސްޓިކާ ނުލައި އާ ގޮތަކަށް ދިރިއުޅެން ޖަޒީރާ ތަކުގެ މީހުން ދަސްކުރަން ޖެހޭނެތީ އެވެ.