ތިމާވެށި

ދިވެހިން ތިމާވެށި ރެފިއުޖީންނަށް ހަދަނީ ދުނިޔެ

މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ފޯރާނެ އެއް ގައުމަކީ ރާއްޖެ އެވެ. ތިމާވެށީގެ މައްސަލަތަކުގައި އެންމެ ނުރައްކާތެރި ހާލަތެއް ކުރިމަތިވާނެ އެއް ގައުމަކީ ވެސް ރާއްޖެ އެވެ. ދިވެހިންގެ މުޅި އިގްތިސޯދު ބިނާވެފައިވަނީ ގުދުރަތީ ގޮތުން ރާއްޖެއަށް ލިބިފައިވާ މުއްސަނދިކަމުގެ މައްޗަށެވެ. ކަނޑުފަޅުގެ ދިރުންތަކުގެ މައްޗަށެވެ. އެކަމަކު ތަަރައްގީވެފައިވާ ގައުމުތަކުގެ ސަބަބުން ހާއްސަކޮށް އެ ގައުމުތަކުން ޖައްވަށް ދޫކުރާ ވިހަ ގޭސްތަކާ ގުޅިގެން ދުނިޔޭގެ ތިމާވެއްޓަށް ބޮޑެތި ބަދަލުތައް އައިސް މޫސުމީ ބޮޑެތި ކާރިސާތަކާ ދުނިޔެ ވަނީ ކުރިމަތިލާން ޖެހިފަ އެވެ. ރާއްޖޭގެ ކަނޑުފަޅުގެ ދިރުންތަކަށް އަސަރުކުރާއިރު ކުދި ޖަޒީރާ ރަށްތައް ވަނީ ނާޒުކު ހާލަތަކަށް ވެއްޓިފަ އެވެ. ކަނޑުގެ ލޮނުގަނޑު އުފުލޭ ކަމަށް ވިދާޅުވެ ތިމާވެއްޓާ ބެހޭ މާހިރުން އަންނަނީ އިންޒާރުތައް ދެމުންނެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ހުރި ނުރައްކަލުގެ އިންޒާރު އަހަރުން އަހަރަށް ދަނީ މަތިކުރަމުންނެވެ. ރާއްޖެއަށް ވާރޭ ވެހޭ މިންވަރު ވެސް ދަނީ މައްޗަށެވެ. ކަނޑުގެ ލޮނުގަނޑު އަހަރުން އަހަރަށް އުފުލި ރާއްޖޭގައި އުދަ އަރާ ރަށްތައް ގިނަވެ ލިބޭ ގެއްލުން ދަނީ އިތުރުވަމުންނެވެ. ރާއްޖެއަށް މިއަދު އޮތް އެންމެ ބޮޑު އެއް މައްސަލަ އަކީ ރާއްޖޭގެ ރަށްތައް ގިރުމެވެ. އެކި ލެވެލްގައި އެކި ވަރަށް ރަށް ދަނީ ގިރަމުންނެވެ. ތިމާވެށީގެ މާހިރުން ބުނާ ގޮތުފައި ރަށް ގިރަނީ ކޮންމެ އަހަރެއްގެ ވެސް އިރުވައި މޫސުމާ ދިމާކޮށެވެ. ރަށް ގިރުމަކީ ރައްޔިތުން ކަންބޮޑުވާ މައްސައެކެވެ. ގޮނޑުދޮށްތަކުގެ ވަށައިގެން ހޭޅިފަށުގައި ހައްދާފައިވާ ބިޔަ އެތައް ގަސްތައް ވެސް ވެއްޓެނީ އެވެ. ގޮނޑުދޮށް ހިމާޔަތްކޮށްދިނުމަށް ރައްޔިތުން އެތިބެނީ ސަރުކާރުގައި އެދި އެދި އެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އިންޓަގަވަރުމަންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖު (އައިޕީސީސީ)ން މިމަހުގެ ކުރީކޮޅު ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދުނިޔޭގެ މޫސުމީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ވަރަށް ހަލުވިކޮށް އައިސްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މިހާތަނަށް ފެނިފައި ނުވާ ފަދަ ބަދަލުތަކެއް ފެނުން އެކަށީގެންވާ ކަމަށެވެ. ޖަށްވަށް ބޭރުކުރާ ވިހަ ގޭހުގެ ސަބަބުން ބައެއް ހިސާބުތަކަށް ވިއްސާރަ ކުރާ މިންވަރު އިންތިހާއަށް އިތުރުވެ، ފެންބޮޑުވުމުގެ ކާރިސާތައް އިތުރުވެ، އަނެއްބައި ހިސާބުތަކަށް ވާރޭވެހޭ މިންވަރު އިންތިހާއަށް ދަށްވެގެން ހިނގައިދާނެ ކަމަށް ފާހަގަކޮށްފައިވެ އެވެ. ހަމަ އެހެންމެ ދުނިޔެ ފެނަށް ޖެހުން އިތުރުވެފައިވާ ކަމަށާއި އަދި ދުނިޔޭގެ ކަނޑުގެ ލޮނުގަނޑު މި ގަރުނުގެ ތެރޭގައި ހުއްޓުމެއް ނެތި އުފުލެމުން އަންނާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އޭގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކުގެ ގޮނޑުދޮށްތައް ގިރާ މިންވަރު އިތުރުވެ ފެންބޮޑުވާ މިންވަރު ވެސް އިތުރުވާނެ އެވެ.

ދެ ޑިގްރީސް ސެލްސިއަސްގައި ދުނިޔޭގެ ފިނިހޫނުމިން ހުންނަނަމަ، ޖައްވު ހޫނުވުމުގެ ސަބަބުން ނިކުންނަ ކާރިސާތައް އިތުރުވެ، ސިއްހީ ގޮތުން ކުރާ ނޭދެވޭ އަސަރު އިތުރުވެ، ދަނޑުތައް ހަލާކުވެ އަދި މިކަމުގެ ސަބަބުން ކާބޯތަކެތީގެ ޔަގީންކަން ކަށަވަރު ކުރުމަށްވެސް ދަތިވުން އެކަށީގެންވޭ
ރިޕޯޓް | އައިޕީސީސީ

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް އޮތް ނުރައްކާ ބޮޑު ކަމުން ރާއްޖޭގެ ކޮންމެ ސަރުކާރަކުން ވެސް ބައިނަލްއަގްވާމީ އެކި ޕްލެޓްފޯމްތަކުގައި އަޑުއުފުލަ އެވެ. ދުނިޔޭގެ ތިމާވެއްޓަށް މިއަންނަ ބޮޑެތި ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބޭނެ ގައުމަކީ ރާއްޖެ ކަން އެއީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. ސަބަބަކީ އެފަދަ ގެއްލުންތަކާ ކުރިމަތިލާނެ އަމިއްލަ ފުދުއްތެރިކަން ރާއްޖޭގައި ނެތީ އެވެ. ގުދުރަތީ ގޮތުން ވެސް ތިރި ޖަޒީރާ ގައުމަކަށްވީތީ އެވެ. އެހެން ގައުމުތަކުގެ އެހީތެރިކަމަށް ބަރޯސާވެފައި އޮތް ގައުމަކަށްވީތީ އެވެ.

ރާއްޖޭގެ ރަށްތައް ގިރާ މައްސަލައަށް ހައްލު ހޯދުމަށް ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތައް ކޮންމެ ސަރުކާރަކުން ވެސް ހިންގަ އެވެ. އެކަމަކު ރާއްޖެ ފަދަ ފުދުންތެރިކަމެއް ނެތް ގައުމަކަށް އެއީ އުފުލަން ދަތި މާލީ ބޮޑު ބުރައެކެވެ.

"187 ރަށުގައި މިހުން ދިރިއުޅޭއިރު ކޮންމެވެސް ލެވެލެއްގައި ނުގިރާ ހަމަ އެންމެ ރަށެއްވެސް ނެތް. ރަށްތަކުގެ ހިމާޔަތުގައި އަޅުގަނޑުމެން މަސައްކަތްކުރަން ޖެހޭނެ. ނަމަވެސް އެއީ ވަރަށް ބޮޑު އަދަދެއް އަދި ވަރަށް ބޮޑު ހަރަދެއް. މިހާތަނަށް ތިން ރަށް ހިމާޔަތްކުރުމަށްޓަކައި މި ސަރުކާރުން ކުރި މަސައްކަތުން އެކަނި 43 މިލިއަން ރުފިޔާ ހޭދަވެއްޖެ. ތިން ރަށުގެ ވާހަކަ މިދަންނަވަނީ. މިހާރު ކުރިއަށްދާ މަޝްރޫއުތަކަށް ބަލާއިރު 15 ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރަން 260 މިލިއަން ރުފިޔާ އެބަ ހަރަދުކުރޭ. ވަރަށް ގިނަ ރަށްތައް ޑިޒައިންކޮށް ސާވޭ ކުރަމުން އެބަދޭ،" ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގެ މުގައްރިރު އަހްމަދު ސަލީމް ވިދާޅުވި އެވެ.

ތިމާވެށީގެ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ސަލީމް މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ފައިސާއަށް ރާއްޖެ ޖެހިފައިވާ ސަބަބު ވަރަށް ސާފުކޮށް ވިދާޅުވެ ދެއްވާފަ އެވެ، ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ބޭރުގެ ހިލޭ އެހީ ހޯދުމަކީ ދަތިކަމެއް ކަމަށް ސަމީލް ފާހަގަކުރެއްވި އެވެ. އޭގެ މިސާލަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޏ. ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ނެދަލޭންޑްސްގެ އޮރިއޯ ކުންފުނީގެ ހިލޭ އެހީ ހޯދުމަށް ކުރަންޖެހުނު ދިގު ދަތުރެވެ. ރައީސް ނަޝީދުގެ ވެރިކަން ބަދަލުވިތާ ނުވަ އަހަރު ވެފައިވާއިރު އަދި ވެސް އެ މަޝްރޫއު ނުފެށެ އެވެ. އެ މަސައްކަތް ފެށޭވަރު ވާނީ އަންނަ އަހަރު އެވެ. އެހެންކަމުން ތިމާވެށީގެ މައްސަލަތަކަށް ބޭރުގެ ހިލޭ އެހީ ހޯދުމަކީ ތަކުލީފް ބޮޑު މަސައްކަތެކެވެ.

ރާއްޖެއަށް ނެރޭ އެލާޓްތައް އަންނަނީ ނުރައްކާވަމުން

މޫސުމާ ބެހޭ ގައުމީ އިދާރާ އަކީ ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ އިންޒާރުތައް އަބަދުވެސް ދީދީ އޮންނަ އިދާރާ އެކެވެ. އެ ދުވަހެއްގެ މޫސުން ގޯސްކަމަށް ލަފާކުރެވޭނަމަ ދުރާލައި ރައްޔިތުންގެ ސަމާލުވުމަށް އަންގަ އެވެ. މޫސުމީ އިންޒާރުތައް ރާއްޖޭގައި އެންމެ ފުރަތަމަ ނެރެން ފަށައިފައިވަނީ 2011 ވަނަ އަހަރު އެވެ. އޭރު ނެރުނީ ހަމައެކަނި ވައިޓް އެލާޓެވެ. އެ އަހަރު ރާއްޖެއަށް 76 ވައިޓް އެލާޓް ނެރުނެވެ. 2011 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް 153 ވައިޓް އެލާޓް ރާއްޖޭގައި ނެރުނުވެ.

ދެހާސް ފަނަރަ ވަނަ އަހަރު ރާއްޖެއަށް ޔެލޯ އެލާޓް ތައާރަފް ކުރި އެވެ. އެއީ ނުރައްކާގެ މިންވަރު ތަންކޮޅެއް މަތި އެލާޓެކެވެ. އެ އަހަރު 15 ޔެލޯ އެލާޓް ނެރުނެވެ. 2019 ވަނަ އަހަރާ ހަމައަށް 354 ވައިޓް އެލާޓް އަދި 102 ފަހަރަށް ޔެލޯ އެލާޓް ނެރުނެވެ. މިދިޔަ އަހަރު އަނެއްކާ ވެސް ނުރައްކާ މިންވަރު އެއަށް ވުރެ މަތި، އެހެން އެލާޓެއް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރެން ފެށި އެވެ. އެއީ އޮރެންޖް އެލާޓެވެ. މިދިޔަ އަހަރު އައިއިރު 437 ފަހަރު ވައިޓް އެލާޓް އަދި 97 ޔެލޯ އެލާޓް ނެރުނެވެ. މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް 25 ފަހަރު ނުރައްކާތެރި އޮރެންޖް އެލާޓް ނެރުނެވެ.

ދެން އޮތީ ބޭންކުތަކަށް ދިއުމެވެ. ނަމަވެސް މިކަމަށް އޮތް ގޮންޖެހުމަކީ "ރިޓާން" އެއް ނުލިބޭތީ ބޭންކުތަކުން އިންވެސްޓް ކުރަން ބޭނުން ނުވުމެވެ. ކަމަކަށް އިންވެސްޓް ކުރާނަމަ އޭގެ ބަދަލުގައި ފައިދާއެއް ލިބެންޖެހެ އެވެ. ވިޔަފާރި އަކީ އެއީ އެވެ. މި މައްސަލައަށް ހައްލެއް ހޯދުމަށް އޮތް ހަމައެކަނި ގޮތަކީ އަމިއްލަ ޖީބުން ހަރަދުކުރުމެވެ. އަޅުގަނޑުމެންނަށް ލިބޭ ފައިސާ ބަޖެޓްކޮށްގެން އެކަމަށް ހަރަދުކުރުމެވެ. ނަމަވެސް ރާއްޖެ އަކީ އުފުލަން ޖެހިފައިވާ ދަރަނީގެ ބޮޑު ކަމުން ފުދުންތެރި ގައުމަކަށް ނުވާތީ ތިމާވެށީގެ މައްސަލަތަކަށް ބޮޑު ހަރަދެއް ކުރަން ގޮންޖެހުމަކަށް ވަނީ އެވެ.

"އަމިއްލަ ޖީބުން ހަރަދު ކުރުމަކީ އިންސާފެއް ނޫން. މިކަންކަމަކީ އަޅުގަނޑުމެންގެ ސަބަބުން ދިމާވާ ކަމެއް ނޫން. މިއީ އަޅުގަނޑުމެންގެ ކުށަކުން ނުވަތަ އިހުމާލަކުން ދިމާވާ ކަމެއް ނޫން،" ސަލީމް ވިދާޅުވި އެވެ.

މޫސުމީ މައްސަލަތައް ހައްލު ކުރުމަށް އެކި ގައުމުތަކަށް 100 ބިލިއަން ޑޮލަރު ދިނުމަށް ތަރައްގީވެފައިވާ ގައުމުތަކުން 2009 ވަނަ އަަހަރުގެ ކޮޕް ސަމިޓުގައި އެއްބަސްވި އެވެ. ނަމަވެސް ގައުމުތަކުން އެއްބަސްވި ގޮތަށް މިއަދާ ހަމައަށްވެސް އަމަލުކޮށްފައެއް ވެސް ނުވެ އެވެ.

"މި [ކޮޕް 26] ބައްދަލުވުމަށް އަޅުގަނޑުމެން ދާއިރު ވެސް [އެއްބަސްވި ވަރަށް އެހީ ނުލިބޭ]. އެހެން ނަމަވެސް މިދެންނެވިހެން
ރައީސުލްޖުމްހޫރިޔާ ވެސް އަޅުގަނޑުމެން ދެ މީހުންނަށް ވީމިންވަރަކުން ބައިނަލްއަގުވާމީ ދުނިޔޭގެ ސަމާލު ކަމަށް ދިވެހިރާއްޖެއާއި އަދި އެހެންވެސް ތިމާވެއްޓަށް ނާޒުކު ރަށްތަކަށް ހުރި މިންވަރު އިރާދަކުރެއްވިއްޔާ ފާހަގަކޮށްދޭނަން" ރައީސް ނަޝީދު ވިދާޅުވި އެވެ.

ކޮޕް26 ސަމިޓް ރާއްޖެއަށް ވަރަށް މުހިންމު

ކޮޕް26 ސަމިޓަކީ މޫސުމާ ބެހޭ އެންމެ ބޮޑު ސަމިޓެވެ. ދުނިޔޭގެ ހުރިހާ ގައުމެއްހެން ބައިވެރިވާ މި ސަމިޓުގައި މިފަހަރު ރާއްޖޭގެ ރައީސަކު ބައިވެރިވަނީ ނުވަ އަހަރަށް ފަހު އެވެ. ތިމާވެށީގެ މައްސަލަތައް ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރާއްޖެއަށް ދިމާވެފައިވާ ނުރައްކާތެރި ހާލަތު ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ކޮޕް ސަމިޓަކީ ރާއްޖެއަށް ވަރަށް މުހިންމު ސަމިޓެކެވެ.

ސްކޮޓްލެންޑްގެ ގްލާސްގޯގައި މާދަމާ ފަށާ ކޮޕް ސަމިޓުގައި ރާއްޖެއިން މުހިންމު ކަންތައްތަކެއް ދުނިޔޭގެ ސަމާލުކަމަށް ގެންނާނެ ކަމަށް އެނަވަޔަރަންމަންޓް މިނިސްޓަރު އައިޝަތު ޝައުނާ ވިދާޅުވެފައިވެ އެވެ. އެގޮތުން މޫސުމީ ބަދަލުތަކަށް ހަރަދުކުރާ ފައިސާ އިތުރުކުރުމާއި، ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތި ވިޔަ ނުދިނުމަށް ހުރިހާ ގައުމަކުން ވެސް ފިޔަވަޅުތައް އެޅުމަށް ގައުމުތައް އެއްބަސްކުރުވުން ހިމެނެ އެވެ.

ތަރައްގީވެފައިވާ ގައުމުތަކުން ޖައްވަށް ދޫކުރާ ގޭސްތައް ހުއްޓުވައި އިންސާނިއްޔަތު ކަމަށާއި އިގްތިސާދަށް އަދި ސިއްހަތަށް ދިމާވާ މުސީބާތްތަކުން ސަލާމަތްވުމަށް މި ސަމިޓުގައި އަޑުއުފުލުމަކީ ރާއްޖޭގެ އެންމެ ވަރުގަދަ އަމާޒެކެވެ.

ރާއްޖޭގެ ތިމާވެއްޓަށް ދިމާވެފައިވާ މައްސަލަތައް މި ސަމިޓްގައި ހިއްސާކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިނިސްޓަރު ޝައުނާގެ އިތުރުން ދިވެހި ސަރުކާރުގެ އިސް ވަފްދެއް ވެސް ބައިވެރިވެ އެވެ.

ރާއްޖޭގެ ރައްޔިތުންނަކީ "ތިމާވެށީގެ ރެފިއުޖީން" ނަށް ވެގެން އެއް ގައުމުން އަނެއް ގައުމަށް ހިޖުރަކުރާ ބަޔަކަށް ވާކަށް ދިވެހިން ބޭނުމެއް ނޫނެވެ. ކުރިމަތީގައި ހުރި ގޮންޖެހުންތަކާ އެކު ތިމާވެށީގެ މައްސަލަތަކަކީ ދާއިމީ ހައްލު ހޯދޭނެ ކަންކަމެއް ވެސް ނޫނެވެ. އެކަމަކު ހުރިހާ ގައުމެއް ގުޅިގެން ކޮންމެވެސް ހައްލެއް ހޯދޭނެ ކަމަށް ގަބޫލުކުރެވެ އެވެ. ރާއްޖެއިން އެ މަގަށް އަޑުއުފުލާނެ އެވެެ.