ތިމާވެށި

ގޮންޖެހުންތަކުގެ ތެރެއިން ނަމޫނާ ނިންމުންތަކެއް

Nov 3, 2021

ދިވެހިރާއްޖެއަކީ ތިމާވެށީގެ މައްސަލަތަކުގައި އެހެން ގައުމުތަކަށް ނަމޫނާ އެކެވެ. ބޮޑެތި ގައުމުތަކުން ކުރަން ބޭނުން ނުވާ އެތައް ކަމެއް ރާއްޖެއިން ދަނީ އަމިއްލަ އިސްނެގުމަށް ކުރަމުންނެވެ. ތިމާވެށީގެ މައްސަލަތަކުގައި ދުނިޔޭގެ ވެރިންނަށް ރާއްޖޭގެ ހާލަތު ބަޔާންކޮށްދިނުމަށް ސަރުކާރުން ދަނީ ވަރުބަލި ކަމެއް ނެތި މަސައްކަތް ކުރަމުންނެވެ. ފާޑުކިޔަން ޖެހޭ ތަނުގައި ފާޑުކިޔާފައި، ދެބަސްވާން ޖެހޭ ތަނުގައި ދެބަސްވެފައި އަދި އާދޭސް ކުރަންޖެހޭ ކަންކަމުގައި އާދޭސްކޮށްގެން ނަމަވެސް ރާއްޖެއިން ބޭނުންވަނީ ތިމާވެށީގެ މައްސަލަތަކަށް ހައްލެކެވެ. ރާއްޖެ ދެމިއޮތުން ބިނާ ވަނީ ތިމާވެށީގެ މައްސަލަތަކާ އެވެ. އެކަމުގައި ރާއްޖެއަށް ބޮޑެތި ގައުމުތަކުން އެހީވާންޖެހެ އެވެ.

ރާއްޖެއަށް ލިބޭ އާމްދަނީ އާއި އެހީގެ ބޮޑު ބައެއް ހޭދަކުރަންޖެހެނީ ވެސް ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށެވެ. ރަށްރަށް ގިރުން ހުއްޓުވުމަށްޓަކައި ބޭރުތޮށްޓާއި ކަޑުތޮށިލުމަށާއި، ތަޣައްޔަރުވެފައިވާ ފެން ފަށަލާއާއި ގުޅިގެން ސާފު ބޯފެން ލިބޭނެ ގޮތް ހެދުމަށް ފެނުގެ ނިޒާމު ގާއިމުކުރުމަށާއި، ތެލަށް ކުރާ ހަރަދު ކުޑަކުރުމަށް އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކުރުން ފަދަ މަޝްރޫއުތަކަށެވެ.

ރާއްޖޭގެ ވަރަށް ގިނަ ރަށްތަކެއްގައި ފެން ފަށަލަ ހަލާކުވެފައިވާތީއާއި ބައެއް ރަށްރަށުގައި ސާފު ބޯފެން ފޯރުކޮށްދިނުމުގެ ނިޒާމެއް ގާއިމުކޮށްފައި ނުވާތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ މިދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކުރުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ. ސަރުކާރުގެ މިހާރުގެ އަމާޒަކީ ވައުދުވެފައިވާ ގޮތަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ކަށަވަރުކޮށްދިނުމެވެ. އެ އަމާޒަށް ވާސިލުވުމަށް ކުރަމުންދާ މަސައްކަތްތަކަށް 2022 ވަނަ އަހަރުގެ ބަޖެޓުގައި ޖުމްލަ 954 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

ރައީސް ސޯލިހުގެ ވެރިކަމުގައި ވަނީ ކްލައިމެޓް އެމަޖެންސީ ގާނޫނެއް މަޖިލީހުން ފާސްކޮށް އަމަލުކުރަން ފަށާފަ އެވެ. މިއީ ރާއްޖޭގައި އެފަދަ ގާނޫނެއް ފާސްކުރި ފުރަތަމަ ފަހަރެވެ. އެ ގާނޫނުގެ ދަށުން ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް ރާއްޖޭގެ އެއްވެސް ސަރުކާރަކުން މީގެކުރިން ކޮށްފައި ނުވާ އަދި ނިންމާފައި ނުވާ މުހިއްމު ބޮޑެތި ނިންމުންތަކެއް މި ސަރުކާރުން ވަނީ ތަންފީޒު ކުރަން ފަށާނެ އެވެ. އެގޮތުން އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމާއި ބޭނުން ކުރުން 2023ގެ ނިޔަލަށް ހުއްޓާލާނެ އެވެ.

މީގެއިތުރުން ރާއްޖެ އިން ވަނީ 2030 ވަނަ އަހަރާ ހަމައަށް ނެޓް ޒީރޯ އެމިޝަންއަށް ވާސިލްވުމަށް ވެސް ނިންމާފަ އެވެ. ރައީސް ސޯލިހު ގަބޫލުފުޅު ކުރައްވާ ގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކުގެ އެހީތެރިކަން ލިބިއްޖެނަމަ އެއީ ރާއްޖެއަށް ހާސިލްކުރެވޭނެ އަމާޒެކެވެ.

"މިއީ ހާސިލްނުވެވޭނެ ލަނޑުދަނޑިއެއް ނޫން. ބޭނުންވަނީ އެންމެން އެކުގައި މަސައްކަތް ކުރުން. އަޅުގަނޑު ހުރިހާ ބޭފުޅުންގެ އަރިހުން މި އެދެނީ މިކަމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެން ދެއްވުމަށް. މިކަން ހާސިލްކުރުމުގައި އަމިއްލަ ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި އަމިއްލަ ފަރުދުންގެ ބައިވެރިވުން ސަރުކާރަށް ބޭނުންވޭ," ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް މިދިޔަ އަހަރު ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

ނެޓް ޒީރޯ އެމިޝަން ގައުމަކަށްވުމަށްޓަކާ އިޖުތިމާއީ ގޮތުންނާއި އިގްތިސޯދީ ގޮތުންނާއި އަދި ތިމާވެށީގެ ގޮތުން ބޮޑެތި ބަދަލުތަކެއް ގެންނަންޖެހެ އެވެ. އެންމެ ބޮޑު ބަދަލެއް ގެންނަންޖެހޭނީ ހަކަތައިގެ ދާއިރާ އަށެވެ. ހާއްސަކޮށް ރާއްޖޭގައި ކަރަންޓް އުފެއްދުމަށް ތެލަށް ބަރޯސާވާ މިންވަރު ވީހާވެސް ކުޑަކޮށް، އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ކުރިއަރުވާ، ހަކަތައިގެ ސިނާއަތަކީ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ ސިނާއަތަކަށް ހަދަން ޖެހެ އެވެ. ސަރުކާރުން ވަނީ ވިހަގޭސް މަދުކުރުމުގެ ލަނޑުދަނޑި ނުވަތަ ނޭޝަނަލް އެމިޝަން ރިޑަކްޝަން ޓާގެޓްގެ މިންވަރު 2030ގެ ނިޔަލަށް 26 އިންސައްތައަށް އިތުރު ކުރުމަށްވެސް ނިންމާފަ އެވެ.

ތެލަށް ކުރާ ހަރަދު ކުޑަކުރުމަށާއި ތެޔޮ އަންދައިގެން ޖައްވު ހޫނުވުން ކުޑަކުރުމަށްޓަކައި މިސަރުކާރުން ވަނީ އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ ޕްރޮގްރާމުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ފަށާފަ އެވެ. އެންމެ ފާހަގަކޮށްލެވޭ ޕްރޮޖެކްޓަކީ އައްޑޫ ސިޓީގައި ގާއިމުކުރާ 10 މެގަ ވޮޓްގެ ފްލޯޓިން ސޯލާ ޕެނަލް އެވެ. އެއީ ދުނިޔޭގައި ވެސް ހަދާ އެފަދަ އެންމެ ބޮޑު ފްލޯޓިން ސޯލާ ޕެނަލް އެވެ. ސަރުކާރުން ބުނާ ގޮތުގައި 2023 ގެ ނިޔަލަށް އެ ސޯލާ ޕެނަލް އިންސްޓޯލްކޮށް ނިންމާލެވޭނެ އެވެ.

ވޯލްޑް ބޭންކާ ގުޅިގެން ދިވެހި ސަރުކާރުން ގެންދަނީ އެސްޕަޔާ ޕްރޮޖެކްޓް އަދި އެރައިސް ޕްރޮޖެކްޓްގެ ނަމުގައިވެސް އިރުގެ އަލިން ހަކަތަ އުފެއްދުމުގެ މުހިއްމު މަަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެރައިސް ޕްރޮޖެކްޓުގެ ދަށުން ލ. އަތޮޅުގެ 10 ރަށެއް ހިމެނޭ ގޮތަށް ޖުމްލަ 14 ރަށެއްގައި ސޯލާ ހަކަތައިގެ ނިޒާމު ގާއިމުކުރާނެ އެވެ. އެ މަޝްރޫއު ނިމޭއިރު ޖުމްލަ 36 މެގަވޯޓުގެ ކަރަންޓު އުފައްދާނެ އެވެ. އަދި އެސްޕަޔާ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ ހަ ސަަރަހައްދެއްގައި ވެސް ސޯލާ ބޭނުންކޮށްގެން 11 މަގަވޯޓުގެ ކަރަންޓް އުފެއްދޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިސަރުކާރުގައި ބައެއް އިދާރާތަކުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އިރުގެ އަލިން ހަކަތަ އުފެއްދުމަށް މިހާރު ރާއްޖޭގައި 32 މެގަވޯޓުގެ ސޯލާ ޕެނަލް ވަނީ ހަރުކޮށްފަ އެވެ. އެއާއެކު ރައްޖޭގައި ކަރަންޓުގެ އެންމެ ލޯޑު ބޮޑުވާއިރު ބޭނުންކުރާ ކަރަންޓުގެ 11.25 ޕަސެންޓް ކަރަންޓު އިރުގެ އަލީގެ ހަކަތައިން އުފެއްދެ އެވެ. އަދި އޭގެ ސަބަބުން 14.7 މިލިއަން ލީޓަރުގެ ތެޔޮ ސަލާމަތްވެ ޖައްވަށް ދޫކުރާ ކާބަންޑައި އޮކްސައިޑް 36،786 ޓަނުން ސަލާމަތްވެ އެވެ. ސަރުކާރުން އަންދާޒާކުރާ ގޮތުގައި މިހާރު ކުރިއަށްދާ އިއާދަކުރަނިވި ހަކަތައާއި ގުޅޭ މަޝްރޫއުތައް ނިމުމުން 119 މެގަ ވޯޓުގެ ސޯލާ ޕެނަލް ހަރުކުރެވި އަހަރަކު 195،425 މެގަވޯޓުގެ ކަރަންޓު އުފެއްދޭނެ އެވެ. އަދި 55.8 މިލިއަން ލީޓަރުގެ ތެޔޮ ސަލާމަތް ކުރެވި ޖައްވަށް ދޫކުރާ ކާބަންޑައި އޮކްސައިޑް 138،947 ޓަނު ސަލާމަތް ކުރެވޭނެ އެވެ.

ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށްވާތީ ކަނޑުތަކުގެ ދިރުންތައް ސަލާމަތްކޮށް ރައްކާތެރިކުރުމަށްޓަކައި ވެސް ސަރުކާރުން ގެންދަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކަނޑުގައިވާ ދިރުންތަކުގެ ތެރެއިން ރައްކާތެރިކަން ބޭނުންވާ 20 ޕަސަންޓްގެ ސަރަހައްދު ހިމާޔަތް ކުރާނެ އެވެ. ފަރުތައް ހިމާޔަތްކުރުމަށް ކުރާ މަސައްކަތުގައި 13 ޕަސަންޓް ފަރު މިހާރުވެސް ވަނީ ހިމާޔަތްކޮށްފަ އެވެ. ކުޅިތަކާއި، ބައެއް ރަށްތަކާއި، ބައެއް ފިނޮޅުތައް ހިމެނޭ ގޮތަށް 73 ސަރަަހައްދެއް ހިމާޔަތްކޮށް ރައްކާތެރިކޮށްފައިވެ އެވެ. މިސަރުކާރުން ގަބޫލުކުރާ ސިޔާސަތަކީ ތިމާވެށި ހިމާޔަތް ކުރެވޭނީ އިކޯސިސްޓަމްގައިވާ ހުރިހާ ދިރުންތަކާއި ތަންތަނަށް ވެސް ހިމާޔަތާއި ރައްކާތެރިކަން ދީގެން ކަމެވެ.

ރާއްޖޭގެ ކުރާ މަސްވެރިކަމަކީ ވެސް ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކުގެ ތައުރީފް ލިބިފައިވާ މަސައްކަތެވެ. ދުނިޔޭގެ ބައެއް ގައުމުތަކުގެ މަސްވެރިންނާއި މަސް ކުންފުނިތަކާ ގުޅިފައިވާ އުޅަނދުތައް މާކަނޑަށް ނިކުމެ ދާޖަހައިގެން މަސް ހިފުމަކީ އާންމު ކަމެކެވެ. އެކަމަކީ ކަނޑުގެ ދިރުންތަކަށް ދެވޭ ވަރަށް ބޮޑު ގެއްލުމެކެވެ. އެކަމުގެ ސަބަބުން ބައެއް ފަހަރު ބޭކާރު ގޮތުގައި ކަނޑުގެ ދިރުންތައް މަރާލެވި އިކޯސިސްޓަމަށް ބޮޑެތި ގެއްލުންތައް ލިބެ އެވެ. ބައެއް ކަހަލަތައް ދިރުންތައް ކަނޑުގެ ބައެއް ސަރަހައްދުތަކުން މުޅިން ނެތިދިއުުމުގެ ބިރު އޮވެ އެވެ. އެކަމަކު ރާއްޖޭގައި މައިގަނޑު މަސްވެރިކަމަކީ ދޮށީގައި ކުރެވޭ މަސްވެރިކަމެވެ. އެއީ ދެމެހެއްޓެނިވި މަސްވެރިކަމެއް ކަމަށް ތިމާވެށީގެ މައްސަލަތަކުގައި ވަކާލާތު ކުރާ ފަރާތްތަކުން ގަބޫލުކުރެ އެވެ.

ތިމާވެށީގެ މައްސަލަތަކުގައި ރާއްޖެ އަކީ ސީރިއަސްކޮށް ކަންކަމާ ކުރިމަތިލާ ގައުމެކެވެ. ރާއްޖޭގެ ނިންމުންތަކުގައި އަބަދުވެސް އިސްކަން ދެނީ ތިމާވެއްޓަށް އެންމެ ފަހިވާނެ ގޮތްތަކަށެވެ. ރާއްޖޭގެ ކުށެއް ނެތި ރާއްޖެއަށް ބޮޑެތި ނުރައްކާތައް ހުރި ނަމަވެސް ހިތްވަރާއި އެކު މަސައްކަތް ކޮށްގެން ރާއްޖެއިން ދަނީ ކާމިޔާބު ނިންމުންތަކެއް ނިންމަމުންނެވެ. ދުނިޔެއަށް ނަމޫނާ ދައްކަމުންނެވެ.