ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބޮޑެތި ބަދަލުތަކުގެ ގެއްލުމާއި ނުރައްކާ އެންމެ ބޮޑު އެއް ގައުމަކީ ރާއްޖެ އެވެ. ތިމާވެށީގެ މައްސަލަތަކުގައި ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ އަޑުގަދަވަނީ އެ ސަބަބާ ގުޅިގެންނެވެ. ތިމާވެށްޓަށް ގެއްލުން ލިބޭ ކޮންމެ ކަމެއް ހުއްޓުވަން ރާއްޖޭގެ ފެންވަރުގައި އަބަދުވެސް ތެދުވާނެ އެވެ. ތިމާވެށީގެ މައްސަލަތައް ހައްލުކުރުމުގައި ދުނިޔޭގެ ގައުމުތަކުގެ ލީޑަރުންނާއި ގުޅިގެން ރާއްޖެއަށް ކުރެވެން އޮތް ކޮންމެ މަސައްކަތް ކުރާނެ އެވެ. ރާއްޖޭގެ މުސްތަގުބަލް ބިނާވަނީ އެހެން ގައުމުތަކުން ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް ކުރާ މަސައްކަތުގެ މައްޗަށެވެ. ދުނިޔޭގެ ނުފޫޒުގަދަ ގައުމުތަކުން ޖައްވަށް ދޫކުރާ ނުރައްކާތެރި ވިހަ ގޭސްތަކުގެ ސަބަބުން ތިމާވެށްޓަށް ލިބެމުންދާ ގެއްލުމާއި ނުރައްކަލާ އެންމެ ފުރަތަމަ ކުރިމަތިލާން ޖެހޭ ގައުމަކީ ރާއްޖެ އެވެ. އެކަމަކު ރާއްޖޭގެ މުސްތަގުބަލް ބަނަވެ، ދިވެހިން ތިމާވެށީގެ ރެފިއުޖީންނަށް ވެގެން ދިއުމުގެ ބިރު ބޮޑުވެފައި މިވަނީ ދިވެހިންގެ ކުށަކުން ނޫނެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، ސްކޮޓްލެންޑްގެ ގްލާސްގޯގައި މިވަގުތު އެ ހުންނެވީ ވެސް ތިމާވެށީގެ މައްސަލަތަކާ ގުޅިގެން ދިވެހިންނަށް ހުރި ނުރައްކާތަކާ ގޮންޖެހުންތައް ގައުމުތަކުގެ ލީޑަރުންނަށް ވިސްނަވައިދެއްވުމަށެވެ. ތިމާވެށީގެ މައްސަލަތަކުގެ ވާހަކަ ދައްކަވަން ގައުމުތަކުގެ އެންމެ އިސްވެރިން ހިމެނޭ ގޮތަށް އެންމެ ގިނަ ބަޔަކު ޖަމާވާ ފޯރަމަކީ ކޮޕް ސަމިޓެވެ. ކޮޕް ސަމިޓަށް މިއަހަރު ރައީސް ސޯލިހް ވަޑައިގެންނެވީ ރާއްޖޭގެ ރައީސަކު އެ ސަމިޓުގައި ބައިވެރިވެވަޑައިނުގަންނަވާތާ 12 އަހަރު ފަހުންނެވެ. އަހަރަކު އެއް ފަހަރު ބާއްވާ ކޮޕް ސަމިޓަށް ސީދާ ރައީސް ސޯލިހް ވަޑައިގެންނެވީ ވެސް ތިމާވެށީގެ މައްސަލަތަކަކީ ރާއްޖެއިން އެންމެ އިސްކަންދޭ މައްސަލަކަން ދުނިޔެ އަށް އަންގައިދިނުމަށެވެ. ތިމާވެށީގެ މައްސަލަތަކުގައި ރާއްޖެ ސީރިއަސްވާ މިންވަރު ރައީސް ސޯލިހު ޔަގީންކޮށްދެއްވައިފި އެވެ. ކޮޕް ސަމިޓަށް، ގްލާސްގޯ އަށް ވަޑައިގެން ދެއްވެވި ތަގުރީރުގައި ވެސް ރައީސް ވަނީ ދުނިޔޭގެ ލީޑަރުންނަށް ވަރުގަދަ މެސެޖުތަކެއް ދެއްވާފަ އެވެ.
އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ކުރިމަތިލާންޖެހިފައިވާ ނުރައްކާތެރި ހާލަތާ ގުޅިގެން ރާއްޖެއިން ދައްކަމުންދާ ވާހަކަތައް ދުނިޔޭގެ ލީޑަރުން އަޑުއައްސަވާނީ ކޮންކަމެއް ކޮށްދީގެންތޯ ރައީސް ސުވާލު ކުރެއްވެވި އެވެ. ތިމާވެށީގެ މައްސަލަތަކުގައި ދިވެހިންގެ އަޑުއެހުމަށް އާދޭސް ދެންނެވި އެވެ. މިފަހަރުގެ ކޮޕް ސަމިޓަކީ މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެ ކުރިމަތިލާން ޖެހިފައިވާ ހާލަތު ބަދަލުކުރުމަށް މަސައްކަތްކުރަން ލިބޭ އެންމެ ފަހު ފުރުސަތުކަމަށް ވެދާނެ ކަމަށް ދުނިޔޭގެ ލީޑަރުންނަށް ހަނދާން ކޮށްދެއްވި އެވެ. އެއަށްފަހު ރައީސް އެދިވަޑައިގެންނެވީ މި ފުރުސަތު ބޭކާރުވެގެން ދިޔަނުދިނުމަށެވެ.
ކޮޕް ސަމިޓަށް ރައީސް ވަޑައިގެންނެވި ދެވަނަ ސަބަބަކީ ތަރައްގީވެފައިވާ ނުފޫޒުގަދަ ގައުމުތަކުން ވައުދުވި ފައިސާ ހޯދުމަށް ބާރު އެޅުމެވެ. ޑެންމާކުގެ ކޯޕަންހޭގަންގައި ބޭއްވުނު ކޮޕް ސަމިޓުގައި ބޮޑެތި ގައުމުތަކުން ވަނީ އަހަރަކު 100 ބިލިއަން ޑޮލަރުގެ ފައިސާގެ އެހީވުމަށް ވައުދުވެފަ އެވެ. ފައިސާ ލިބޭ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި ރާއްޖެ ކަހަލަ ނާޒުކު ތިމާވެއްޓެއް އޮތް ގައުމުތައް ހިމެނެ އެވެ. ކޮޕް ސަމިޓުގައި ކުރިއަށްދާ ރަސްމީ އަދި ހަވާސާ ބައްދަލުވުންތަކުގައިވެސް ރައީސް ގެންދަވަނީ އަޑުހަރުކޮށް އަދި ތަކުރާރުކޮށް 100 ބިލިއަން ޑޮލަރުގެ ވައުދު ހަނދާންކޮށްދެއްވަމުންނެވެ.
ފްރާންސްގެ ޕެރިސްގައި 2015ގައި ބޭއްވި ކޮޕް21 ސަމިޓުގައި ގައުމުތަކުން ވަނީ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް މިހާތަނަށް ސޮއިކުރި އެންމެ މުހިންމު މުއާހަދާ ކަމަށްވާ ޕެރިސް އެގްރީމެންޓަށް ވާސިލްވެފަ އެވެ. ދުނިޔޭގެ ބޮޑެތި ގައުމުތަކެއް ހިމެނޭ ގޮތަށް ވަރަށް ގިނަ ގައުމުތަކަކުން ވަނީ އެ އެއްބަސްވުން ބަލައިގެންފަ އެވެ. ދުނިޔޭގެ ހޫނުމިން 2 ޑިގްރީގައި -- ގައުމުތަކަށް ކުރެވެން އޮތް ނަމަ 1.5 ޑިގްރީގައި -- ބެހެއްޓުމަށްވެސް ގައުމުތަކަށް އެއްބަސްވުމަކަށް ގޮތަކަށް އާދެވިފައިވެ އެވެ. ރައީސް ސޯލިހް، ގްލާސްގޯ އަށް ވަޑައިގެންނެވީ ސީދާ އެމަނިކުފާނު ގައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރައްވާ 1.5 ޑިގްރީއަށް ވުރެ މަތި ނުވާނެ ގޮތަކަށް ދުނިޔޭގެ ފިނިހޫނުމިން ބެހެއްޓުމަށް ލީޑަރުންނަށް ބާރުއެޅުއްވުމަށެވެ. އުއްމީދީ ޖަވާބުތަކެއް ލީޑަރުންގެ ފަރާތްޕުޅުން ރައީސް ސޯލިހަށް ލިބިވަޑައިގެންފައިވެ އެވެ.
ތިމާވެށީގެ މައްސަލަތަކާ ގުޅިގެން ރާއްޖޭގެ ރަށްތަކަށް ލިބޭ ގެއްލުންތައް މިހާރު ހައްލުކުރަނީ ބޭރުގެ މާލީ އިދާރާތަކުން ބޮޑެތި އިންޓަރެސްޓް ހިމެނޭ ލޯންތައް ނަގައިގެންނެވެ. ނުވަތަ ދައުލަތަށް ލިބޭ އާމްދަނީއެއްގެ 50 އިންސައްތައާ ގާތްކުރާ އަދަދެއް އެ މައްސަލަތައް ހައްލުކުރަން ހޭދަކޮށްގެންނެވެ. ކޮޕް ސަމިޓުގައި ރައީސް ގެންދަވަނީ އެގޮތަށް ހަރަދުކުރަން ޖެހުމުން ރާއްޖެ ފަދަ ޖަޒީރާ ގައުމު ތަކަށް ތަރައްގީވުމަށް ހުރި ގޮންޖެހުންތައް ގައުމުގެ ތަކުގެ ލީޑަރުންނަށް ވިސްނަވައިދެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ.
ރައީސް ބާރުއަޅުއްވަނީ ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް ގައުމުތަކުން ފޯރުކޮށްދޭ ފައިސާ އަކީ ހިލޭ އެހީ ކަމުގައި ހަމަޖެއްސުމަށެވެ. ތިމާވެށީގެ މައްސަލަތަކާ ގުޅޭ ދިރާސާތައް ހެދުމަށާއި އެ ކަންކަމާ ގުޅޭ ރިޕޯޓްތައް އެކުލަވާލުމަށް ފައިސާ ދިނުމުގެ ބަދަލުގައި ހިންގަން ބޭނުންވާ ސީދާ މަޝްރޫއަށް ފައިސާ ހަމަޖައްސައިދިނުމަށް ވެސް ތަރައްގީވެފައިވާ ގައުމުތަކަށް ރައީސް ގެންދަވަނީ ބާރުއަޅުއްވަމުންނެވެ.
ރައީސް ސޯލިހް ކޮޕް ސަމިޓަށް ވަޑައިގެން އެ ހުންނެވީ އަމާޒަށް ވާސިލްވުމަށް ވަރުގަދަ އަޒުމަކާ އެކު އެވެ. ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަމުގެ ޕްލޭނަކާ އެކު އެވެ. ކޮޕްގައި ރައީސްގެ އަޑު ގަދަވެފައި ވަރުގަދައީ އެހެންވެގެންނެވެ.