ރިޕޯޓް

ރައީސް ސޯލިހުގެ އޮތީ ތިމާވެށި ވިސްނުމެއް!

Nov 1, 2021
3

މޫސުމީ ބަދަލާ ގުޅޭ ބައިނަލްއަގްވާމީ ބޮޑު ސަމިޓު ކޮޕް26 ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސްކޮޓްލޭންޑްގެ ގްލާޒްގޯއަށް ވަޑައިގެންނެވި އިރު މިއީ ރާއްޖޭގެ ރައީސްކަމުގައި ހުންނަވާ ބޭފުޅަކު ފާއިތުވި 12 އަހަރުގެ ތެރޭގައި އެ ސަމިޓަށް ވަޑައިގެންނެވި ފަހަރެވެ. މިއީ މޫސޫމީ ބަދަލާމެދު އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތު ވަރަށް ބޮޑަށް ހާމަވެގެން ދިޔަކަމެއް ކަަމަށް ގިނަ ބަޔަކު ދެކޭއިރު އެމަނިކުފާނު ރައީސް ކަމުގައި ފާއިތުވި ތިން އަހަރެއްހާ ދުވަހު ވެސް ތިމާވެށީގެ މައްސަލަތަކަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދިންތަން ފެނިގެން ދިޔައެވެ.

ރައީސް ސޯލިހި ވެރިކަމަށް ވަޑައިގަތުމަށް ފަހު އެންމެ ބޮޑަށް އަހައްމިއްޔަތުކަމެއް ދިން އެއް ކަަމަކީ ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު ދަށްކުރުމަށް އެކުލަވާލި ޕްލޭނެވެ. ޖައްވަށް ދޫކުރާ ވިހައިގެ ސަބަބުން މޫސުމަށް އަންނަ ބަދަލާއެކު ރާއްޖެ ފަދަ ކުދި ގައުުމުތައް ވުޖޫދުން ފޮހެވިގެންދާނެކަމުގެ ބިރު ސީރިއަސްކޮށް ނަންގަވައި އެމަނިކުފާނު ވަނީ ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކޮށް ރާއްޖެ އަކީ ނެޓް ޒީރޯ ގައުމަކަށް ހެދުމަށް ޕްލޭން އެކުލަވާލައްވައިފަ އެވެ.

އެކަމަށްޓަކައި ކްލައިމެޓް އެމަޖެންސީ ގާނޫނުގެ ބިލް މިދިޔަ މޭ މަހު ތަސްދީގު ކުރައްވައިފައިވާ އިރު އެ ގާނޫނުގެ ދަށުން 2030 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ނެޓް ޒީރޯ ގައުމަކަށް ބަދަލުކުރުމަށް މިހާރު ވަނީ އަމާޒު ހިފައިފަ އެވެ.
ރައީސް ވިދާޅުވެފައި ވަނީ ރާއްޖޭގައި މިހާރު ހުރި ވަސީލަތްތައް ބޭނުންކޮށްގެން 2030 ވަނަ އަހަރުގެ ނިޔަލަށް ޖައްވު ހޫނުކުރާ ވިހަ ގޭސްތައް ރާއްޖޭގައި ބޭނުންކުރާ މިންވަރުގެ ހަތަރުބައިކުޅަ އެއްބައި ނައްތައިލެވޭނެ ކަމަށާއި އަދި ބޭރުގެ ގައުމުތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިއްޖެނަމަ ރާއްޖެއަށް ގާތްގަނޑަކަށް 2030 ވަނަ އަހަރު ނެޓް ޒީރޯ އާއި ހަމައަށް ވާސިލުވެވިދާނެ ކަމަށެވެ.

ނެޓް ޒީރޯއަށް ވާސިލުވުމަށް އެހީތެރިވުމުގެ އެކުލަވާލި ހަަކަތައިގެ ބިލުވެސް މިމަހު ރައީސް ސޯލިހު ތަސްދީގުކުރައްވައިފައި ވެއެވެ. އެ ގާނޫނާއެކު ނެޓް ޒީރޯއަށް ވާސިލުވުމުގެ ގޮތުން އިއާދަކުރަނިވި ހަކަތައަށް ރާއްޖޭގެ ހަކަތައިގެ ދާއިރާ ބަދަލުކުރުމަށް އެކުލަވާލަންޖެހޭ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

ރައީސް ސޯލިހުގެ ތިމާވެށީގެ ސިޔާސަތު ރައީސްކަމުގެ ހުވާކުރެއްވި ދުވަހު ދެއްވި ތަގުރީރުންވެސް ވަރަށް ބޮޑަށް ފާހަގަވި އެވެ.

އެގޮތުން 2015 ވަަނަ އަހަރު ރާއްޖެއަށް ތައާރަފްކުރި "ގްރީން ޓެކްސް" އެމަނިކުފާނުގެ ޒައާމަތުގައި ބޭނުންކުރަނީ ތިމާވެއްޓާ ގުޅުން ހުރި މަސައްކަތަށް ކަމަށެވެ. އަދި އެކަން އެމަނިކުފާނުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނުމުން ތިމާވެއްޓަށް އެމަނިކުފާނު އިސްކަން ދެއްވާވަރު ހާމަވެގެން ދިޔައެވެ.

ގްރީން ޓެކްސްގެ ނަމުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހިދުމަތްދޭ ރިސޯޓު، ހޮޓެލް އަދި ސަފާރީތަކުގައި ތިބޭ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް ރެއަކަށް ހަ ޑޮލަރު ނަގައެވެ. އަދި ގެސްޓްހައުސްތަކުން ޓޫރިސްޓެއްގެ ބޮލަކަށް ރެއަކަށް ތިން ޑޮލަރު ގްރީން ޓެކްސްގެ ގޮތުގައި ނަގައެވެ. ނަމަވެސް އެ ފައިސާއިން ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް
މީގެ ކުރިން މަސައްކަތް ނުކުރާކަމަށް ބުނެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފައި ވެއެވެ.

ތިމާވެށީގެ މައްސަލަތަކުގެ ތެރެއިން ޕްލާސްޓިކުގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. ރާއްޖޭގެ ފަރުތަކާ ކަނޑުތަކަށް ޕްލާސްޓިކުގެ އަސަރު އިންތިހާއަށް ކުރަމުންދާ އިރު ރައީސް ސޯލިހުގެ ޒައާމަތުގައި އެމަނިކުފާނު ދަނީ ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ކުރުމަށް ވެސް ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން ނެެވެ.

އެގޮތުން ވަކި މަރުހަލާތަކަކަށް ބަހާލައިގެން ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ކުރުމަށް ސަރުކާރުން ސްޕޮންސާކޮށްގެން ހުށަހެޅި ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލު މިމަހު ވަނީ މަޖިލީހުން ފާސްވެސްކޮށްފަ އެވެ. އެއާއެކު ރާއްޖެ އެތެރެކުރުން މަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިންގަލް ޔޫސް ޕްލާސްޓިކުގެ ލިސްޓުގެ ފުރަތަމަ ލިސްޓު އަންނަ އަހަރުގެ ކުރިން ކަނޑައަޅައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަން ޖެހޭނެ އެވެ. އަދި އެއާއެކު ވަކި މަރުހަލާތަކަކަށް ބަހާލައިގެން ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތައް އެތެރެކުރުމާއި ބާޒާރަށް ނެރުމުާއި އަދި އުފެއްދުންވެސް މަނާވާނެ އެވެ.

ޕްލާސްޓިކް މަދުކުރުމުގެ ގޮތުން އަންނަ އަހަރުން ފެށިގެން ޕްލާސްޓިކް ކޮތަޅުން ބޮޑު ޓެކުހެއް ވެސް ނަގަން ވެސް ސަރުކާރުން ނިންމައިފަ އެވެ. ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭނުގެ ދަށުން ސަރުކާރުން ނިންމާފައިވަނީ ކޮންމެ ސައިޒެއްގެ ޕްލާސްޓިކް ކޮތަޅަކަށް ވެސް ދެ ރުފިޔާ ނަގާށެވެ. އެއާއެކު ޕްލާސްޓިކް ކޮތަޅުގެ މައްސަލަ ގައިމުވެސް ކޮންމެވެސް ވަރަަަކަށް ހައްލުވެގެން ދާނެއެވެ.

ރައީސް ސޯލިހުގެ ޒައާމަތުގައި ރާއްޖޭގެ ތިމާވެއްޓަށް ކުރިމަތިވި އެންމެ ބޮޑު އެއް ގެއްލުމަކަށް ގައިމުވެސް މިދިޔަ އޮގަސްޓު މަހު ކ. ރަސްފަރި ފަރަށް އާގު ބޯޓެއް އެރި ހާދިސާވާނެ އެވެ. އެ ހާދިސާގައި ފަރަށް ލިބުނު ގެއްލުމުގެ އަދަދު 893.95 މިލިއަން ރުފިޔާ އަށް އަރާއިރު އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ(އީޕީއޭ)އިން މިހާތަނަށް ޖޫރިމަނާ ކޮށްފައިވަނީ 100 މިލިއަން ރުފިޔާއިން އެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ގާވާއިދުގެ ޖޫރިމަނާކުރެވެން އޮންނަނީ އެންމެ ބޮޑުވެގެން ވެސް 100 މިލިއަން ރުފިޔާއިން އެވެ. ނަމަވެސް އެކަން އެހެން އޮތް ނަަމަވެސް ކޯޓު މެދުވެރިކޮށް ގެއްލުމުގެ ބަދަލެއްގެ ގޮތުން 893 މިލިއަން ރުފިޔާ ހޯދުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހާ ގުޅިގެން އީޕީއޭއިން މިހާރު ވަނީ ފަށައިފަ އެވެ.

އާގު ބޯތު އެެރިތާ ދެ މަސް ފަހުން އެ މައްސަލަ ފުންކޮށް ބަލައި ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ޖޫރިމަނާކުރި ކުރުމަކީ ރައީސް ސޯލިހުގެ ސަރުކާރަށް ލިބުނު ކާމިޔާބީއެއް ކަަމަށް ބެލެވިދާނެ އެވެ. ހަަމަ އެހެންމެ ޖޫރިމަނާކުރި އަދަދަށްވުރެ އިތުރަށް ވެސް ފައިސާ ހޯދަން ސަރުކާރުން މަސައްކަތް ކުރުމަކީ ތިމާވެއްޓަށް ސަރުކާރުން އަހައްމިޔަތުކަން ހާމަކޮށްދޭ ކަަމެކެވެ.

ތިމާވެށީގެ މައްސަލަތަކުގައި ރައީސްގެ "ސްޓޭންޑް" ވަރަށް ސާފެވެ. ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ކުޅޭކުޅޭ ވިސްނުމުން ތިމާވެށީގެ މައްސަަލަތައް ބަލައެއް ނުގަނެވޭނެ އެވެ. އެއަށް ވުރެ ތިމާވެށީގެ މައްސަލަަތަކުން ރާއްޖެއަށް އޮތް ނުރައްކާ މާބޮޑެވެެ. މިހާރު ކުރިއަށްދާ ކޮޕް ސަމިޓްގައި ވެސް ރައީސް ތަކުރާރުކުރެއްވީ ހަމަ އެވާހަކަ އެވެ. މޫސުމީ ބަދަލުތަކުން ސަލާމަތްވުމަށް ޓަކައި ކުރާ މަަސައްކަތުގައި ރާއްޖެއިން އަބަދުވެސް ވަކާލާތުކުރާނެ ކަމަށެވެ.