ސަ އޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން އަބްދުލްއަޒީޒްގެ ހަރަދުގައި އެޅި ސަލްމާން މިސްކިތާ ހެދި ކޮންމެވެސް ބަޔަކަށް ކޮންމެވެސް ސަބަބަކާ ހުރެ ކޮންމެވެސް ވަރަކަށް "އަސަރެއް" ކޮށްފާނެ އެވެ. އަދި ބަޔަކު މީހުނަށް އެ މިސްކިތާ ހެދި "އުނދަގުލެއް" ވެގެން ވެސް އުޅެ ފާނެ އެވެ. އެއް ބަޔަކަށް އެ މިސްކިތުގެ ފުރާޅާއި މުންނާރު ހުރި ގޮތް ކަމު ނުދިއުމަކީ ވެސް އޮތް ކަމެކެވެ. އެކަމަކު އެއީ ފުރިހަމަ ރީތި މިސްކިތެކެވެ. ތަނަވަސް އަދި ވަސީލަތް ފުރިހަމަ ވެސް މިސްކިތެކެވެ. އަދި މިއީ ރާއްޖޭގެ އެއްވެސް އެހެން މިސްކިތަކާ އެއް ފާޑުގެ މިސްކިތަކަށް ވުރެން ތަފާތުކޮށް ފުރިހަމަ ކޮށްފައިވާ ބޮޑު އެހައި ރީތި މިސްކިތެކެވެ. ސަލްމާން މިސްކިތް އަވަހަށް ހުުޅުވާން، އެ މިސްކިތާ ގުޅިފައިވާ ހިދުމަތްތައް ލިބިގަންނާން ދިވެހިން ވަރަށް ބޭނުންވެ އެވެ.
އާދަޔާ ހިލާފު ރީތި މިސްކިތެއް
ދިވެހި ރުކަށް ވުރެ ވެސް ނަލަޔަށް ކަދުރު ރުއް ވަށައިވަށައިގެން ހައްދާފައިވާ ފަސް މުންނާރާއި ތަފާތު ބިޔަ ގުއްބެއް ހިމެނޭ ގޮތަށް ހަދާފައިވާ މިސްކިތުގެ ބޮޑެތި ބިއްލޫރި ދޮރުތަކުން ސާފުކޮށް ރީތިކޮށް ބޭރުގެ ހިތްގައިމު ވިއު ފެންނާން އޮވެ އެވެ. މި ހިތްގައިމު މިސްކިތް ވެސް ހަދާފައި ވަނީ ވަށައި ބުރަކަށް ކަހަލަ ސިފައެއް ގެނުވައި ޑައިމީޓަރަކަށް މަންޒަރު ފެންނާނެ ހެނެވެ.
މިސްކިތުގައި ހަރުކޮށްފައިވާ ކީރިތި ގުރުއާންގެ މޫރިތި އާޔަތްތައް، ކަނޑާ ނަގާފައި ވަނީ، އާންމުކޮށް ރާއްޖޭގެ މިސްކިތްތަކުގައި ހުންނަ ގޮތަށް ލަކުޑީގެ ބަދަލުގައި މުޅީން މާބުލްގަ އެވެ. މިސްކިތުގެ ތެރެއަށް މަޑުމަޑު ރަން އައްޔެއް ފޭދި ފަތުރާލާފައި އޮންނަ އިރު ބޭރުން އިރުމަތީ ފަރާތުގެ ހިތްގައިމު މަންޒަރު އެ އަލީގެ ތެރެއަށް ވަދެ ހިމުންވެފައި އޮވެ އެވެ. އާދަޔާ ހިލާފު ރީތި ކަމަކާއެކު މިސްކިތެއްގެ ފުރިހަމަ ހިމޭން ކަމެއް ގެނުވައި ދެ އެވެ. މުޅި މިސްކިތަށް ހާއްސަ ބައިތަކުގައި ދޫލަ އަޅައި، އަޖައިބު ރީތިހާ ބޮކިތައް ހަރުކޮށްފައި ވާއިރު އެކި ދިމާއިން ދޮރުތަކުގެ ދެމެދުގައި ހިމެނޭ ފާރުތައް ނަލަހައްދާފައި ވަނީ އިސްލާމީ ޝަހުސިއްޔަތު ވިދައިގަންނާނެ ރަން ކުލައެއް ޖެހޭ ހާއްސަ މާބުލް އަކުންނެވެ.
މިސްކިތް ނުނިމޭ، މަސައްކަތް ނިމިފައި
ސަލްމާން މިސްކިތުގެ މަސައްކަތް ނިމުމާއި ހުޅުވުމާއި ގުޅޭ ވާހަކަތަކާއި ސުވާލުތައް ގިނަ ވެގެން މިދިއަ އަހަރުގެ ޖަނަވަރީ ކުރީކޮޅު ނޫސްވެރިންނަށް މިސްކިތުގެ އެތެރެ ކޮންމެވެސް މިންވަރެއްގައި ދައްކާލައި ފޮޓޯ ކޮޅެއް ނަގާލަން ނޫސްވެރިންނަށް ފުރުސަތެއް ދިނެވެ. އޭރު ވެސް މިސްކިތުގައި ތަންތަން ސާފުކޮށްލައި ދިމަ ދިމާއިން ކުދިކުދިކޮށް ހުރި އަތް ކާތާލުމެއް ފިޔަވައި ގިނަ ހުރިހާ ކަމެއް ވަނީ ނިންމާފައިހެން ބަލާ ބެލުމަށް ހީވެ އެވެ.
"އޭރުވެސް ހީވީ ދެންމެ ދެންމެ މިސްކިތް ހުޅުވާން ތައްޔާރުވަމުން ދިޔަހެން،" އޭރު މިސްކިތް ބަލައިލަން ވަނުމުގެ ފުރުސަތު ލިބުނު އެއް ނޫސްވެރިޔަކު ބުންޏެވެ. އޭނާ ސިފަ ކުރި ގޮތުގައި އިރުމަތީ ފަރާތުގައި އިމާރާތްކޮށް މައްޗަށް އަރާފައިވާ ރީތި މިސްކިތަކީ ހުޅުވާން އެޅި މިސްކިތަކަށްވުރެ މިހާރު ވައްތަރީ ހުޅުމާލޭގައި އެސްޓީއޯއިން ހަދައިގެން އުޅޭ ނުހުޅުވާން އުޅޭ ބޮޑު ބިޔަ ހޮޓަލާ އެވެ.
ވަރުގަދަ ވިޔަފާރި މޮޑެލެއް އޮތް އެސްޓީއޯ ހޮޓާވެސް ވަނީ ނިމިފަ އެވެ. އެކަމަކު ހޮޓާ ނުއެއް ހުޅުވެ އެވެ. ރައްޔިތުންނާ ސަރުކާރު ހިއްސާވާ އެސްޓީއޯ ހޮޓާ ވިއްކާލަނީ އެވެ. އެކަމަކު ހޮޓާ ގަންނާނެ ބަޔަކު ނުވެ އެވެ. ވިޔަފާރި ކުންފުނި އެސްޓީއޯ ހޮޓާ ހިންގާނެ ބަޔަކު ހޯދަނީ އެވެ. އެކަމަކު ހޮޓަލާ ކައިރިވާނެ ބަޔަކު ނުވެއެވެ. މިހާރު އެސްޓީއޯ ހޮޓަލަކީ ފަސްތަރީގެ ފެންވަރުގެ 250 ކޮޓަރި ތަރައްގީ ކޮށްފައިވާ ސިމެންތި ގަނޑެކެވެ.
ސަލްމާން މިސްކިތުގެ ފުލް ސްޓޯރީ
ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގެ މުހިންމު މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ސަލްމާން މިސްތަކީ ވެސް ގާތްގަނޑަކަށް އެސްޓީއޯ ހޮޓާ ފަދަ ތަނަކަށް ވެފައި ވެއެވެ. މިސްކިތް ނިމިފަ އެވެ. އެކަމަކު މަސައްކަތެއް ނުނިމެ އެވެ. މިސްކިތް ހުޅުވަން ވެފައެވެ. އެކަމަކު ހުޅުވުން މަޑު ޖައްސާލާގަ އެވެ. މިސްކިތް ހުޅުވަން މަޝްވަރާ ކުރަނީ އެވެ. އެކަމަކު މަޝްވަރާތައް ނުއެއް ނިމެ އެވެ.
ސަލްމާން މިސްކިތުގެ "ފުލް ސްޓޯރީ" އެނގޭ ހަމަ އެކަކުވެސް ނޫޅެ އެވެ. އެނގޭ ވަރަކީ މިއީ ހަމައެކަނި މިސްކިތެއް ނޫން ކަމެވެ. މިސްކިތެއްގެ އިތުރުން ރާއްޖޭގައި ހަދާ ދެވަނަ އިސްލާމީ މަރުކަޒެއް އަދި މާލޭގެ އިރުމަތީން މައްޗަށް އަރައި ވިދައިގަންނާނެ އެންމެ ވަރުގަދަ އިސްލާމީ މުންނާރުތަކެވެ. މިސްކިތުގެ އިމާރާތުގެ ޖާގައިގެ ތެރޭގައި 6،000 މީހުންނަށް ނަމާދު ކުރެވެ އެވެ. ބިންމަތީ މާބްލް ޖަހާފައި އޮންނަ ހަރިންމަ ތެރެއާ އެއްކޮށް ހުކުރު ދުވަސްތަކުގައި އާއި އީދު ދުވަސްތައް ފަދަ ބޮޑެތި ޖަމާއަތް ހަދަން ޖެހޭ ދުވަސްތަކުގައި އެއް ފަހަރާ 10،000 މީހުންނަށް ނަމާދުކުރެވޭ ޖާގަ ހިމަނާފައި ވެއެވެ.
އަދި އިސްލާމީ މަރުކަޒުގެ ބައިގައި ދުނިޔޭގެ ފެންވަރުގެ އިސްލާމިކް ލައިބްރަރީއަކާއި ކްލާސްރޫމްތަކާއި ސެމިނާ ރޫމްތައް ވެސް ހުރެ އެވެ. މިސްކިތަށް 41500 އަކަފޫޓުގެ ބިމުގެ ޖާގައެއް ނަގައި މިސްކިތަށް ހަ ފަންގިފިލާ ހިމަނާފައި ވެއެވެ. މިސްކިތަށް ދާ މީހުންގެ ވެހިކަލްތައް ޕާކު ކުރުމަށް 44100 އަކަ ފޫޓުގެ ޖާގައެއް ވެއެވެ.
ނަމާދު ކުރަން ހާއްސަކޮށްފައި ވަނީ ފުރަތަމަ ބުރި އާއި ދެ ވަނަ ބުރި އެވެ. އެ ދެ ބުރީގައި އެއް ފަހަރާ 4،000 މީހުންނަށް ނަމާދު ކުރެވޭނެ އެވެ. އަދި މިސްކިތުގެ ބޭރުގައި ވަށައިގެން އޮތް ސަރަހައްދުގައި 6،000 މީހުންނަށް ނަމާދު ކުރެވޭނެ އެވެ. މިއީ ރާއްޖޭގައި މިހާތަނަށް މިސްކިތެއްގައި އަންނަ އެންމެ މަތީ ނަމްބަރެވެ. މުޅި މިސްކިތުގެ އެންމެ ތިރީގައި ވަނީ ފާހާނާތަކާއި ވުލޫކުރަން އިސްކުރު ބަރިތަކެވެ. އެ ދެ ބައި ހުރީ ދެ ޖިންސުގެ މީހުންނަށް ވަކިން ބޭނުންކުރެވޭ ގޮތަށެވެ. އޭސީކޮށްފައިވާ މިސްކިތުގައި ތިން ލިފްޓާއި ހަތަރު ސިޑި ހިމެނެ އެވެ.
މިއީ 24.95 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 370 މިލިއަން ރުފިޔާ) ހޭދަކޮށް ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލުކޮށްގެން އަޅާފައިވާ މިސްކިތެކެވެ. ތިން ވަނަ ބުރީގެ އެއް ބަ އާއި ހަތަރު ވަނަ ބުރި އެއްކޮށްލައިގެން ހަދާފައިވާ އޮޑިޓޯރިއަމް ވެސް ވަރަށް ރީއްޗެވެ. އޮޑިޓޯރިއަމްގައި 350 ގޮނޑި ޖަހާފައިވެ އެވެ. އެހެން ކަމުން މިއީ ހިތްގައިމު ލޮބީއަކާއެކު ރާއްޖޭގެ އެންމެ ބޮޑު އެއް އޮޑިޓޯރިއަމަށް ވާނެ އެވެ. ފަސް ވަނަ ބުރީގައި ހަދާފައި ވަނީ އެކި އިވެންޓްތައް ބޭއްވޭ ކަހަލަ މަލްޓި ޕާޕަސް ހޯލެކެވެ.
ބިންގަލުން ގުއްބު، މުންނާރާ ހަމައަށް
ފެބުރުއަރީ 28، 2017 އަކީ ރަނގަޅު ތާރީހެކެވެ؛ އެއީ ރާއްޖޭގެ ތާރީހުގައި ބިނާކުރާ އެންމެ ބިޔަ މިސްކިތުގެ ގޮތުގައި "ކިންގް ސަލްމާން މިސްކިތް" އެޅުމުގެ މަސައްކަތް ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލު ކުރި ދުވަހެވެ. އެ މީހުންނަކީ ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ވެސް ކުރި ގާބިލް ކުންފުންޏެކެވެ. އެ ކުންފުންޏަށް ސަލްމާން މިސްކިތުގެ މަސައްކަތް ހަވާލުކުރީ ސަރުކާރުން ބިޑަށް ހުޅުވާލުމުން އެންމެ ރަނގަޅު ޕްރޮޕޯސަލެއް ލައިގެނެވެ. އެ ދުވަހުން ފެށިގެން 500 ދުވަސް ތެރޭގައި މިސްކިތް ނިންމަން ޖެހެ އެވެ.
"ކިތަންމެ ލަސްވިޔަސް އަންނަ އަހަރުގެ އޯގަސްޓް މަހު [އޯސްޓް 2018،] މިސްކިތް ހުޅުވަން ޖެހޭ،" މަސައްކަތް ހަވާލު ކުރި ދުވަހު އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ. އެ ގޮތަށް މަސައްކަތް ގެންދަން ތުރުކީ ކުންފުނިން އަލިމަސް ކާނިވަލާއި އާޓިފިޝަލް ބީޗާ ދެމެދުގައި އޮންނަ ހުސް ބިމުން ސަލްމާން މިސްކިިތަށް ހާއްސަ ބިމާ ހަވާލުވެ މަސައްކަތް ފަށަން ތައްޔާރުވީ ޖުލައި 13، 2017 ގައެވެ.
ރައީސް ޔާމީންގެ ވެރިކަން ބަދަލުވެ އާ ސަރުކާރެއް ފެށި އިރު ސަލްމާން މިސްކިތުގެ އިމާރާތް ނިމި ހުރީ ހިޔާ ކުރުމާ ހަމައިގަ އެވެ. އާޓިފިޝަލް ބީޗުގެ އުތުރުން އިމާރާތް ކުރަން ފެށި ސަލްމާން މިސްކިތް ހިޔާ ކުރަން ފެށީ ޖެނުއަރީ 2، 2019 އިގަ އެވެ. އޭގެ ފަހުން މާޗް 2، 2019 ގައި އާ ސަރުކާރާއެކު މިސްކިތުގެ މަސައްކަތް ހިނގާ ގޮތް ބަލައިލުމަށް ސައުދީގެ ވަފުދެއް ރާއްޖެ އައެވެ. އެ ވަފްދުން ރާއްޖެ އާއި ސައުދީއާއެކު އެއްބަސްވުމެއް ހެދި އެވެ. ވަފްދުގައި އިސްކޮށް ހުންނެވީ، ސައުދީ އިސްލާމިކް މިނިސްޓްރީގެ އަންޑާ ސެކްރެޓަރީ އަބްދުއްﷲ މުހައްމަދު އަލްސަމަލް އެވެ.
ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒަކީ ސަލްމާން މިސްކިތް ނުނިމި ލަސްވާތީ އެންމެ ގިނައިން ކަންބޮޑުވުން އާ ކުރައްވާ އެއް ފަރާތެވެ. އޮކްޓޫބަރު 14، 2019 ގައި މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ސަލްމާން މިސްކިތުގެ މަސައްކަތް ނިންމާ އެންމެ ލަސްވެގެން 2019 އި ޖުލައި މަހުގައި ހުޅުވޭ ވަރަށް އެ މަޝްރޫގެ ހުރިހާ ކަމެއް، ނޮވެންބަރު 17، 2018 ގައި ރައީސް ޔާމީންގެ ވެރިކަން ބަދަލުވީއިރު ހަމަޖައްސާފައި ހުންނާނެ އެވެ. މިސްކިތް މިހާ ދުވަސްވީ އިރު ވެސް ނިމިފައި ނެތީ، ކުރީ ސަރުކާރު ސަބަބުންތޯ ވެސް އޭނާ މިހާރުވެސް ދޭތެރެ ދޭތެރެއިން ސުވާލު ކުރައްވައި މީޑިއާގައި ސުރުހީ ހޯއްދަވަ އެވެ.
ތާރީހުތަކާއި ހުސް ވާހަކަތައް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފުރަތަމަ ބުނަމުން އައި އެއް ވާހަކައަކީ މިސްކިތަށް ސައޫދީ އަރަބިއްޔާއިން އަދި ލިބުނީ އަށް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 123 މިލިއަން ރުފިޔާ) އެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވާ ގޮތުގައި ސަލްމާން މިސްކިތަށް 22 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 339 މިލިއަން ރުފިޔާ) ހޭދަވެ އެވެ. ނަމަވެސް ލިބިފައިވަނީ އަށް މިލިއަން ޑޮލަރެވެ. މިނިސްޓަރު އެހެން ވިދާޅުވުމުގެ ކުރިޔަށް ފައިސާގެ މައްސަލަ ހައްލުވެ، ޖުލައި 2019 ގައި މިސްކިތް ހުޅުވާނެ ކަމަށް މި ސަރުކާރުން ވެސް ބުނެފައި ވެއެވެ. އެއީ ކުރީ ސަރުކާރުގެ އެންމެ ލަސް އަމާޒެވެ.
މިނިސްޓަރު މުހައްމަދު އަސްލަމްގެ ދަށުގައި އޮތް ޕްލޭނިން މިނިސްޓްރީން ޖެނުއަރީ 7، 2020 ގައި ބުނެފައިވާ ގޮތުގައި ސަލްމާން މިސްކިތުގެ ހުރިހާ މަސައްކަތް ޖަނަވަރީ 2020 ގެ ނިޔަލަށް މުޅީން ނިމޭނެ އެވެ. މިހާރު މިއީ 2021 އެވެ. ގައިމުވެސް މިސްކިތެއް ނުހުުޅުވަ އެވެ. ވަށައިގެން ޖެހި ބިއްގަނޑު ނައްޓާލުމަށް ފަހު އަނެއް ވެސް ފަނީ ޓިނުން ފުޅަފެއް އަޅާފަ އެވެ.
މިދިއަ އަހަރުގެ ޖަނަވަރީ މަހު ޕްލޭނިން މިނިސްޓްރީގެ ޕްރޮޖެކްޓުގެ އިންޖީނިއާ ހަސަން ސާމީ ވިދާޅުވެފައިވާ ގޮތުގައި ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން އެ މަހުގެ ނިޔަލަށް މަސައްކަތްތައް ނިންމާލަން ޖެހެ އެވެ. އެއީ ޖަނަވަރީ، 2020 އެވެ. އަދި އޭރު ކުރަމުން ދަނީ އިންޓީރިއާގެ ފަހުގެ މަސައްކަތްތަކެވެ. ޕްލޭނިން މިނިސްޓްރީން ކުރަންޖެހޭ މަސައްކަތް ނިންމުމަށް ފަހު މިސްކިތް އިސްލާމިކް މިނިސްޓްރީއާ ހަވާލު ކުރާނެ އެވެ. މިސްކިތް ހުޅުވާލައި އާންމުންނަށް ވަދެވޭނެ ތާރީހެއް ކަނޑައަޅާނީ މިހާރު ސިޔާސީ ޕާޓީއެއްގެ ވެރިކަމަށް ވަޑައިގަތުމަށް ކެމްޕޭނެއްގައި އުޅުއްވާ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ.
އޭޕްރީލް 14، 2020 ގައި ސަލްމާން މިސްކިތް ހުޅުވުން ފަސްކުރި ކަމަށް ސަރުކާރުން ބުންޏެވެ. އެކަމަކު އޭގެ ކުރިން ސަރުކާރުން ބުނި ގޮތުގައި އެ އަހަރުގެ ރޯދަ މަހަށް މިސްކިތް ހުޅުވާނެ އެވެ، ރޯދަމަހަށް އެ އަހަރު ފެށީ އޭޕްރީލް 24 ވަަނަ ދުވަހު އެވެ. އޭރު އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު މުހައްމަދު އަފްރާހު ވިދާޅުވި ގޮތުގައި ކޮވިޑް-19 އިގެ ނުރައްކާ ބޮޑުވެ، ރައްކާތެރިވުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއެކު ސަލްމާން މިސްކިތް ހުޅުވުން ފަހަތަށް ގެންދިޔައީ އެވެ. އެކަމަކު މިސްކިތް ހުޅުވޭ ވަރަށް ހުރިހާ ކަމެއް ވަނީ ނިމި ރެޑީވެފައެވެ. ކަހައިލަން ޖެހެނީ ނަން ބޯޑުގެ ފަރުދާ އެވެ. -- މިހާރު ކިތަންމެ ރެއެއްގެ ދަންވަރު މިސްކިތުގެ ނަމްބޯޑު "މަސްޖިދު މަލިކު ސަލްމާން" ހަރުކޮށް އަލި އަޅުވައި ނައްޓާފައި އަނެއްކާ ހަރުކޮށްފައި ސަތަރި އަޅައި ހަދައިފި އެވެ.
އަފްރާހު އޭރު ވިދާޅުވި ގޮތުގައި "މިހާތަނަށް ރާއްޖޭގައި ބިނާ ކުރާ އެންމެ ހިތްގައިމު މިސްކިތަކަށް ވާނީ މި މިސްކިތެ" ވެ. އަދި "މުޅި މިސްކިތުގައި ވާނީ ކާޕެޓް އަޅާފަ" އެވެ. އޭނާ ވިދާޅުވި ގޮތުގައި "މި ދުވަސްވަރު [އޭރު] ޖަމާއަތް ހެދުން ހުއްޓާލާފައިވުމާއި، މިސްކިތްތަކުގައި އަޅާފައިވާ ކާޕެޓްތައް ވެސް ނަގާފައިވާތީ މުޅިން ކާޕެޓް އަޅާފައިވާ މިސްކިތެއް ހުޅުވުން މިވަގުތަށް [އެ ވަގުތަށް] ރަނގަޅު ކަމަކަށް ނުވާނެ" އެވެ.
"... މިސްކިތް ހުޅުވޭ ވަރަށް މަސައްކަތްތައް ވަނީ ނިމިފައި. ނަމަވެސް މިއީ މުޅިން ކާޕެޓް އަޅާފައިވާ މިސްކިތެއް. އެހެންވީމަ މި ހާލަތަށް ބެލުމަށްފަހު މިސްކިތް ހުޅުވުން ފަސްކޮށްލީ." އަފްރާހް ވިދާޅުވި އެވެ. އޭނާ އެހެން ވިދާޅުވި އިރު ހަމަ އެ ދުވަހު ހއެ އުސޫލުން ފަސް ކުރި ހިތްގައިމު އެހެން މިސްކިތެއް ކަމަށްވާ މާވެޔޮ މިސްކިތް މިހާރު ވަނީ ހުޅުވާފަ އެވެ.
މި އަހަރުގެ ޖަނަވަރީން މިއަދު މިއީ 29 ވަނަ ދުވަހެވެ، އެކަމަކު މިދިއަ އަހަރުގެ ޖެނުއަރީ މަހު ޕްލޭނިން މިނިސްޓްރީގެ އެސިސްޓެންޓް އިންޖީނިއަރު ހަސަން ސާމީ ވިދާޅުވި ގޮތުގައި އެ ޖަނަވަރީ ނިމުމުގެ ކުރިން މިސްކިތުގެ ހުރިހާ ކަމަކުން އަތް ދޫކޮށްލެވޭނެ އެވެ. މިސްކިތް ހުޅުވާނެ ދުވަހަކާއި މިސްކިތުގެ ވަސީލަތްތައް ބޭނުން ކުރާނެ ގޮތް ކަނޑައަޅާނީ އިސްލާމިކް މިނިސްޓަރެވެ.
މި އަންނަ އޭޕްރީލް މަހުގައި މި ސަރުކާރާއެކު ތިން ވަނަ ރޯދަ މަހެއް އަންނާނެ އެވެ. އެކަމަކު މިހާރު މިދާ އިސްޕީޑުގައި މި އަންނަ ރޯދަ މަހު ވެސް މިސްކިތް ހުންނާނީ ނުހުޅުވި "ފެހި ގަލެއް" ހެނެވެ.
ޑިސެމްބަރު 3، 2020 ގައި ވެސް ސަރުކާރުން މިސްކިތާ ބެހޭ ގޮތުން ވާހަކަ ދެއްކި އެވެ. އޭރު ޕްލޭނިން މިނިސްޓްރީން ބުނި ގޮތުގައި ސަލްމާން މިސްކިތް ހުޅުވަން ސައުދީ ސަރުކާރާއެކު ދަނީ ވާހަކަ ދައްކަމުންނެވެ. މިހާރު މިސްކިތުގެ ކޮންޓްރެކްޓްގައި ހިމެނޭ ހުރިހާ މަސައްކަތްތަށް ކޮށް ނިމިއްޖެ އެވެ. މިދިއަ މާޗް މަހުގައި މިސްކިތް ހުޅުވަން ރޭވި އެވެ.
ޑިސެމްބަރު 8، 2020 ގައި މިސްކިތް ނުހުޅުވާ، މިސްކިތް ވަށައިގެންވާ ޕާކިން ޒޯނެއް ހަދައި، ޖާގަތައް ކުއްޔަށް ދޭން މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ހުޅުވާލި އެވެ. މިއީ އެކަން ކުރަން އޮތް ގޮތެއް ނޫނެވެ. އެކަމަކު ކައުންސިލްގެ އިދާރާގެ އިއުލާނުގައިވާ ގޮތުގައި ސަލްމާން މިސްކިތުގެ އުތުރު ފަރާތުގައިވާ ޕާކިން ޒޯންގައި ފީ ދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލި އެވެ.
އެ ޒޯނުން ޖާގަ ހޯދުމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެކިއެކި ސަބަބުތަކާ ހުރެ ކެންސަލްވި 27 ޖާގަ އާއި އަދި ސަލްމާން މިސްކިތުގެ ސަރަހައްދުން އަލަށް ގާއިމު ކުރި އަށް ޖާގައަށް އެދި ހުށަހެޅުމުގެ ފުރުސަތު އެ މަހުގެ 15 ގެ ނިޔަލަށް ދެ އެވެ. އެ ޒޯނުން 35 ޕާކިން ސްލޮޓް ދޫކުރާނީ މަހަކު 3000ރ. ދައްކާ ގޮތަށެވެ. އަނެއް ޒޯނުން ޖާގަ ދެނީ ކާރަށާއި 350 ކިލޯއަށް ވުރެ މަތި ނޫން ޕިކަޕު ތަކަށެވެ.
އިދިކޮޅުގެ ތުހުމަތުތައް
އަޑުތައް ފެތުރިފައިވާ ގޮތުން ސަލްމާން މިސްކިތުގައި ގާއިމް ކުރުމަށް ރައީސް ޔާމީންގެ ސަރުކާރުން ނިންމާފައިވާ ގޮތަށް ކީރިތި ގުރުއާނާ ބެހޭ މަރުކަޒު އެ މިސްކިތަށް ގެންދާކަށް މި ސަރުކާރުން ބޭނުމެއް ނުވެއެވެ.
ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީިހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު "މަސްޖިދު މަލިކު ސަލްމާން" ނުވަތަ ސަލްމާން މިސްކިތް ހުޅުވުމުގެ އެއްވެސް ވިސްނުމެއް މި ސަރުކާރުގެ ނެތެވެ. ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އިމާރާތް ކުރަން ފެށި މިސްކިތް ހުޅުވަން މި ސަރުކާރުން އެތައް ތާރީހެއް ދެނީ އެހެން ވެގެނެވެ.
ޝަރީފް ވިދާޅުވާ ގޮތުގައި މި ސަރުކާރު ވެރިކަމަށް އައި ފަހުން އިސްލާމީ ދަންމަތާއި ޝަހުސިއްޔަތު ރާއްޖޭގައި ފެތުރަން އަބަދު ކުރަމުން އައި މަސައްކަތްތަކަށް މަޑުޖެހުމެއް އައިސްފައި ވެއެވެ.
"އަޅުގަނޑުމެންނަށް ފާހަގަ ކުރެވިގެން މިދަނީ މި ސަރުކާރު އައި ފަހުން ރާއްޖޭގެ އިސްލާމީ ހަޟާރަތު ފެތުރުމަށްޓަކައި ކުރާ މަސައްކަތްތައް ވަރަށް ބޮޑަށް ފަނޑުވެގެން ހިނގައްޖެކަން." ކުރިން ޑިފެންސް މިނިސްޓަރުކަން ކުރެއްވި ޝަރީފު ވިދާޅުވި އެވެ. "އެނގިވަޑައިގަންނަވާނެ ... ވަރަށް ރީތި މިސްކިތެއް ވަރަށް ރީތި ބިނާއެއް އެބަހުރި. އެ މިސްކިތް ނިމިފައިވާތާ ކިތަންމެ ދުވަހެއް ވެއްޖެ. އެ ތަން ހުޅުވުމުގެ ވިސްނުމެއް ސަރުކާރުގެ އޮތް ތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ،"
ސަލްމާން މިސްކިތާ ހެދި ހިތަށް ތަދުވާ ބަޔަކަށް ވުރެ ސަލްމާން މިސްކިތް ނުހުުޅުވައިގެން ހިތަށް އަސަރުކާރާ މީހުން މާ ގިނަ އެވެ. މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ މުއިއްޒު ވިދާޅުވި ގޮތުގައި މާލޭގައި ހުރި އެންމެ ބިޔަ ބޮޑު އަދި އެންމެ ފުރިހަމަ މިސްކިތް މި ސަރުކާރަކުން ނުހުޅުވާނެ އެވެ. ހުޅުވިޔަސް ހުޅުވާލާނީ ނަމެއްގައި ކަމެއް ކޮށްލާ އުސޫލަށެވެ.