ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ޚަރަދުގައި މާލޭގައި އިމާރާތްގައި އިމާރާތްކުރާ މިސްކިތް ނުނިމި ލަސްވާތީ، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
ކިންގް ސަލްމާން މިސްކިތް ހަދަން ފެށިފަހުން ދެ އަހަރު ވަނީ ވެފައެވެ. ރާއްޖޭގެ ތާރީހުގައި ބިނާ ކުރާ އެންމެ ބޮޑު މިސްކިތް ކަމަށްވާ "ކިންގް ސަލްމާން މިސްކިތު" އެޅުމުގެ މަސައްކަތް ތުރުކީގެ ކުންފުންޏަކާ ހަވާލުކޮށްފައިވަނީ ފެބްރުއަރީ 28، 2017 ގައެވެ. އަދި 24.95 މިލިއަން ޑޮލަރަށް އެ މަސައްކަތް ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލުކޮށްފައިވަނީ އޯގަސްޓް 2018 ގައި މިސްކިތުގެ މަސައްކަތް ނިންމަން ޝަރުތުކޮށެވެ.
ނަމަވެސް އެ މުއްދަތު ފަހަނައަޅާ އަހަރަކަށްވުރެ ގިނަ ދުވަސްވީއިރު ވެސް މިސްކިތުގެ މަސައްކަތް ނިންމިފައެއް ނުވެއެވެ.
ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ނިންމާ އެންމެ ލަސްވެގެން މިއަހަރުގެ ޖުލައި މަހުގައި ހުޅުވޭ ވަރަށް އެ މަޝްރޫގެ ހުރިހާ ކަމެއް، ނޮވެންބަރު 17، 2018 ގައި ރައީސް ޔާމީންގެ ވެރިކަން ބަދަލުވީއިރު ހަމަޖެހިފައިވާނެ ކަމަށެވެ. ސަލްމާން މިސްކިތް ނުނިމި ލަސްވަނީ ކުރީ ސަރުކާރުގެ ސަބަބުންތޯ ވެސް މުއިއްޒު ވަނީ ސުވާލު ކުރައްވާފަ އެވެ.
"ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ނިންމާ، އެންމެ ލަސްވެގެން ޖުލައި 2019 ގައި ހުޅުވޭ ވަރަށް މަޝްރޫއުގެ ހުރިހާ ކަމެއް ނޮވެންބަރު 17، 2018 އައި އިރު އޮތީ. މިކަމުގައި ވެސް ޖަވާބަކީ 'ކުރީ ސަރުކާރު' ދެއްތޯ؟" މުއިއްޒު ސުވާލު ކުރެއްވި އެވެ.
ސައޫދީ ރަސްގެފާނު ސަލްމާން އަބްދުލްއަޒީޒްގެ ޚަރަދުގައި މާލޭގައި އިމާރާތް ކުރާ މިސްކިތަށް ސައޫދީ އަރަބިއްޔާއިން އަދި ލިބުނީ އަށް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 123 މިލިއަން ރުފިޔާ) ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ސަލްމާން ރަސްގެފާނު މިސްކިތް
- މިސްކިތުގައި ހަ ފަންގިފިލާ
- އަރާފޭބުމަށް ލިފުޓް ހުންނާނެ
- އެއްފަހަރާ 10000 މީހުންނަށް ނަމާދުކުރެވޭނެ
- ލައިބްރަރީއަކާއި ކްލާސްރޫމްތައް ހުންނާނެ
- ސެމިނާ ރޫމްތައް ހިމެނޭނެ
- ވެހިކަލްތައް ޕާކު ކުރުމަށް 44100 އަކަ ފޫޓުގެ ޖާގައެއް
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ކިންގް ސަލްމާން މިސްކިތަށް 22 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 339 މިލިއަން ރުފިޔާ) ހޭދަވާ ކަމަށާ، ނަމަވެސް ލިބިފައިވަނީ އަށް މިލިއަން ޑޮލަރު ކަމަށެވެ.
ނަމަވެސް ފަހުން ފައިސާގެ މައްސަލަ ހައްލުވެ، މިއަހަރުގެ ޖުލައި މަހު މިސްކިތް ހުޅުވާނެ ކަމަށް މި ސަރުކާރުން ބުންޏެވެ. އަދިވެސް ކުރަންޖެހޭ ބައެއް މަސައްކަތްތައް ހުރިއިރު، މިސްކިތް ހުޅުވާނެ ތާރީޚަކާ ގުޅޭ ގޮތުން ސަރުކާރުން ފަހުން އެއްޗެއް ނުބުނެއެވެ.