ކިންގް ސަލްމާން މިސްކިތް ހުޅުވާނެ ތާރީހު ކަނޑައަޅަން ސައުދީ އަރަބިއްޔާއިން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ވަފުދުގައި ޝާހީ އާއިލާގެ ބޭފުޅަކު ހިމެނޭ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރްޖަމާނު މަބްރޫކް އަޒީޒް މިއަދު އަވަސް އަށް ވިދާޅުވީ ޖޫން މަހުގައި ރާއްޖެ އަންނަން ހަމަޖެހުނު ސައުދީ ވަފްދު އައުން ލަސްވެފައިވާ ކަމަށެވެ. އެ ވަފްދު އަންނަން ހަމަޖެހުނީ ޖޫން މަހުގެ ފަހު ހަފްތާގަ އެވެ. ވަފްދު އައުން ސައުދީން ލަސްކޮށްފައި ވަނީ ސައުދީގެ ޝާހީ އާއިލާގެ ބޭފުޅަކު ވެސް ވަފްދާ އެއްކޮށް ރާއްޖެ ވަޑައިގަންނަވަން ބޭނުންވާތީ ކަމަށް ވިދާޅުވި އެވެ.
ރާއްޖެ އަންނަން ހަމަޖެހުނު ތިން ބޭފުޅުންގެ މައްޗަށް ހިމެނޭ އެ ވަފްދުގެ މައިގަނޑު މަސައްކަތަކަށް ވާނީ ކިންގް ސަލްމާން މިސްކިތް ހުޅުވާނެ ތާރީހެއް ކަނޑައެޅުމާއި މިސްކިތް ހުޅުވުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ އިންތިޒާމުތައް ހަމަޖެއްސުމެވެ.
ވަފްދު އައުން ލަސްވެފައިވާތީ އެ ބޭފުޅުން ދެން ރާއްޖެ ވަޑައިގަންނަވާނެ ތާރީހެއް އަދި ކަނޑައަޅާފައި ނުވާ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.
ސަލްމާން މިސްކިތް މިދިޔަ އަހަރުގެ ކުރީކޮޅު އަދި މިއަހަރުގެ ރޯދަ މަހާ ދިމާކޮށް ވެސް ހުޅުވަން ސަރުކާރުން މަސައްކަތް ކޮށްފައިވެ އެވެ. ފަހުން ބުނީ މިސްކިތް ހުޅުވުން ލަސްވަނީ އެ މިސްކިތަކީ ސައުދީ ރަސްގެފާނު ހަދިޔާ ކުރައްވާ މިސްކިތަކަށްވެ، އެ މިސްކިތް ހުޅުވަން ސައުދީގެ އިސް ބޭފުޅުން ރާއްޖެ ވަޑައިގަންނަވަން ބޭނުންފުޅުވާތީ ކަމަށެވެ. އެ ދަތުރު ކުރަން ދަތިވެފައި ވަނީ ކޮވިޑްގެ ހާލަތު މުޅި ދުނިޔޭގައި ވެސް ގޯސްވެފައިވާތީ މިވަގުތު އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުން ރައްކާތެރި ކަމަކަށް ނުވާތީ ކަމަށްވެސް ބުނެފައި ވެއެވެ.
ސަލްމާން މިސްކިތް އިމާރާތް ކޮށްފައި ވަނީ ތުރުކީގެ ޓާމެކްސް ކުންފުނިންނެވެ. ސަރުކާރުން އެ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރީ ފެބްރުއަރީ 28، 2017 ގަ އެވެ. މި ކުންފުނިން ރާއްޖޭގައި ހިންގި އެންމެ ބޮޑު މަޝްރޫއަކީ ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލުގެ މަޝްރޫ އެވެ. މިސްކިތުގެ މަޝްރޫއަށް 24.95 މިލިއަން ޑޮލަރު ހަރަދުވި ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.