ސަލްމާން ރަސްގެފާނު މިސްކިތް

ސަލްމާން މިސްކިތް ހުޅުވާ ތާރީހު ދޭން ސައުދީ ވަފުދެއް އަންނަނީ

ކިންގް ސަލްމާން މިސްކިތް ހުޅުވާނެ ތާރީހު ކަނޑައަޅަން ސައުދީ އަރަބިއްޔާގެ ވަފުދެއް އަންނަ ހަފުތާގައި ރާއްޖެ ޒިޔާރާތް ކުރާނެ އެވެ. ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓް އިބްރާހީމް ހޫދު މިއަދު ވިދާޅުވީ އަންނަ ހަފުތާގައި ސައުދީ ސަރުކާރުގެ ވަފުދެއް ރާއްޖެ އައުމަށް ނިންމާފައިވާ ކަމަށް އަންގާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ތިން ބޭފުޅުންގެ މައްޗަށް ހިމެނޭ އެ ވަފްދުގެ މައިގަނޑު މަސައްކަތަކަށް ވާނީ ކިންގް ސަލްމާން މިސްކިތް ހުޅުވާނެ ތާރީހެއް ކަނޑައެޅުމާއި މިސްކިތް ހުޅުވުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ އިންތިޒާމުތައް ހަމަޖެއްސުން ކަމަށެވެ.

ސަލްމާން މިސްކިތް މިދިޔަ އަހަރުގެ ކުރީކޮޅު އަދި މިއަހަރުގެ ރޯދަ މަހާ ދިމާކޮށް ވެސް ހުޅުވަން ސަރުކާރުން މަސައްކަތް ކޮށްފައިވެ އެވެ.
ފަހުން ބުނީ މިސްކިތް ހުޅުވުން ލަސްވަނީ އެ މިސްކިތަކީ ސައުދީ ރަސްގެފާނު ހަދިޔާ ކުރައްވާ މިސްކިތަކަށްވެ، އެ މިސްކިތް ހުޅުވަން ސައުދީގެ އިސް ބޭފުޅުން ރާއްޖެ ވަޑައިގަންނަވަން ބޭނުންފުޅުވާތީ ކަމަށެވެ. އެ ދަތުރު ކުރަން ދަތިވެފައި ވަނީ ކޮވިޑްގެ ހާލަތު މުޅި ދުނިޔޭގައި ވެސް ގޯސްވެފައިވާތީ މިވަގުތު އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުން ރައްކާތެރި ކަމަކަށް ނުވާތީ ކަމަށްވެސް ބުނެފައި ވެއެވެ.

ކިންގް ސަލްމާން މިސްކިތް

  • މިސްކިތުގައި ހަ ފަންގިފިލާ
  • އަރާފޭބުމަށް ލިފުޓް ހުންނާނެ
  • އެއްފަހަރާ 10000 މީހުންނަށް ނަމާދުކުރެވޭނެ
  • ލައިބްރަރީއަކާއި ކްލާސްރޫމްތައް ހުންނާނެ
  • ސެމިނާ ރޫމްތައް ހިމެނޭނެ
  • ވެހިކަލްތައް ޕާކު ކުރުމަށް 44100 އަކަ ފޫޓުގެ ޖާގައެއް

ސަލްމާން މިސްކިތް އިމާރާތް ކޮށްފައި ވަނީ ތުރުކީގެ ޓާމެކްސް ކުންފުނިންނެވެ. ސަރުކާރުން އެ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރީ ފެބްރުއަރީ 28، 2017 ގަ އެވެ. މި ކުންފުނިން ރާއްޖޭގައި ހިންގި އެންމެ ބޮޑު މަޝްރޫއަކީ ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލުގެ މަޝްރޫ އެވެ. މިސްކިތުގެ މަޝްރޫއަށް 24.95 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.

ކިންގް ސަލްމާން މިސްކިތް ހުޅުވާނެ ތާރީހެއް އަނެއްކާވެސް ކަނޑައެޅުމުގެ މަސައްކަތް ފަށާފައި މިވަނީ އެ މިސްކިތް ހުޅުވުން ވަރަށް ބޮޑަށް ލަސްވެފައިވާތީ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް ތަކުރާރުކޮށް އަމާޒުވަމުންދާ ވަގުތެއްގަ އެވެ.