ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ އިލްތިމާސް: ޤުރުއާނާ އެކު ދިރިއުޅެން އާދަކުރޭ

Mar 20, 2023

ކީރިތި ގުރުއާނާ އެކުގައި ދިރިއުޅުން އާރާސްތުކުރުމަށް ކުރަންޖެހޭ މަސައްކަތް މިހާރަށް ވުރެ ފުޅާކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ގުރުއާން ކިޔެވުމުގެ 35 ވަނަ ގައުމީ މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަަކަފުޅުގަ އެވެ.

ރައީސް ވިދާޅުވީ އެންމެ ޅަފަތުން ފެށިގެން އަލިފުބާ ދަސްކޮށްދިނުން ފަދަ ރީތި އަދި ރަނގަޅު އާދަތަކާ އެކު، ކީރިތި ގުރުއާނާ އެކުގައި ދިރިއުޅުން އާރާސްތުކުރުމުގެ ދާއިރާ މިހާރަށް ވުރެ ފުޅާކުރަންޖެހޭ ކަމަށެވެ. އެގޮތުން ކީރިތި ގުރުއާނުގައިވާ އިލްމީ ހަގީގަތްތަކުގެ މައްޗަށް، ޒަމާނީ ސައިންސާއި ޓެކްނޮލޮޖީގެ އަލީގައި ކުރެވޭ ދިރާސާތަކުން، އިސްލާމީ ރިސާލަތުގެ ފުރިހަމަކަން އިތުރަށް ހާމަވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"ޔުނިވަސިޓީތަކާއި ކޮލެޖްތަކުގެ އިސް ވެރިން، އެކަންކަމަށް ވިސްނުން ބެހެއްޓެވުން މުހިއްމު،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މި ފެށޭ ރޯދަ މަހަކީ ކީރިތި ގުރުއާނުގެ ހިޔަލުގައި ހޭދަކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ދެކެންޖެހޭ ކަމަށެވެ. އަދި އެ ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި، ދީނީ އަދި އަހުލާގީ ރީތި އާދަތަކުގެ މަތީގައި ދެމިތިބުމަށް އިލްތިމާސް ކުރެއްވި އެވެ.

މި މުބާރާތުގެ އެންމެ ޝަރަފުވެރި ވަނަތައް ހާސިލް ކުރި ފަރާތްތައް ފާހަގަކުރައްވައި އެ ފަރާތްތަކަށް ތަހުނިޔާ ވިދާޅުވަމުން ރައީސް ވިދާޅުވީ ތަޖުވީދު މަގުން ކީރިތި ގުރުއާން ކިޔެވުމާއި ކީރިތި ގުރުއާން ހިތުދަސްކުރުމަކީ ދުނިޔެއާއި އާހިރަތުގެ އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިދޭނެ ވަރަށް މުޤައްދަސް އަޅުކަމެއް ކަމަށެވެ. އެހެންކަމުން އެކަމުގައި ދެމިތިބުމަށް ރައީސް އިލްތިމާސް ކުރެއްވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގައި ގިނަ އަދަދެއްގެ ހާފިޒުން ތިބި ނަމަވެސް ހާފިޒުންގެ ގޮތުގައި ދެމިތިބުމަށް ކުރެވޭ މަސައްކަތް އަދިވެސް މަދުކަން ފާހަގަކުރެއްވި އެވެ. ހަމަ އެހެންމެ ރޯދަ މަހު ތަރާވީހް ނަމާދުކުރުމަށް ބޭރުގެ ހާފިޒުން ގިނަ އަދަދަކަށް ގެންނަންޖެހުމަކީ ކަމާބެހޭ ފަރާތްތަކުން ވިސްނާލުން މުހިއްމު ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި މުޅި މުބާރާތުން ބަލައިގެން އަދި ނުބަލާ ކިޔުމުގެ ބައިން އެއްވަނަ، މުބާރާތުގެ ހާފިޒުންގެ ގޮފިން އެއްވަނަ، މުޅި މުބާރާތުގެ ތިން ގޮފި އެއްކޮށް އެއްވަނަ އަދި މުޅި މުބާރާތުން އެއްވަނަ މުއައްސަސާއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު އަދި މިދިޔަ އަހަރު ގުރުއާން ހިތުދަސްކުރި ހާފިޒުންނަށް އިނާމު ހަވާލުކޮށްދެއްވީ ރައީސް ސޯލިހެވެ.

މި މުބާރާތުގައި 55 ސްކޫލަކުންނާއި 18 އަތޮޅު ކައުންސިލުންނާއި އަދި ކްލަބް ޖަމިއްޔާތަކާއި ގުރުއާން ކްލާސްތައް އަދި ކުންފުނިތަކުގެ ނަމުގައި 47 މުއައްސަސާއާއެކު ޖުމްލަ 121 މުއައްސަސާ އިން 1010 ބައިވެރިން ބައިވެރިވެ ކިޔަވާފައިވެ އެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފީގައި 595 ބައިވެރިންނާއި ނުބަލާ ކިޔެވުމުގެ ގޮފީގައި 402 ބައިވެރިންނާއި ހާފިޒުންގެ ބައިގައި 23 ބައިވެރިންނެވެ.