ގާސިމް އިބްރާހިމް

"ދީނަށް ފުރައްސާރަކުރާ މީހުނަށް ހަރުކަށި ފިޔަވަޅު އަޅަންޖެހޭ"

ރާއްޖޭގައި އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުނަށް އެންމެ ހަރުކަށި ފިޔަވަޅު އަޅަން ކަމަަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސަރުކާރަށް ގޮވާލައްވައިފި އެވެ.

ގާސިމް މިހެން ވިދާޅުވެފައި މިވަނީ މި ސަރުކާރާ ވަރަށް ގުޅުން ބޮޑު އިންޑިއާގެ މީހަކު މާލޭގައި މަސްތުގެ ހާލުގައި ހުރެ އިސްލާމްދީނާއި މާތް ﷲ ނިސްބަތްކޮށް ހުތުރު ބަސްތަކެއް ރައްދުކުރި މައްސަލާގައި ދިވެހިން ވަރަށް ބޮޑަށް ރުޅިގަދަވެފައި ވަނިކޮށެވެ. އެ މީހާ ހައްޔަރުކުރި ނަމަވެސް ކޯޓް ވަނީ އެ މީހާ ދޫކޮށްލާފަ އެވެ.

އަދި އޭނާގެ ދީނަށް ފުރައްސާރަ ކުރި މައްސަލަ ބަލަމުންދޭތޯ ނޫސްވެރިން ތަކުރާރުކޮށް ދިވެހި ފުލުހުންނާ ސުވާލު ކުރާއިރު އިރު ވެސް އެ ސުވާލަށް މިހާތަނަށް ޖަވާބު ދީފައެއް ނުވެއެވެ.

ގާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާތް ﷲ ވޮޑިގެން ނުވާ ކަމަށް ބުނަމުން ދިއުމާއި ކީރިތި ރަސޫލާއަށް ތަފާތު ގޮތްގޮތުން ދިމާކޮށް އެކި ކަަހަލަ މަލާމަތްކޮށް ފާޅުގައި ފާޑުކިޔުން ރާއްޖޭގައި އިތުުރުވަމުންދާ ކަމަށެވެ. އެފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށާއި އެ ކަންކަމަށް ހަރުކަށި ފިޔަވަޅު އަޅަން ގޮވާލައްވާ ކަމަށެވެ.

"މިކަން ކަމަށް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލަން،"

ދީނަށް ފުރައްސާރަ ކުރި އިންޑިއާ މީހާ ދޫކޮށްލި މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ފުލުހާއި ކޯޓްތަކަށް އަމާޒުވެފަ އެވެ. އަދި އެމީހާ ހައްޔަރުކޮށް ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ.

މީގެ ކުރިން ރާއްޖޭގެ ދެ ޖަމިއްޔާއަކުން ވެސް ވަނީ އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓެއް ނެރެފަ އެވެ. ބޭރުގެ ޔަހޫދީން މެދުވެރިކޮށް ފަންޑު ހޯދައިގެން އެ މަސައްކަތް ކުރުމުގައި އިސްކޮށް ތިބީ ދިވެހިންނެވެ. ނަމަވެސް އެ މީހުންނަށް ފިޔަވަޅު އެޅުމުގައި ވެސް ސަރުކާރުން ވަނީ ފެއިލްވެފައެވެ. އަަދި އެ ޖަމާއަތްތަކުގެ އިސްވެރިން މިހާރުވެސް ސަރުކާރުގެ މަގާމުތަކުގައި އެބަ ތިއްބެވެ.

އަދި ނައިފަރަށް ނިސްބަތްވާ ހައްދު ފަނައަޅާފައިވާ އަންހެނަކު ވެސް ވަނީ އެކި ފަހަރު މަތިން އިސްލާމްދީން ގަބޫލު ނުކުރާ ކަމަށް ބުނެ ސޯޝަލް މީޑީއާގައި ތަފާތު ޕޯސްޓްތައް ކޮށްފައެވެ. އޭނާ ރާއްޖޭގައި ހުރެގެން އެފަދަ ކަންކަން ކުރަމުން ގެންދާތީ އޭނާ ހައްޔަރުކޮށް ފިޔަވަޅު އެޅުމަށް އެތަށް ބަޔަކު ގޮވާލިއެވެ. ނަމަވެސް ރާއްޖެ ދޫކޮށްދާކަަން އިއުލާނުކޮށް ބޭރުގެ އެހީއަށް އެދި އޭނާ ރާއްޖެއިން ފުރައިގެން ދިޔައިރުވެސް ކަމާބެހޭ އިދާރާތަކުން އެއްވެސް ކަމެއް ކޮށްފައެއް ނުވެއެވެ. ބޭރުގައި ހުރެގެންވެސް އޭނާ ދަނީ ދީނަށް ފުރައްސާރަކޮށް ވީޑިއޯ އާންމު ކުރަމުންނެވެ.