ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފި އެވެ.
ފައިސަލް އެ ޕާޓީން ވަކިވެވަޑައިގެންފައިވާ ކަމަށް ޖުމްހޫރީ ޕާޓީންވެސް ވަނީ ޔަގީންކޮށްދީފަ އެވެ.
ފައިސަލް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންނެވި ވަކި ސަބަބެއް އެނގިފައެއް ނުވެ އެވެ.
ފައިސަލް އަކީ ޖުމްހޫރީ ޕާޓީން އުފެއްދުމަށް ސޮއި ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.
އެމަނިކުފާނަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ އިބްރާހީމްގެ ވިލާ ގުރޫޕްގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ގާސިމްގެ އަރިސް ބޭފުޅެކެވެ.
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި އެމަނިކުފާނުގެ ރަނިންމޭޓަކު ނެގުމަށް ފުރުސަތު ދެއްވީ ޖުމްހޫރީ ޕާޓީ އަށެވެ. ޖުމްހޫރީ ޕާޓީން ޕްރައިމަރީއެއް ބާއްވައިގެން އޭރު އެ ފުރުސަތު ލިބިވަޑައިގަތީ ފައިސަލް ނަސީމަށެވެ.
ރައީސް ސޯލިހްގެ ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެރިކަން ނިމެންދެން ޖުމްހޫރީ ޕާޓީ އޮތީ ވެރިކަން ކުރާ ކޯލިޝަންގައެވެ. ނަމަވެސް ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވަކިން ވާދަކުރަން ނިންމުމާ އަދި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެ ޕާޓީން އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރަން ނިންމުމާ ގުޅިގެން އޭގެފަހުން ޖުމްހޫރީ ޕާޓީގެ އެއްވެސް ކަމެއްގައި ފައިސަލް ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.
މާލޭގެ މޭޔަރު ހޮވުމަށް މިމަހު ބޭއްވި ބައި-އިލެކްޝަންގައި ފައިސަލް މަސައްކަތް ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އަދި އިންތިހާބީ މޭޔަރު އާދަމް އާޒިމްއާ އެކު އެވެ.