ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަރިހަށް އިއްޔެ ވަޑައިގެން ފެއްޓެވި މަޝްވަރާތައް މިއަދުވެސް ކުރިއަށް އެބަދެ އެވެ.
ރައީސް ސޯލިހް ގާސިމާ ބައްދަލުކުރެއްވުމަށް މާމިގިއްޔަށް ވަޑައިގަތީ އިއްޔެ ހަވީރު 4:45 ހާއިރު އެވެ. ދެ ބޭފުޅުންގެ މަޝްވަރާތައް ކުރިއަށްދަނީ ސަން އައިލެންޑް ގައެވެ. މަޝްވަރާތަކަށް މިހާރު 14 ވަރަކަށް ގަޑިއިރު ވަނީ އެވެ.
ޖުމްހޫރީ ޕާޓީގެ އިސް ބައެއް ބޭފުޅުންގެ ފަރާތުން އަވަސް އެނގިފައިވާ ގޮތުގައި ގިނަ ވަގުތު މަޝްވަރާތައް ކުރައްވަނީ ރައީސް ސޯލިހާއި ގާސިމް އިބްރާހީމް އެކަނި ތިއްބަވައިގެންނެވެ.
ގާސިމް އާއި އެކު އިތުރު ބޭފުޅަކު ބައިވެރިކުރައްވާނަމަ ބައިވެރިކުރައްވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކަމަށްވެސް އެނގިފައިވެ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް ރައީސް ސޯލިހާއި ގާސިމް އިބްރާހީމްއާ ދެމެދު މަޝްވަރާތައް ކުރިއަށްދާއިރު ޖޭޕީގެ އިސް ބައެއް ބޭފުޅުން މިވަގުތު ސަން އައިލެންޑްގައި އެބަތިއްބެވި އެވެ. އަދި މިއަދުވެސް ޖޭޕީ އިސް ބައެއް ބޭފުޅުން ގާސިމް ވަނީ ސަން އައިލެންޑަށް ގެންދަވާފަ އެވެ.
އެގޮތުން މިއަދު ގާސިމު އަރިހަށް ގެންދެވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާއި އެޑްވައިޒަރު އިރުތިޝާމް އާދަމް ކަމަށް އެނގިފައިވެ އެވެ.
ރައީސްއާއި އެކު ސަން އައިލެންޑްގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ ރަނިންމޭޓް މުހައްމަދު އަސްލަމާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަދި އަދާލަތު ޕާޓީގެ ކުރީގެ ނައިބް ރައީސް އަލީ ޒާހިރު އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީން ކޯލިޝަން ހަދާނެ ބަޔަކާ މެދު ގޮތެއް ނިންމުމަށް ހަމަޖެހިފައިވަނީ ރައީސް ސޯލިހާ އެކު ބާއްވާ މަޝްވަރާއަށްފަހު އެވެ.
މިދިޔަ ހޮނިހިރު ދުވަހު އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަށް ލިބިވަޑައިގަތީ 101،635 ވޯޓެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސްއާ އެކު މަސައްކަތް ކުރުމަށް އަދި އެއްވެސް ޕާޓީއަކުން އެއްބަސްވެފައެއް ނުވެ އެވެ. ނަމަވެސް މުއިއްޒުއާ އެކު މަސައްކަތް ކުރުމަށް އެމްއެންޕީ އިން އެއްބަސްވެ މިހާރު ވަނީ ކެމްޕޭންވެސް ފަށާފަ އެވެ.