ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން އަބްދުލްއަޒީޒްގެ ހަރަދުގައި މާލޭގެ އިރުމަތީ ފަރާތު އިމާރާތް ކުރި މިސްކިތް ނުހުޅުވައި ލަސް ވަނީ އަދިވެސް މިސްކިތް ހަދާ ނުނިމެނީތޯ ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ޑރ. މުހައްމަދު މުއިއްޒު ސުވާލު ކުރައްވައިފި އެވެ.
ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރައްވާ މުއިއްޒު މިއަދު އެ ސުވާލު ކުރެއްވުމާއެކު ވިދާޅުވީ ކުރިން ޝެޑިއުލްގައި އޮތް ގޮތުން ނަމަ ޖުލައި 2019 ގައި މިސްކިތް ނިމޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ ކުރިން ނިންމާފައިވާ ގޮތާ ހިލާފަށް ކީރިތި ގުރުއާނާ ބެހޭ މަރުކަޒު އެ މިސްކިތަށް ބަދަލު ނުކުރުން ފަދަ ބޮޑެތި ބަދަލުތަކެއް ސަލްމާން މިސްކިތަށް ގެންނަ ކަމަށް މައުލޫމާތު ލިބި ވަޑައިގެންފައިވާ ކަމަށެވެ.
ސަލްމާން މިސްކިތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންމެ އިސްކަން ދިން މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މަސައްކަތެކެވެ. ސަލްމާން މިސްކިތް އެޅުމުގެ މަސައްކަތް ތުރުކީގެ ކުންފުންޏަކާ ހަވާލުކޮށްފައިވަނީ ފެބްރުއަރީ 28، 2017 ގައެވެ. އަދި 24.95 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) އެ މަސައްކަތް ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލުކޮށްފައި ވަނީ އޯގަސްޓް 2018 ގައި މިސްކިތުގެ މަސައްކަތް ނިންމާށެވެ. އެ ތާރީހަށް ނިމިފައެއް ނުވެ އެވެ. ފަހުން ޝެޑިއުލްކޮށްފައި އޮތީ އެމިސްކިތުގެ މަސައްކަތް ނިންމާ އެންމެ ލަސްވެގެން ޖުލައި 2019 ގައި މަހުގައި ހުޅުވާށެވެ. ކުރީގެ ސަރުކާރުން ބުނެފައިވާ ގޮތުގައި އެ މަޝްރޫގެ ހުރިހާ ކަމެއް، ނޮވެންބަރު 17، 2018 ގައި ރައީސް ޔާމީންގެ ވެރިކަން ބަދަލުވީއިރު ހަމަޖައްސާފައި ނިމިފައި ވާނެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ތިންވަނަ އަހަރު ގުނަން ފަށައި ތިންވަނަ ރޯދަ މަހެއް އަންނަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ފަށާއިރު ސަލްމާން މިސްކިތް ހުޅުވުމާބެހޭ އެއްވެސް ތާރީހެއް ދީފައެއް ނުވެއެވެ. އެހެން ވަރަށް ގިނަ ބަޔަކު ފާޑު ކިޔައި ބުނަމުން ދަނީ ސަރުކާރުން ގަސްދުގައި މިސްކިތް ނުހުޅުވައި ލަސް ކުރަނީ ކަމަށެވެ.
ސަލްމާން ރަސްގެފާނު މިސްކިތް
މިސްކިތުގައި ހަ ފަންގިފިލާ
އަރާ ފޭބުމަށް ލިފުޓް ހުންނާނެ
އެއްފަހަރާ 10000 މީހުންނަށް ނަމާދުކުރެވޭނެ
ލައިބްރަރީއަކާއި ކްލާސްރޫމްތައް ހުންނާނެ
ސެމިނާ ރޫމްތައް ހިމެނޭނެ
350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެއް
އޮޑިޓޯރިއަމާއެކު ވަރަށް ފުރިހަމަ ލޮބީ އޭރިއޭ
ވެހިކަލްތައް ޕާކު ކުރުމަށް 44100 އަކަ ފޫޓުގެ ޖާގައެއް
މިސްކިތް އޭސީކޮށްފައި
މަލްޓި ޕާޕަސް ހޯލެއް
ޕްލޭނިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިސްކިތުގެ ހުރިހާ ކަމެއް ވަނީ ނިމިފަ އެވެ. ނަމަވެސް މިސްކިތް ހުޅުވާނެ ދުވަހަކާއި އެ މިސްކިތުގެ އެހެން ވަސީލަތްތައް ބޭނުން ކުރާނެ ގޮތް ކަނޑައަޅާނީ އިސްލާމިކް މިނިސްޓްރީންނެވެ. އެ މިނިސްޓްރީން ބުނެފައި ވަނީ މިސްކިތް ހުޅުވަން ސައުދީ ސަރުކާރާއެކު މަޝްވަރާ ކުރާ ކަމަށެވެ.