ސައުދީ ސަރުކާރުގެ އެހީގައި އިމާރާތް ކުރަމުންދާ ކިންގް ސަލްމާން މިސްކިތް -- މަސްޖިދު ފަހުދު ބިން އަބްދުލްއަޒީޒް -- ރޯދަ މަހު ނުހުޅުވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.
ކުރީގެ ސަރުކާރުގައި އިމާރާތް ކުރަން ފެށި މިސްކިތުގެ ގިނަ މަސައްކަތްތައް ހުރީ ނިމިފަ އެވެ. މިސްކިތް ނުނިމި ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައިވުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. އަދި ތުހުމަތުގެ އިނގިލި ދިއްކޮށް ސަަރުކާރުން އެ މަސައްކަތް ނުހުޅުވާ ގަސްތުގައި ލަސް ކުރަމުންދާ ކަމަށްވެސް ބައެއް މީހުން ދެކެއެވެ.
ސަލްމާން މިސްކިތް މި އަންނަ ރޯދަ މަހު ބޭނުން ކުރަން ފެށޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ވަނީ ވިދާޅުވެފަ އެވެ. ރައީސް ސޯލިހް ވިދާޅުވީ ސަލްމާން މިސްކިތް ހުޅުވަން ކުރިން ނިންމާފައި އޮތީ ސައުދީ ސަރުކާރުގެ އިސްބޭފުޅުންތަކެއް ވަޑައިގެން އެ ބޭފުޅުން އެތަން ހުޅުވައި ދެއްވާ ގޮތަށް ކަމަށެވެ.
ނަމަވެސް ކޮވިޑާ ގުޅިގެން އެ ބޭފުޅުން ރާއްޖެ ވަޑައިގަންނަވާނެ ދަނޑިވަޅެއް ނުފެންނާތީ އެ މިސްކިތް އަދިވެސް ނުހުޅުވި ހުރީ ކަމަށެވެ.
"ނަމަވެސް އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން ނުރަސްމީކޮށް ވެސް ކުރިއަށް އޮތް ރޯދަ މަސްތެރޭގައި ވެސް އެތަން ބޭނުން ކުރެވޭތޯ." ރައީސް ސޯލިހް ވިދާޅުވި އެވެ.
އަވަސްއަށް ދެއްވި އިންޓަވިއުއެއްގައި އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަލީ ވިދާޅުވީ މި ރޯދަ މަހަށް ވެސް މިސްކިތް ނުހުޅުވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ މިސްކިތުގައި އަދިވެސް ފުރިހަމަ ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށާ އެކަމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެހެން ކަމުން މުޅި މިސްކިތް ފުރިހަމަކޮށްގެން މި ރޯދަ މަހަށް ނުހުޅުވޭނެ ކަމަށެވެ.
"ރޯދައަށް ހުޅުވޭނެ ކަމަކަށް ނުފެނޭ. އަދިވެސް މިސްކިތުގައި ހިމެނޭ އޮޑިޓޯރިއަމް އާއި އެހެން ބައެއް ތަންތަނަށް ފަރުނީޗަރު ހޯދަން ޖެހޭ. އެ ނޫން ބައެއްކަން ވެސް އެބަހުރި. ހަގީގަތުގައި އޮނިގަނޑުގެ މަސައްކަތް ނިމި ކާޕެޓް އެޅިފައި އެ ހުރީ. އެހެން ކަންކަމަށް ބޭނުންވާ ފައިސާ އަޅުގަނޑުމެން އެކި ގޮތްގޮތުން އެބަ ހޯދަން،" މިނިސްޓަރު ވިދާޅުވި އެވެ.
ސަލްމާން މިސްކިތުގެ އިމާރާތުގެ ޖާގައިގެ ތެރޭގައި 6،000 މީހުންނަށް ނަމާދު ކުރެވެ އެވެ. ބިންމަތީ މާބްލް ޖަހާފައި އޮންނަ ހަރިންމަ ތެރެއާ އެއްކޮށް ހުކުރު ދުވަސްތަކުގައި އާއި އީދު ދުވަސްތައް ފަދަ ބޮޑެތި ޖަމާއަތް ހަދަން ޖެހޭ ދުވަސްތަކުގައި އެއް ފަހަރާ 10،000 މީހުންނަށް ނަމާދުކުރެވޭ ޖާގަ ހިމަނާފައި ވެއެވެ.
އަދި އިސްލާމީ މަރުކަޒުގެ ބައިގައި ދުނިޔޭގެ ފެންވަރުގެ އިސްލާމިކް ލައިބްރަރީއަކާއި ކްލާސްރޫމްތަކާއި ސެމިނާ ރޫމްތައް ވެސް ހުރެ އެވެ. މިސްކިތަށް 41500 އަކަފޫޓުގެ ބިމުގެ ޖާގައެއް ނަގައި މިސްކިތަށް ހަ ފަންގިފިލާ ހިމަނާފައި ވެއެވެ. މިސްކިތަށް ދާ މީހުންގެ ވެހިކަލްތައް ޕާކު ކުރުމަށް 44100 އަކަ ފޫޓުގެ ޖާގައެއް ވެއެވެ.
ނަމާދު ކުރަން ހާއްސަކޮށްފައި ވަނީ ފުރަތަމަ ބުރި އާއި ދެ ވަނަ ބުރި އެވެ. އެ ދެ ބުރީގައި އެއް ފަހަރާ 4،000 މީހުންނަށް ނަމާދު ކުރެވޭނެ އެވެ. އަދި މިސްކިތުގެ ބޭރުގައި ވަށައިގެން އޮތް ސަރަހައްދުގައި 6،000 މީހުންނަށް ނަމާދު ކުރެވޭނެ އެވެ. މިއީ ރާއްޖޭގައި މިހާތަނަށް މިސްކިތެއްގައި އަންނަ އެންމެ މަތީ ނަމްބަރެވެ. މުޅި މިސްކިތުގެ އެންމެ ތިރީގައި ވަނީ ފާހާނާތަކާއި ވުލޫކުރަން އިސްކުރު ބަރިތަކެވެ. އެ ދެ ބައި ހުރީ ދެ ޖިންސުގެ މީހުންނަށް ވަކިން ބޭނުންކުރެވޭ ގޮތަށެވެ. އޭސީކޮށްފައިވާ މިސްކިތުގައި ތިން ލިފްޓާއި ހަތަރު ސިޑި ހިމެނެ އެވެ.
މިއީ 24.95 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 370 މިލިއަން ރުފިޔާ) ހޭދަކޮށް ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލުކޮށްގެން އަޅާފައިވާ މިސްކިތެކެވެ. ތިން ވަނަ ބުރީގެ އެއް ބަ އާއި ހަތަރު ވަނަ ބުރި އެއްކޮށްލައިގެން ހަދާފައިވާ އޮޑިޓޯރިއަމް ވެސް ވަރަށް ރީއްޗެވެ. އޮޑިޓޯރިއަމްގައި 350 ގޮނޑި ޖަހާފައިވެ އެވެ. އެހެން ކަމުން މިއީ ހިތްގައިމު ލޮބީއަކާއެކު ރާއްޖޭގެ އެންމެ ބޮޑު އެއް އޮޑިޓޯރިއަމަށް ވާނެ އެވެ. ފަސް ވަނަ ބުރީގައި ހަދާފައި ވަނީ އެކި އިވެންޓްތައް ބޭއްވޭ ކަހަލަ މަލްޓި ޕާޕަސް ހޯލެކެވެ.
ސަލްމާން މިސްކިތް ހުޅުވަން މި ސަރުކާރުން މިހާތަނަށް ވަރަށް ގިނަ ތާރީހުތައް ވަނީ ދީފައެވެ. އަދި މިސްކިތް ނުހުޅުވި ލަސްވާ ކަމަށް އެކި ފަހަރު އެކި ސަބަބުތައް ހާމަކޮށްފައިވެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފުރަތަމަ ބުނަމުން އައި އެއް ވާހަކައަކީ މިސްކިތަށް ސައޫދީ އަރަބިއްޔާއިން އަދި ލިބުނީ އަށް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 123 މިލިއަން ރުފިޔާ) ކަމަށެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވާ ގޮތުގައި ސަލްމާން މިސްކިތަށް 22 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 339 މިލިއަން ރުފިޔާ) ހޭދަވެ އެވެ. ނަމަވެސް ލިބިފައިވަނީ އަށް މިލިއަން ޑޮލަރެވެ. މިނިސްޓަރު އެހެން ވިދާޅުވުމުގެ ކުރިޔަށް ފައިސާގެ މައްސަލަ ހައްލުވެ، ޖުލައި 2019 ގައި މިސްކިތް ހުޅުވާނެ ކަމަށް މި ސަރުކާރުން ވެސް ބުނެފައި ވެއެވެ. އެއީ ކުރީ ސަރުކާރުގެ އެންމެ ލަސް އަމާޒެވެ.
މިނިސްޓަރު މުހައްމަދު އަސްލަމްގެ ދަށުގައި އޮތް ޕްލޭނިން މިނިސްޓްރީން ޖެނުއަރީ 7، 2020 ގައި ބުނެފައިވާ ގޮތުގައި ސަލްމާން މިސްކިތުގެ ހުރިހާ މަސައްކަތް ޖަނަވަރީ 2020 ގެ ނިޔަލަށް މުޅީން ނިމޭނެ އެވެ. ނަމަވެސް މިހާރު ސަރުކާރުން ވަނީ މި ރޯދަ މަހަށްވެސް މިސްކިތް ނުހުޅުވޭނެ ކަމަށް ބުނެފައެވެ.