ސައުދީން ރާއްޖެއަށް މިއަހަރު ދިން ރަސްމީ ހައްޖު ކޯޓާ 2،500 އަށް އިތުރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ސައުދީ ސަރުކާރުގައި އެދިވަޑައިގެންފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ޒާހިރު ވިދާޅުވީ ކޮންމެ އަހަރަކު ސައުދީން ރާއްޖެއަށްދޭ ރަސްމީ ހައްޖު ކޯޓާގެ އަދަދު މިއަހަރަށް އިތުރު ކޮށްދެއްވުމަށް ރައީސް ސޯލިހުގެ އިސްނެންގެވުމާއެކު މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. މިގޮތުން ހައްޖު ކޯޓާގެ އަދަދު 2،500 އަށް އިތުރު ކުރުމަށް ސައުދީ ސަރުކާރުގައި އެދިވަޑައިގެންފައިވާ ކަމަށް ޒާހިރު ވިދާޅުވި އެވެ.
ސައުދީ ސަރުކާރުން ކޮންމެ އަހަރަކުވެސް ދޫކުރަނީ ރަސްމީ 1،000 ކޯޓާ އެވެ. ކޮވިޑުގެ ދުވަސްވަރު މި އަދަދު މަދުކުރުމަށްފަހު މިހާރު މިވަނީ ކޮވިޑުގެ ކުރިން ކޯޓާ ދޫކުރި އަދަދަށް ކޯޓާ ދޫކުރަން ފަށާފަ އެވެ.
"ރައީސް ވަރަށް ބޮޑަށް އެބަ މަސައްކަތްޕުޅު ކުރައްވާ ކޯޓާ އިތުރު ކުރެއްވުމަށް. ރާއްޖެއަށް ދޭ ރަސްމީ 1،000 ކޯޓާގެ ބަދަލުގައި ރަސްމީ ކޯޓާ 2،500 އަށް ބަދަލުކޮށްދެއްވުމަށް ރައީސް ވަނީ ސައުދީ ސަރުކާރަށް ދަންނަވާފައި،" ޒާހިރު ވިދާޅުވިއެވެ.
ރާއްޖެއަށް މިއަހަރު ލިބުނު 1،000 ކޯޓާއަށްވުރެ އިތުރަށް ކޯޓާ ލިބޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށްވެސް ޒާހިރު ވިދާޅުވި އެވެ. އެހެން އަހަރުތަކުގައިވެސް ރާއްޖެއަށް ދޭ ހައްޖު ކޯޓާ ސައުދީން އިތުރުކޮށްދެއްވާ ކަމަށްވެސް ވިދާޅުވި އެވެ.
މިނިސްޓަރު ޒާހިރު ވިދާޅުވީ އިތުރު ކޯޓާ ރޯދަ މަހުގެ ތެރޭގައި ނުވަތަ ރޯދަމަސް ނިންމާފައި ލިބޭނެ ލިބުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.
ހައްޖަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ގްރޫޕްތައް އިވެލުއޭޓް ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކަމަށާއި މިކަން ކުރުމަށް ލިބެނީ ވަރަށް ކުޑަ މުއްދަތެއްކަން ޒާހިރު ފާހަގަ ކުރެއްވި އެވެ.
"ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން ވަރަށް ކުޑަ މުދައްތެއްގެ ތެރޭގައި ގޮތެއް ނިންމަންޖެހެނީ. މަސައްކަތް މިކުރަނީ ރޯދައިގެ ކުރިން މިމަސައްކަތް ނިންމާލުމަށް," މިނިސްޓަރު ވިދާޅުވިއެވެ.
ދިވެހިރާއްޖެއިން މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ކުންފުނިތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލީ ފެބްރުއަރީ މަހުގެ ފަހުކޮޅު އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޕްރޮޕޯސަލް ހުށަހެޅޭނީ ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގައިވާ ޝަރުތު ފުރިހަމަވާ ކުންފުނިތަކަށް އެކަނި ކަމަށެވެ. މިއުސޫލު ގެޒެޓް ކުރީ މެއި 18، 2022 ގައެވެ.
ހައްޖަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖައްސާފައިވަނީ ކުރިއަށް މިމަހުގެ 23 ވަނަ ދުވަހު އެވެ.