ހައްޖުގެ އަޅުކަން

ހައްޖަށް ފުރުސަތު ލިބޭ މިންވަރު މިއަހަރު މަދުވާނެ: އިސްލާމިކް މިނިސްޓްރީ

މިއަހަރު ހައްޖަށް ފުރުސަތު ދޭ މިންވަރު މަަދުކޮށްފައިވުމުންގެ ސަބަބުން ރާއްޖެއަށް ލިބޭ ކޯޓާގެ އަދަދުވެސް މަދުވާނެ ކަމަށް ސައުދީ ސަރުކާރުން އަންގާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ސައޫދީ އަރަބިއްޔާއިން މި އަހަރު ފުރުސަތު ދޭނީ އެއްމިލިއަން ހައްޖުވެރިންނަށް ކަމަށް މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ވަނީ ބުނެފައެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ މިއަދު ވިދާޅުވީ ރާއްޖެއަށް ލިބޭ ކޯޓާގެ އަދަދުވެސް މަދުވާނެ ކަމަށް ސައުދީ ސަރުކާރުން އަންގާފައިވާ ކަމަށެވެ. ލަފާ ކުރެއްވޭ ގޮތުން ކުރީން ލިބޭ އަދަދަށް ވުރެ 45 ޕަސެންޓް ކޯޓާ މަދުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެހެން އަހަރުތަކެކޭ އެއް ފަދައިން މިއަހަރުވެސް އިތުރު ކޯޓާ ލިބޭތޯ ސަރުކާރުން މަސައްކަތް ކުރައްވާނެ އެވެ. 

ދުނިޔެއަށް ފެތުރިގަތް ކޮވިޑާ ހެދި ސައޫދީ އަރަބިއްޔާއަށް އެތެރެވުން ވަރަށް ބޮޑަށް ހަރުކަށިކޮށްފައި އޮތުމަށް ފަހު މިހާރު ވަނީ ދޫދޭން ފަށާފަ އެވެ. މި އަހަރު ރޯދަ މަހު އުމްރާވެރިންނަށް ވެސް ވަނީ ވަރަށް ބޮޑަށް ލުއި ދީފަ އެވެ.

ސައޫދީގައި ހައްޖު އިންތިޒާމްކުރާ އިދާރާތަކުން ބުނާ ގޮތުން އެއްމިލިއަން ހައްޖުވެރިންނަށް މިއަހަރު ފުރުސަތު ދިން ނަމަވެސް، އެކަން ހިނގައި ދާނީ އެގައުމަކަށް ކޯޓާ ދޫކޮށްފައި އޮންނަ އުސޫލުން އެ ތަރުތީބުންނެވެ.

ސައޫދީއަށް އެންމެ މުހިންމީ ހައްޖުވެރިން ދުޅަހެޔޮ ކަމާއެކު ހައްޖުގެ އަޅުކަން އަދާކުރުން ކަމަށް ސިއްހީ އިދާރާތަކުން ބުނެ އެވެ. އެހެންކަމުން ކޮވިޑް ވެކްސިން ފުރިހަމަ ކުރުމުގެ މުހިންމުކަން ވަނީ ހަނދާން ކޮށްދީފަ އެވެ. ހައްޖުންވެރިން ވާން ޖެހޭނީ 65 އަހަރު ނުފުރޭ މީހުންނަށް ކަމަށާއި ސައޫދީން ގަބޫލުކުރާ މިންގަނޑަށް ކޮވިޑް ވެކްސިން ފުރަހަމަ ކުރަން ޖެހޭނެ ކަަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ސައޫދީ ހެލްތު މިނިސްޓްރީން ބުނީ ކޮންމެ ހައްޖުވެރިއެއްގެ އަތުގައި 72 ގަޑިއިރު ނުވާ ނެގަޓިވް ޕީސީއާރު ޓެސްޓެއް އޮންނަން ވާނެ ކަމަށެވެ. ބޭނުމެއް ކަމަށް ބުނީ އެއީ ހައްޖުވެރިންގެ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް ކަމަށެވެ.

ކޮވިޑާ ހެދި މިދިއަ އަހަރު ހައްޖު ކުރަން ފުރުސަތު ދީފައި ވަނީ 58،745 މީހުންނަށް ކަމަށް ރަސްމީ ހިސާބުތައް ބުނެ އެވެ. ކޮވިޑް ލައިގަތުމުގެ ކުރިން ދެ މިލިއަނަށް ވުރެ ގިނަ މީހުންނަށް ހައްޖުގެ ފުރުސަތު ސައުދީން ވަނީ ދީފަ އެވެ.