މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް 21.8 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ މިއަދު ވިދާޅުވީ މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް ސަރުކާރުން 15 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން މިސްކިތްތަކުގެ ފަނޑުން 6.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރޯދަމަހަށް މިސްކިތްތައް މަރާމާތުކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެކަމަކު ބައެއް މިނިސްކިތްތަކުގެ މަސައްކަތް ރޯދަމަސް ފެށޭއިރު ނުނިމިދާނެ ކަމަށް ވިދާޅުވި އެވެ.
މާލޭގެ އިސްލާމީ މަރުކަރުގައި ވެސް މަރާމާތުތަކެއް ކުރިއަށްދާއިރު، އެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އިސްލާމީ މަރުކަޒު ވަށައިގެން އާބާތުރަ ފިލުވައި މަތީގައި ވެސް ފަސޭހައިން ނަމާދުކުރެވޭނެ އިންތިޒާމްތައް މިހާރު ހަމަޖައްސައިފައިވާ ކަމަށެވެ.
އިސްލާމީ މަރުކަޒުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް މިނިސްޓްރީއިން ފަށާފައި ވަނީ މިމަހުގެ ފުރަތަމަ ހަފްތާ އެވެ. އާބާތުރަ ފިލުވުމުގެ ގޮތުން އިސްލާމީ މަރުކަޒު ބޭރުފާރުތައް ދޮވެ ސާފު ކުރުމާއި، މިހުރާބުގޭގެ ކެލިގްރަފީ އާކުރުމުގެ އިތުރުން އަންހެނުން ނަމާދުކުރާ ބައިގައި އިތުރު ފަންކާ ހަރުކުރުން ހިމެނެ އެވެ. އިސްލާމީ މަރުޒަކުގެ ގޯތިތެރޭގައި ހަލާކުވެފައިވާ މާބުލްތަށް ނަގާ އާ މާބުލް ޖެހުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.
މިސްކިތްތަކުގެ އަޕްޑޭޓެއް ދެމުން މިނިސްޓަރު އިތުރަށް ވިދާޅުވީ ރޯދަމަހާ ދިމާކޮށް ކިންގް ސަލްމާން މިނިސްކިތާއި، ލ. މަތިމަރަދޫގައި ޒަކާތު ފަންޑުގެ ދަށުން އަޅާފައިވާ މިސްކިތް ހުޅުވަން ހަމަޖެހިފައިވާ ކަމަށެވެ. މިއީ ޒަކާތު ފަންޑުގެ ދަށުން ބިނާކުރި ފުރަތަމަ މިސްކިތެވެ. މީގެ އިތުރުން ހުޅުމާލެ ދެވަނަ ދިޔަވަހީގައި ބިނާކޮށްފައިވާ ދެވަނަ ވަގުތީ މިސްކިތް ބުރާސްފަތި ދުވަހުގެ އަސުރު ނަމާދަށް ހުޅުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހުޅުމާލެ ދެވަނަ ދިޔަވަހީގެ ދެ މިސްކިތް ވެސް ހިޔާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.