މިސްކިތް

އައްޑޫ މީދޫގައި 700 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަނީ

އައްޑޫ މީދޫގައި 700 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމަށް ބަޔަކާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
0%
0%
0%

އައްޑޫ ސިޓީގެ މީދޫގައި އެއްފަހަރާ 700 މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މިމަސައްކަތް ހަވާލުކުރީ ނޫރައްދީން އިންވެސްޓްމަންޓަށެވެ. މި ރަސްމިއްޔާތުގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ އެވެ. ނޫރައްދީން އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖަރު އަބްދުﷲ ސާލިހް އެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވީ އެއްބަސްވުމުގައިވާ ގޮތަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މި މަސައްކަތް ނިންމައިދިނުމަކީ މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެއް ކަމަށާއި މިނިސްޓްރީގެ ފަރާތުން ބޭނުންވާ އެހީތެރިކަން ލިބޭނެ ކަމަށެވެ.

މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ ސަރުކާރުގެ ފަރާތުން މީދޫގައި މިސްކިތެއް އިމާރާތް ކުރާ މިއީ ފުރަތަމަ ފަހަރު ކަމަށެވެ. މިއީ އެރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދަކަށްވާއިރު މި މިސްކިތުގެ މަސައްކަތް އަވަސްކޮށްދެއްވުމަށްވެސް އޭނާ އެދިވަޑައިގެންނެވި އެވެ.

ނޫރައްދީން އިންވެސްޓްމަންޓްގެ މެނޭޖަރު އަބްދުﷲ ސާލިހު ވިދާޅުވީ އެ ކުންފުނިން އަބަދުވެސް ބަލަނީ ހަވާލުވާ މަސައްކަތެއް ވީހާވެސް އަވަހަށް ނިންމުމަށް ކަމަށެވެ. އެހެންކަމުން މި މަސައްކަތްވެސް އެއްބަސްވުމުގައިވާ މުއްދަތުގައި ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މީދޫގައި އިމާރާތްކުރަން އެއްބަސްވި މި މިސްކިތަކީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 13.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭ ގޮތަށް ބިނާކުރާ މި މިސްކިތުގެ މަސައްކަތް ނިންމަން ދީފައިވަނީ އެއް އަހަރު ދުވަހެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910