އައްޑޫ ސިޓީގެ ހިތަދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ހިންދޫ ދީނުގެ އަޅުކަމަކުން ފެށި މައްސަލަ ހޫނުވުމުން އެ މައްސަލަ ބަލައިދިނުމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ފުލުހުންނަށް ހުށަހަޅައިފި އެވެ.
އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓްގައި މިރޭ އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ އައްޑޫގައި އިސްލާމްދީނާއި ރާއްޖޭގެ ގާނޫނުތަކާއި އަދި ގަވައިދުތަކާއ ޚިލާފަށް އެހެންދީނެއްގެ ޝިއާރެއް ފާޅުކުރުން ކުށްވެރިކުރައްވައި އެ މައްސަލަ ބެލުމަށް މިނިސްޓަރު ފުލުހުންނަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
ރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ގައުމަކަށްވާއިރު ރާއްޖޭގެ ރަށެއްގައި އެހެން ދީނެއްގެ ޝިއާރެއް ބޭނުންކޮށްގެން އެއްވެސް ކަމެއް ކުރުމަކީ ގާނޫނުއަސާސީއާއި ގާނޫނުތަކާއި ގަވާއިދުތަކުން ކަނޑައެޅިގެން މަނާކުރާ ކަމެއް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ބަޔާނުގައި ބުނެފައިވަނީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގައި ރާއްޖޭގެ ރައްޔިތުންނަކީ އިސްލާމްދީނުގެ އަހުލުވެރިންކަމަށްވެފައި، އުސޫލެއްގެ ގޮތުން އެއް މަޒުހަބަކަށް އެންމެން އުޅެމުން އަންނަ އެއް ގައުމިއްޔަތެއް ހިއްސާކުރާ ބައެއް ކަމަށެވެ. އެހެންކަމުން ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ރާއްޖޭގެ އަމަންއަމާންކަމާއި ސުލްހަ މަސްލަހަތު ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންކަމެއް ކަަމަށްވެސް ބުނެފައިވެ އެވެ. ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމަކީ ދިވެހި ސަރުކާރާއި ރައްޔިތުންގެ މައްޗަށް ލާޒިމްވެގެންވާ ކަމެއް ކަމަށްވާތީ އެކަން ކުރާނެ ކަމަށްވެސް ބުނެފައިވެ އެވެ.
ބަޔާނުގައި ބުނެފައިވަނީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގަވާއިދުގެ ނުވަވަނަ މާއްދާގައި ދިވެހިރާއްޖޭގައި ދިރިއުޅޭ ޣައިރު މުސްލިމުންނާއި، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ޣައިރު މުސްލިމުން ފާޅުކަން ބޮޑު ގޮތެއްގައި އެމީހުންގެ ދީނީ ޝިއާރު ފާޅުކުރުމާއި އާންމު ތަންތާނގައި ޖަމާއަތް ހަދައިގެން އެފަދަ ދީނީ ހަރަކާތްތައް ހިންގުމާއި، އެމީހުންގެ އެފަދަ އެއްވެސް ހަރަކާތެއްގައި ދިވެއްސަކު ބައިވެރިކުރުމަކީ މަނާ ކަމެއް ކަން ހަނދާންކޮށްދީފައިވެ އެވެ.
"އެހެންކަމުން މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ އަހްމަދު ޒާހިރު އަލީ ވަނީ މިކަން ކުށްވެރިކުރައްވާ މި މައްސަލަ ބައްލަވަން ފުލުހުންނަށްވެސް ހުށަހަޅުއްވާފަ އެވެ." ބަޔާނުގައިވެ އެވެ.
ރާއްޖޭގައި ތަފާތު މަޝްރޫޢުތައް ކުރިއަށް ގެންދާއިރު ރާއްޖެއިން ބޭރުގެ މީހުން މިފަދަ މަޝްރޫއުތައް ހިންގުމުގައި ހަރަކާތްތެރިވާތީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް އެފަރާތްތައް އަހުލުވެރިކުރުވުމަށް ކަމާގުޅުންހުރި ފަރާތްތަކަށްވެސް މިނިސްޓްރީން ވަނީ ގޮވާލާފަ އެވެ.
އައްޑޫގެ މަގުތައް ހަދަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏެވެ. ތިލަމާލެ ބްރިޖު ހެދުމަށް ވެސް ހަވާލުކޮށްފައިވަނީ އެ ކުންފުންޏަށެެވެ.