އިސްލާމިކް މިނިސްޓްރީ

މިސަރުކާރުގައި އަޅަން ފެށި 12 މިސްކިތެއް ނިމިއްޖެ: ޒާހިރު

މި ސަރުކާރުން އަޅަން ފެށި 12 މިސްކިތެއް ނިމި، 19 މިސްކިތެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް އިސްލާމިކް މިނިސްޓަރ އަހްމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

އައްޑޫ މީދޫގައި އަލަށް ބިނާކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފެށުމަށް އެ ރަށުގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމަށްފަހު އެކި ދާއިރާތަކުން ރާއްޖެއަށް ވަރަށް ގިނަ އުމްރާނީ ތަރައްގީ ގެނެސްދެއްވާފައިވާ ކަމަށެވެ. އެގޮތުން ސަރުުކާރުން އަޅައިދޭ މިސްކިތްތަކަކީ އޭގެ މިސާލެއް ކަމުގައި ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި މިސްކިތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު އަޅަމުންދާ މިސްކިތްތަކުގެ ޑިޒައިން ކުރިއާ ހިލާފަށް ތަފާތުވާނެ ކަމަށެވެ. މިސްކިތްތައް އަޅަނީ ރައީސް ސޯލިހްގެ ލަފާފުޅާއިއެކު އެމަނިކުފާނު ވެސް ބޭނުންވާ ގޮތް ބެއްލެވުމަށްފަހު ކަމަށް ވިދާޅުވި އެވެ.

ޑރ. ޒާހިރު ވިދާޅުވީ މިސްކިތްތައް ބިނާކުރަން ސަރުކާރުން ހަވާލުކުރާ މުއްދަތަށް މަސައްކަތް ނިންމަން ކޮންޓްރެކްޓަރުންވެސް ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. މިސްކިތެއް އަޅަން އާންމު ގޮތެއްގައި ހަވާލުކުރަނީ އެއް އަހަރުގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭ ގޮތަށް ކަމުގައި ވިދާޅުވި އެވެ.

އައްޑޫ މީދޫގައި 700 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމަށް މިދިޔަ ޖޫން މަހުގެ ހަތްވަނަ ދުވަހު ހަވާލުކޮށްފައިވަނީ ނޫރައްދީން އިންވެސްޓްމެންޓަށެވެ.

އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭ ގޮތަށް ބިނާކުރާ މި މިސްކިތަކީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 13.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.