ޑރ. އަހުމަދު ޒާހިރު އަލީ

ޒާހިރު ހުންނެވީ ޑިޖިޓަލް ހަލާލް ސިސްޓަމެއްގެ އުއްމީދުގައި

ކައިރި މުސްތަގުބަލެއްގައި ރާއްޖޭގައި ޑިޖިޓަލް ހަލާލް ސިސްޓަމް ތައާރަފްކުރެވިގެން ދިއުމަކީ ވަރަށް ބޮޑު އުއްމީދެއް ކަމަށް މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޒާހިރު މިހެން ވިދާޅުވީ ހަލާލް އިކޯ ސިސްޓަމް ޑިވެލޮޕްމަންޓް 2023ގެ ނަމުގައި ކުރިއަށް ގެންދިޔަ ވޯކްޝޮޕެއް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްވަމުންނެވެ.

އިސްލާމީ މަރުކަޒުގެ ހޯލްގައި ކުރިއަށް ގެންދިޔަ މި ވޯކްޝޮޕަކީ ރާއްޖޭގައި ޑިޖިޓަލް ހަލާލް ސިސްޓަމް ތައާރަފްކުރުމަށްޓަކައި، ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ސެރޫނާއީ އީކޮމާސް އިން ކަމާގުޅޭ ދާއިރާތަކުގެ ބޭފުޅުންނާ އެކު ކުރިއަށް ގެންދިޔަ ވޯކްޝޮޕެކެވެ.

ރާއްޖޭގައި ހަލާލް ސެޓްފިކެޓް ދޫކުރުމުގެ މަސައްކަތް ފަށާފައިވަނީ 2014 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ. ރާއްޖޭގައި ހަތް ކުންފުންޏަކުން ހަލާލް ސެޓްފިކެޓްގެ ހިދުމަތް ހޯދަ އެވެ. ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ތަފާތު ބާވަތްތަކުގެ 100 އަށް ވުރެ ގިނަ އުފެއްދުންތަކަށް ހަލާލު ސެޓްފިކެޓް މިހާތަނަށް ދޫކޮށްފައިވެ އެވެ.

ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު އަހްމަދު ޒާހިރު ވިދާޅުވީ ގިނަ އަދަދެއްގެ ހަލާލް ސެޓްފިކެޓްތަކެއް ދޫކޮށްފައިވީ ނަމަވެސް އުފެއްދުންތަކަށް ރާއްޖޭގެ ހަލާލް ސެޓްފިކެޓް ދިނުމުގައި ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.

"އެކްސްޕޯޓް އަދި އިމްޕޯޓްކުރާ އުފެއްދުންތަކުގައި ހުންނަ ތަކެތި ބަލައި ތަހްލީލުކުރާނެ ލެބޯޓްރީއެއް ރާއްޖޭގައި ނެތް. އަދި އެފަދަ އުފެއްދުންތަކުގެ ލެބޯޓްރީ ޓެސްޓް ހެދުމަށް، ތަމްރީނު ލިބިފައިވާ ފަންނީ ބޭފުޅުންވެސް މަދު. ހަލާލް ސެޓްފިކެޓާމެދު އޮންނަ ހޭލުންތެރިކަންވެސް އާންމުގެ ތެރޭގައި ކުޑަ. އަދި މިކަމަށް ހާއްސަ ގާނޫނީ އޮނިގަނޑެއް ނެތުން ފަދަ ކަންކަމަކީ ހުރި ގޮންޖެހުންތައް،" ޒާހިރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގޮންޖެހުންތަކުން އަރައިގަތުމަށް އިސްލާމިކް މިނިސްޓްރީއާއި ސެރޫނާއީ އީކޮމާސް ގުޅިގެން، ރާއްޖޭގައި ޑިޖިޓަލް ހަލާލް ނިޒާމެއް ގާއިމުކުރުމާ ގުޅޭ ގިނަ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި މަޝްވަރާތަކުގެ ތެރޭގައި ރާއްޖެއަށް އެކްސްޕޯޓްކުރާ ތަކެތި، ޑިޖިޓަލައިޒްޑް ސިސްޓަމަކުން ޓްރެކްކޮށް، ޓެސްޓްކޮށް، މޮނިޓާ ކުރެވޭނެ ކަމަށެވެ. އަދި ލެބޯޓްރީއެއް ގާއިމުކުރުމުގެ އިތުރުން ސިނާއަތާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ، ތަމްރީނުތައް ކުރިއަށް ގެންދިޔުމުގެ މަޝްވަރާތައްވެސް ކުރިއަށް ގެންދެވިފައިވާ ކަމަށެވެ.

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ)ގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދިޔަ މި މަސައްކަތްތަކުގެ ދަށުން އުއްމީދަކީ ކައިރި މުސްތަގުބަލެއްގައި ރާއްޖޭގައި ޑިޖިޓަލް ހަލާލް ސިސްޓަމް ތައާރަފްކުރެވިގެން ދިއުން ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.

ސެރޫނާއީ އީކޮމާސްއިން ރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި މިހާރު އޮތް ހަލާލު ސެޓްފިކެޓް ދިނުމުގެ އުސޫލު އިތުރަށް ދިރާސާކޮށް، ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، ޑިޖިޓަލައިޒްޑް ސިސްޓަމެއްގެ ދަށުން ހަލާލް ސެޓްފިކެޓް ދޫކުރުމުގެ ނިޒާމެއް ތައާރަފްކުރުމެވެ.