ސަލްމާން ރަސްގެފާނު މިސްކިތް

ހުކުރުން ފެށިގެން ސަލްމާން މިސްކިތުގައި ނަމާދު ކުރަނީ

ކިންގް ސަލްމާން މިސްކިތް އަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށް ހުޅުވާނެ ކަމަށް އިސްލާކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.

ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ވަމުން އަންނަ ތައްޔާރީތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އިސްލާމިކް މިނިސްޓްރީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓްރު ޒާހިރު ވިދާޅުވީ ސަލްމާން މިނިސްކިތް ރަސްމީކޮށް ހުޅުވޭނެ ފަދަ ގޮތަކަށް އަދި ހަމަޖެހިފައި ނުވާ ކަމަށެވެ. އެކަމަކު މިސްކިތް ހުޅުވައި، ނަމާދުކުރަން އަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދުން ފެށިގެން ކުރިއަށް ދާނެ ކަމަށް ވިދާޅުވި އެވެ.

ސަލްމާން މިސްކިތް ހުޅުވުމަށް ސައުދީގެ ވަފްދެއް ވަޑައިގަންނަވާނެ ކަމަށާއި، އަދި ވަކި ތާރީހެއް ކަނޑައަޅާފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރޯދަމަހު ސަލްމާން މިނިސްކިތުގައި ތަރާވީސް ނަމާދުކުރުމަށް ރާއްޖެއިން ބޭރުގެ ހާފިޒެއް ގެންނާނެ ކަމަށް ވެސް ވިދާޅުވި އެވެ. ސަލްމާން މިނިސްކިތުގެ އިތުރުން އިތުރު މިސްކިތްތަކަށް ވެސް ހާފިޒުން ގެންނާނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ސަލްމާން މިސްކިތް ހުރި ތަކުގެ ގޮތުން ލޮނުގެ އަސަރު ކުރުން ފަދަ ކަންކަން ދިމާވާ ކަމަށެވެ. އެތަން ހުޅުވުމާއެކު އެތަން ރަގަޅަށް ބެލެހެއްޓުމުގެ އިންތިޒާމްތައް ވެސް ހަމަޖެހިފައިވާ ކަމަށް ޒާހިރު ވިދާޅުވި އެވެ.

ސަލްމާން މިސްކިތުގެ އިތުރުން، މާފަންނު އާ މިސްކިތާއި ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އާ މިސްކިތެއް، ރޯދަމަހުގެ ފުރަތަމަ ހަފްތާ ހުޅުވިގެން ދާނެ ކަމަށް ޒާހިރު ވިދާޅުވި އެވެ.

ކިންގް ސަލްމާން މިސްކިތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސައުދީ ސަރުކާރުގެ އެހީގައި ބިނާކޮށްފައިވާ މިސްކިތެކެވެ. ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު -- 370 މިލިއަން ރުފިޔާ ހަރަދުކޮށްގެން ބިނާކޮށްފައިވާ ފަސްބުރީގެ ސަލްމާން މިސްކިތުގައި އެއް ފަހަރާ 10،000 އެއްހާ މީހުންނަށް ނަމާދު ކުރެވޭނެ އެވެ. އެ މިސްކިތުގެ ފުރަތަަމަ ދެ ފަންގިފިލާ ނަމާދުކުރަން ހާއްސަކޮށްފައިވާ އިރު ތިނެއް އަދި ހަތަރު ވަނަ ފަންގިފިލާ ބޭނުންކުރާނީ އޮޑިޓޯރިއަމްއެއްގެ ގޮތުގަ އެވެ. އަދި ފަސްވަނަ ފަންގިފިލާގައި މަލްޓި ޕާޕަސް ބޮޑު ހޯލެއް ހިމެނޭ އިރު އެކި އެކި އިވެންޓްތައް އެތަނުގައި ބޭއްވޭނެ އެވެ.

އެތަނަށް ބޭނުންވާ އިތުރު ފަރުނީޗަރު ހޯދުމަށް ސައުދީ ސަރުކާރުން ދެ މިލިއަން ޑޮލަރުގެ އެހީ ދޭނެ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފަ އެވެ. މިނިސްޓަރު ޒާހިރު ވިދާޅުވި ގޮތުގައި އެ ފައިސާ އަދި ހަމަނުޖެހުނު ނަމަވެސް، އެފައިސާ ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވި އެވެ.

ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލު ކޮށްގެން ހެދި ސަލްމާން މިސްކިތުގެ މަސައްކަތް ނިންމައި އެ މިސްކިތް ސަރުކާރާ ހަވާލުކުރީ 2020 ވަނަ އަހަރުގެ ކުރީކޮޅު އެވެ.