ޑރ. އަހުމަދު ޒާހިރު އަލީ

ސަލްމާން މިސްކިތް ހުޅުވާނެ ތާރީހެއް ސައުދީން ނުދޭ

ކިންގް ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވުން ލަސްވަނީ ސައޫދީ އަރަބިއްޔާ އިން ތާރީހެއް ނުދީގެން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޒާހިރު ވިދާޅުވީ ކޮވިޑްގެ ކުރިން ރާއްޖެ އައި ސައުދީގެ އިސްލާމިކް މިނިސްޓްރީގެ ވަފުދު އެނބުރި ސައުދީއަށް ދަމުން ސަލްމާން މިސްކިތް ހުޅުވާނެ ތާރީހެއް ދޭނެ ކަމަށް ބުނި ކަމަށެވެ. ނަމަވެސް އަދިވެސް ވަކި ތާރީހެއް ކަނޑަނޭޅޭ ކަމަށް ވިދާޅުވި އެވެ.

ސަލްމާން މިސްކިތް ރަސްމީކޮށް ނުހުޅުވި ނަމަވެސް އެ މިސްކިތް ދަނީ ބޭނުންކުރަމުންނެވެ. އެ މިސްކިތް ބޭނުންކުރަން ފެށީ މިދިޔަ އަހަރުގެ ރޯދަ މަހު އެވެ.

ސަލްމާން މިސްކިތުގެ އޭސީތަކާއި މުންނާރުގައި ހަރުކޮށްފައި ހުރި ސައުންޑް ސިސްޓަމް ހަލާކުވަނީ ލޮނުގެ އަސަރު ކުރާތީ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރު މިއަދު ވިދާޅުވީ ސަލްމާން މިސްކިތުގެ އޭސީތައް ހަލާކުވެފައިވާކަން އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް ފުރަތަމަ އައީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ކަމަށާއި އޮގަސްޓް 25ގައި މިސްކިތުގެ ކޮންޓްރެކްޓަރު އެ މައްސަލަ ހައްލުކުރި ކަމަށެވެ.

އޭސީތަކުގެ މައްސަލަ ހައްލު ކުރި ނަމަވެސް އޮކްޓޫބަރު މަހުގެ ތެރޭގައި އަނެއްކާވެސް އޭސީތައް ހަލާކުވި ކަމަށާއި މިމަހުގެ ކުރީކޮޅު އޭސީގެ ހުރިހާ މައްސަލަތަކެއް ހައްލުކޮށްފައިވާ ކަމަށް މިނިސްޓްރު ޒާހިރު ވިދާޅުވި އެވެ.

"ސަލްމާން މިސްކިތުގެ އޭސީގެ މައްސަލަ އެންމެ ބޮޑަށް މި ދިމާވާ އެއް ސަބަބަކީ، އެއީ ލޮނުގެ އަސަރު ވަރަށް ބޮޑަށް ކުރޭ. އެ އެއްޗެހިތައް ދަބަރަށް ވެގެން ހަލާކުވަނީ،" ޒާހިރު ވިދާޅުވި އެވެ.