ސަލްމާން ރަސްގެފާނު

ރަސްގެފާނުގެ "އިފްތާރު ޕެކޭޖް" ހަވާލުކޮށްފި

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ދެއްވާ ''އިފްތާރު ޕެކޭޖް'' މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާ ހަވާލު ކުރައްވައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރަސްގެފާނު މި އަހަރު ރާއްޖެއަށް ދެއްވަވާފައި ވަނީ 200 ޕެކޭޖް ކަމަށެވެ.

މި ޕެކޭޖްތައް ބެހުމަށް ހަމަޖެހިފައިވަނީ ފަގީރުންގެ ތެރެއިން އެންމެ މީހުން ގިނަ އާއިލާތަކަށް ކަމަށްވެސް ބުންޏެވެ. ނަމަވެސް ޕެކޭޖްތައް ބަހާނެ ވަކި ތާރީހެއް ނުބުނެއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ ފަގީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓަރީވާން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލާފައެވެ.

އެގޮތުން މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު ނުވަޔަކުން 12:30 އަށް އެ ފުރުސަތު ހުޅުވާލާފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން އެންމެ ފަހުން އެކުލަވައިލި ފަގީރުންގެ ދަފްތަރު 9،041 މީހަކު އެބަތިއްބެވެ. އެއީ މިދިޔަ އަހަރު އެ ދަފްތަރުގައި ހިމެނި 11،514 މީހުންނާ އަޅާ ބަލާއިރު 2،473 މީހުންގެ މަދުވުމެކެވެ.