މިއަހަރުގެ ރޯދަ މަހު މިސްކިތްތަކުގައި ހިފްޒުކޮށް އިމާމުވެ ތަރާވީހު ނަމާދު ކުރާނެ ދިވެހި ހާފިޒުން އިއުލާންކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން މި ފުރުސަތު ހުޅުވާލާފައިވަނީ މާލޭގެ މިސްކިތެއްގައި ނަމަ ކުރިއަށް އޮތް ޖެނުއަރީ 20 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށެެވެ. އަދި އަތޮޅު ތެރޭގެ މިސްކިތެއްގައި ނަމަ އަންނަ އަހަރުގެ ފެބްރުއަރީ 6 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށެވެ.
މާލޭގެ މިސްކިތެއްގައި ނަމަ ފޯމު ހުށަހަޅަންޖެހެނީ އިސްލާމިކް މިނިސްޓްރީ އަށެވެ. އަތޮޅު ތެރޭގެ މިސްކިތެއްގައި ނަމަ ފޯމު ހުށަހަޅަންޖެހެނީ
އިމާމުވެ ތަރާވީސް ކުރަން ބޭނުންވާ ސިޓީއެއްގެ ނުވަތަ ރަށެއްގެ ކައުންސިލް އިދާރާ އަށެވެ.
ރަށު ކައުންސިލްތަކަށް ހުށަހަޅާ ފޯމުތައް އަންނަ އަހަރުގެ ފެބްރުއަރީ 16 ވަނަ ދުވަހުގެ ކުރިން އިސްލާމިކް މިނިސްޓްރީއަށް ފޮނުވަންޖެހެ އެވެ.
ހިފްޒުކޮށް އިމާމުވެ ތަރާވީހު ނަމާދު ކުރަން ބޭނުންވާ ދިވެހި ހާފިޒުން ހުށަހަޅަންޖެހޭ ފޯމު ކައުންސިލް އިދާރާތަކުން ލިބޭނެ ގޮތް ހަމަޖައްސާފައިވާއިރު އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކޮށްލެވޭ ގޮތް ވަނީ ހަމަޖައްސާފަ އެވެ.
ހިފްޒުކޮށް އިމާމުވެ ތަރާވީހު ނަމާދު ކުރާ ކޮންމެ ރެޔަކަށް 500 ރުފިޔާގެ އެލަވަންސެއް ދިނުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފަ އެވެ. މިކަމަށް ހޮވާނީ ކޮންމެ މިސްކިތަކަށް ދެ ހާފިޒުން ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި ހިފްޒުކޮށް އިމާމުވެ ތަރާވީހު ނަމާދު ކުރާނެ ދެ ހާފިޒުން ހޯދުމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ އިއުލާންކޮށްފަ އެވެ. މި ދެ މިސްކިތަށް ހޮވާ ހާފިޒުންނަށް ކޮންމެ ރެއަކަށް ދިނުމަށް ނިންމާފައިވަނީ 700 ރުފިޔާގެ އެލަވަންސެކެވެ.