އިސްލާމިކް މިނިސްޓްރީ

އިހްޔާ ޕްރޮގްރާމް މާދަމާ ރޭ ފަށަނީ

ރޯދަމަހުގެ ރޭތައް އިހްޔާ ކުރުމަށް އިސްލާމިކް މިނިސްޓްރީން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ އިހްޔާ ފޯރަމް މާދަމާ ރެއިން ފެށިގެން ކުރިއަށް ގެންދަން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރު ޖުމުލަ 17 އިހްޔާ ޕްރޮގްރާމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއީ މާލޭގައި 9 ޕްރޮގްރާމާއި އަތޮޅުތެރޭގައި 8 ޕްރޮގްރާމެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާދަމާ ރޭ ބާއްވާ އިހްޔާ ޕްރޮގްރާމުގެ މައުލޫއަކީ "ހެޔޮ ބަދަލަކަށް ރަމަޒާން" ކަމަށެވެ. އަދި މާދަމާ ރޭގެ އިހްޔާ ޕްރޮގްރާމުގައި ތަގްރީރު ކުރައްވާނީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އާއި އައްޝައިހް ހަސަން ލަތީފް ކަމަށެވެ.

އަތޮޅުތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އެންމެ ފުރަތަމަ އިހްޔާ ޕްރޮގްރާމް ބާއްވާނީ އައްޑޫ ސިޓީގަ އެވެ. އައްޑޫ ސިޓީގައި ކުރިއަށް ގެންދާ އިސްޔާ ޕްރޮގްރާމް އޮންނާނީ ހުކުރު ދުވަހުގެ ރޭ އައްޑޫ ހައި ސްކޫލުގެ ހޯލްގައި ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެ އެވެ.

އައްޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ އިހްޔާ ޕްރޮގްރާމުގެ މައުލޫއަކީ ”ލޮބުވެތި ނަބިއްޔާ ﷺ ގެ ޙަޔާތްޕުޅުން” އެވެ. މި ފޯރަމްގައި ތަގުރީރު ކުރައްވާނީ އަލްއުސްތާޒް މުހައްމަދު އަނީލް އަދި ޑރ. އަލީ ޒާހިރު އެވެ.

އިސްލާމިކް މިނިސްޓްރީން އިހްޔާ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، މާލޭގައި ކޮންމެ އާދިއްތަ އަދި ބުރާސްފަތި ދުވަހެއްގެ ރޭ 21:30 އަދި އަތޮޅުތެރޭގައި ހުކުރު އަދި ހޮނިހިރު ދުވަހުގެ ރޭ 21:30 ގަ އެވެ. މާލޭގައި އިހްޔާ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އިސްލާމީ މަރުކަޒުގަ އެވެ.