ޒަކާތް

ފިތުރު ޒަކާތަށް 1.3 މިލިއަން ރުފިޔާ

ރޯދަ މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ ފާއިތުވި ހަތަރު އަހަރުގެ ރޯދަ މަހުގެ ފުރަތަމަ 10 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ތަފުސީލު ހާމަކޮށްފަ އެވެ.

ފިތުރު ޒަކާތުގެ ގޮތުގައި މިއަހަރުގެ ރޯދަ މަހު ލިބުނު ފައިސާ ވަނީ ފާއިތުވި ދެ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ 10 ދުވަހާ އަޅާބަލާއިރު އިތުރުވެފަ އެވެ.

ރޯދަ މަހުގެ ފުރަތަމަ 10 ދުވަހު ލިބުނު ފިތުރު ޒަކާތުގެ ތަފާސްހިސާބު

  • 1441ހ. ވަނަ އަހަރު - 1،533،844 ރުފިޔާ
  • 1442ހ. ވަނަ އަހަރު - 977،301 ރުފިޔާ
  • 1443ހ. ވަނަ އަހަރު - 1،092،547 ރުފިޔާ
  • 1444ހ. ވަނަ އަހަރު - 1،310،160 ރުފިޔާ

ފިތުރު ޒަކާތް ބަލައިގަންނަން ފެށީ މާޗް 23 ވަނަ ދުވަހު އެވެ. ރޯދަ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ބަލައިގަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ފިތުރު ޒަކާތް ބަލައިގަންނާނީ އާންމުކޮށް ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުގެ ތެރެއިން އެ މީހަކު އާއްމުކޮށް ކައިއުޅޭ ބާވަތަކުން 2.4 ކިލޯއަށްވާ ފައިސާ އެެވެ.

ޒަކާތް ދައްކަންވީ މިންވަރު

  • ބާސްމަތީ ހަނޑުލުގެ އެންމެ މޮޅު ހަނޑޫ - 125 ރުފިޔާ
  • ބާސްމަތީ ހަނޑުލުގެ އާދައިގެ ހަނޑޫ - 84 ރުފިޔާ
  • ބާސްމަތީ ހަނޑުލުގެ މޮޅު ހަނޑޫ - 100 ރުފިޔާ
  • ތައިލެންޑް ހުދު ހަނޑޫ - 84 ރުފިޔާ
  • އާދައިގެ ހަނޑޫ - 12 ރުފިޔާ
  • އާދައިގެ ފުށް - 12 ރުފިޔާ
  • ރަތް ހަނޑޫ - 99 ރުފިޔާ
  • އާޓާ ފުށް - 75 ރުފިޔާ

ޒަކާތް ފުރަތަމަ ބަލައިގަންނާނީ ފައިސާއިން ކަމަށެވެ. ޒަކާތުގެ ގޮތުގައި ދައްކާ ފައިސާ މާލޭގައި އިސްލާމިކް މިނިސްޓްރީގައި ބަހައްޓާފައިވާ ހާއްސަ ޑެސްކްތަކަކުން ބަލައިގަންނާނެ އެވެ. ރަށްރަށުގައި ކައުންސިލް އިދާރާތަކުން އަދި ސިޓީތަކުގައި ސިޓީ ކައުންސިލުން ޒަކާތު ފައިސާ ބަލައިގަންނާނެ އެވެ.

އޮންލައިންކޮށް ޒަކާތް ދައްކަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ހަމަޖައްސައިދީފަ އެވެ.

އޮންލައިންކޮށް ފައިސާ ދެއްކޭނެ ގޮތް

  • މޯލްޑިވްސް އިސްލާމިކް ބޭންކް - ފައިސާ މޯބައިލް
  • މިނިސްޓްރީ އޮފް ފިނޭނެސް - ބަނޑޭރި ޕޯޓަލް
  • ބޭންކް އޮފް މޯލްޑިވްސް - ޕޯޓަލް
  • ފަހިޕޭ - ފަހިޕޭ އެޕްލިކޭޝަން
  • އުރީދޫ - އެމް ފައިސާ
  • ދިރާގު - ދިރާގު ޕޭ

ގޮވާމުގެ ބާވަތްތަކުންވެސް ޒަކާތް ބަލައިގަތުމަށް ހަމަޖައްސާފައިވަނީ ރޯދަ މަހު ފަހުކޮޅު އެވެ.