ޒަކާތް

ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

މި އަހަރުގެ ފިތުރު ޒަކާތް މިއަދުން ފެށިގެން ބަލައިގަންނަން ފަށައިފި އެވެ.

މިނިސްޓްރީން ފިތުރު ޒަކާތް ބަލައިގަންނަން ފަށާފައިވަނީ މިއަދު ހެނދުނު 9:00 ޖެހި އިރުން ފެށިގެނެވެ.

މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަންނާނީ އަތޮޅުތަކުގެ ރަށްރަށުގައި ނަމަ ރަށު ކައުންސިލުންނެވެ. މާލޭގައި އިސްލާމީ މަރުކަޒާއި، ހުޅުމާލޭ ކޮމިއުނިޓީ ސެންޓަރާއި ހައުސިން މިނިސްޓްރީގެ ވިލިމާލެ ޔުނިޓުންނެވެ. އައްޑު އާއި ފުވައްމުލަކާއި، ގދ. ތިނަދޫގައި ޒަކާތް ބަލައިގަންނާނީ މިނިސްޓްރީއިން ކަނޑައަޅާފައިވާ ތަންތަނުންނެވެ.

ފިތުރުޒަކާތިގެ މިންވަރުގެ ގޮތުގައި ކަނޑައަޅާފައިވަނީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. ކޮންމެ މީހަކުވެސް ޒަކާތް ދައްކަންޖެހޭނީ އެމީހަކު ޢާއްމުކޮށް ކައިއުޅޭ ހަނޑުލުގެ ބާވަތުގެ 2.4 ކިލޯ ހަނޑުލަށްޖެހޭ މިންވަރަށެވެ. މާލޭގައި ދިރިއުޅޭ މީހުން ޒަކާތް ދައްކަން ޖެހެނީ އާދައިގެ ހަނޑުލުންނަމަ މީހަކަށް 13ރ. އެވެ. ތައިލެންޑް ހަނޑުލުންނަމަ 43ރ. އެވެ. ބާސްމަތީ ހަނަޑުލުންނަމަ 81 ރ. އެވެ.

ރަށްރަށުގައު ޒަކާތް ދައްކަން ޖެހޭނީ އެ ސަރަޙައްދެއްގައި ހަނޑޫ ވިއްކާ އަގުތަކުގެ މިންވަރަށެވެ.