ޒަކާތް

މުދަލު ޒަކާތުގެ ގޮތުގައި 92 މިލިއަން ރުފިޔާ

މުދަލު ޒަކާތުގެ ގޮތުގައި މިއަހަރުގެ ޖެނުއަރީ އިން ނޮވެމްބަރުގެ ނިޔަލަށް ދައުލަތަށް 92.2 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު 83.7 މިލިއަން ރުފިޔާ އެވެ.

އެހެންކަމުން މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު ވަނީ މިދިޔަ އަހަރަށްވުރެ 8.5 މިލިއަން ރުފިޔާ -- 10 ޕަސެންޓް އިތުރުވެފަ އެވެ.

މުދަލު ޒަކާތް ލިބުނު މިންވަރު މަހުން މަހަށް

  • ޖެނުއަރީ - 3.4 މިލިއަން ރުފިޔާ
  • ފެބްރުއަރީ - 5.8 މިލިއަން ރުފިޔާ
  • މާޗް - 14.1 މިލިއަން ރުފިޔާ
  • އެޕްރީލް - 13.7 މިލިއަން ރުފިޔާ
  • މޭ - 9.1 މިލިއަން ރުފިޔާ
  • ޖޫން - 4.3 މިލިއަން ރުފިޔާ
  • ޖުލައި - 15.5 މިލިއަން ރުފިޔާ
  • އޮގަސްޓް - 7.4 މިލިއަން ރުފިޔާ
  • ސެޕްޓެމްބަރު - 8.7 މިލިއަން ރުފިޔާ
  • އޮކްޓޫބަރު - 5.6 މިލިއަން ރުފިޔާ
  • ނޮވެމްބަރު - 3.9 މިލިއަން ރުފިޔާ

މުދަލު ޒަކާތް ކުރިން ދައްކަނީ އިސްލާމިކް މިނިސްޓްރީ އަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާ އަށް ބަދަލުކޮށްފަ އެވެ.

މީރާގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް އަދި މީރާއަށް ގޮސްގެން ވެސް މުދަލުގެ ޒަކާތް ދެއްކެ އެވެ.

އިސްލާމިކް މިނިސްޓްރީން މިދިޔަ ސެޕްޓެމްބަރު މަހު ވަނީ މުދަލު ޒަކާތުގެ ފައިސާ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ބަހަން ފަށާފަ އެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި މިއަހަރަކީ މުދަލު ޒަކާތުގެ ފައިސާ ފަގީރުންނާއި މިސްކީނުންނަށް ސީދާ ގޮތުން އެންމެ ގިނައިން ބޮލަކަށް ބަހާ އަހަރެވެ. އެ ގޮތުން ބޮލަކަށް 4،000 ރުފިޔާ ވަނީ ބަހާފަ އެވެ.