މުދަލު ޒަކާތުގެ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަހު ދައުލަތަށް ލިބުނު އާމްދަނީ ދަށަށް ހިނގައްޖެ އެވެ.
ދައުލަތުގެ ޓެކްސް އިދާރާ -- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ މި އަހަރުގެ ޖޫން މަހުގެ އާމްދަނީގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖެނުއަރީ އިން ޖޫން މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބުނީ 50.8 މިލިއަން ރުފިޔާ އެވެ. މީގެ ތެރޭގައި ޑޮލަރުން ލިބުނު 3،055 ޑޮލަރު ހިމެނެ އެވެ.
މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ޖުމްލަ 51.3 މިލިއަން ރުފިޔާ ލިބުނުއިރު މީގެ ތެރޭގައި ޑޮލަރުން ލިބުނު 1،570 ޑޮލަރު ހިމެނެ އެވެ.
މުދަލު ޒަކާތުގެ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ލިބުނު އާމްދަނީ ދަށްވި ނަމަވެސް މުދަލު ޒަކާތުގެ ގޮތުގައި މި އަހަރުގެ ޖޫން މަހު ލިބުނު އަދަދު ވަނީ މިދިޔަ އަހަރުގެ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދާ އަޅާބަލާއިރު އިތުރުވެފަ އެވެ.
މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ ޖޫން މަހު 4.3 މިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރުގެ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނީ 3.1 މިލިއަން ރުފިޔާ އެވެ.
މުދަލު ޒަކާތް މަހުން މަހަށް
- ޖެނުއަރީ 2024 - 3.4 މިލިއަން ރުފިޔާ | ޖެނުއަރީ 2023 - 5.1 މިލިއަން ރުފިޔާ
- ފެބްރުއަރީ 2024 - 5.8 މިލިއަން ރުފިޔާ | ފެބްރުއަރީ 2023 - 5 މިލިއަން ރުފިޔާ
- މާޗް 2024 - 14.1 މިލިއަން ރުފިޔާ | ޖެނުއަރީ 2023 - 11 މިލިއަން ރުފިޔާ
- އެޕްރީލް 2024 - 13.7 މިލިއަން ރުފިޔާ | އެޕްރީލް 2023 - 22.3 މިލިއަން ރުފިޔާ
- މޭ 2024 - 9.1 މިލިއަން ރުފިޔާ | މޭ 2023 - 4.5 މިލިއަން ރުފިޔާ
- ޖޫން 2024 - 4.3 މިލިއަން ރުފިޔާ | ޖޫން 2023 - 3.1 މިލިއަން ރުފިޔާ
މުދަލު ޒަކާތް ކުރިން ދައްކަނީ އިސްލާމިކް މިނިސްޓްރީ އަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާ އަށް ބަދަލުކޮށްފަ އެވެ.
މީރާގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް އަދި މީރާއަށް ގޮސްގެން ވެސް މުދަލުގެ ޒަކާތް ދެއްކެ އެވެ.