ޕީޕީއެމް

ސަލްމާން މިސްކިތުގައި ދަރުސް ބާއްވަން ހުއްދައެއް ނުދިން

ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމެއް ކިންގް ސަލްމާން މިސްކިތުގައި ހިންގުމަށް އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން އިސްލާމިކް މިނިސްޓްރީގައި އެދުމުން ހުއްދަ ދީފައިނުވާ ކަމަށް އެ ކޯލިޝަނުން ބުނެފި އެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްއަށް ނިސްބާތްވާ ހުޅުމާލެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، ސަރުކާރުން ސިޔާސީ ޕާޓީތަކަށް ދަރުސް ޕްރޮގްރާމްތައް ހިންގޭގޮތަށް ހުޅުވައިލުމާއި ގުޅިގެން ސަލްމާން މިސްކިތް ހޯދުމަށް އިއްޔެ އިސްލާމިކް މިނިސްޓްރީއަށް ސިޓީއެއް ފޮނުވި ކަމަށެވެ.

އެ ސިޓީގެ ޖަވާބު ލަސްވެގެން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އަށް ގުޅުއްވުމުން، އެއްވެސް ސިޔާސީ ޕާޓީއަކަށް މިސްކިތްތަކުގައި ދަރުސް ޕްރޮގްރާމް ހިންގުމަށް ހުއްދަ ނުދެވޭނެ ކަމަށް އެންގި ކަމަށް ޝުޖާއު ވިދާޅުވި އެވެ. އަދި އެ ޕާޓީއިން ފޮނުވި ސިޓީއަށް ރަސްމީ ޖަވާބެއް ނުދިނީ، އެއީ ސިޓީ ލިޔާ ގަވާއިދާ ހިލާފަށް ލިޔެފައިވާ ސިޓީއަކަށް ވާތީ ކަމަށް މިނިސްޓަރާ ހަވާލާދީ އޭނާ ވިދާޅުވި އެވެ.

އެގޮތުން އެ ސިޓީގައި "އިންޑިއާ އައުޓް" ސްޓޭމްޕް ޖަހާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ މީގެ ކުރިން އަދާލަތު ޕާޓީ އިން މިސްކިތެއްގައި ދަރުސްދީފައިވާ ކަމަށެވެ. އަދި އިސްލާމިކް މިނިސްޓްރީން މިހާރު ސިޔާސީ ޕާޓީތަކަށް ހުއްދަ ނުދޭން ނިންމީ އެ ޕާޓީއިން އެފަދަ ޕްރޮގްރާމެއް ހިންގަން އުޅޭތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގައި ދީނީ ގޮތްޕެއް އޮންނަކަން ފާހަގަކުރައްވަމުން ޝުޖާއު ވިދާޅުވީ އެ ޕާޓީއަކީ ރޯދަމަސްތަކާ ދިމާކޮށް އިހުޔާ ޕްރޮގްރާމްތައް ވެސް ހިންގާ ޕާޓީއެއް ކަމަށެވެ.

ސަލްމާން މިސްކިތް ހުޅުވާފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ހުކުރު ނަމާދުންނެވެ.