ސަލްމާން ރަސްގެފާނު މިސްކިތް

ސަލްމާނު މިސްކިތުގެ ފުރަތަމަ ހުކުރު އިމާމަކީ އިލްޔާސް

ކިންގް ސަލްމާން މިސްކިތްގައި މާދަމާ ނަމާދު ކުރަން ފަށާއިރު މާދަމާ އެ މިސްކިތުގަައި މާދަމާ އިމާމުވެ ހުކުރު ކުރައްވާނީ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އިލްޔާސް ހުސައިން
0%
0%
0%

ކިންގް ސަލްމާން މިސްކިތްގައި މާދަމާ ނަމާދު ކުރަން ފަށާއިރު މާދަމާ އެ މިސްކިތުގަައި މާދަމާ އިމާމުވެ ހުކުރު ކުރައްވާނީ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އިލްޔާސް ހުސައިން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ. ސަލްމާން މިސްކިތް ހުޅުވާލަނީ މާދަމާގެ ހުކުރު ނަމާދުން ފެށިގެނެވެ.

އަވަސް އިން މިރޭ ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ ސަލްމާން މިސްކިތުގައި ފުރަތަމަ ކުރާ ހުކުރު ނަމާދު އިމާމުވެ ކުރައްވާނީ އިލްޔާސް ކަމަށެވެ. އަދި މާދަމާއިން ފެށިގެން އެ މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރަމުން ގެންދާނެ ކަމަށެވެ.

ޖަމާއަތުގެ ނަމާދަށް މިސްކިތުގެ ދެ ބައެއް ހުޅުވާލަން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އެއީ މިސްކިތުގެ ފުރަތަމަ ފަންގިފިލާ އާއި ދެވަނަ ފަންގިފިލާ އެވެ. ރޯދަމަހު ސަލްމާން މިނިސްކިތުގައި ތަރާވީސް ނަމާދު ކުރަން ރާއްޖެއިން ބޭރުގެ ހާފިޒަކު ހުންނަވާނެ އެވެ.

ސަލްމާން މިސްކިތް ނިންމައި ނުހުޅުވި އަހަރުތަކެއް ހޭދަވެގެން ދިއުމަށް ފަހު އެ މިސްކިތުގައި މާދަމާ ނަމާދު ކުރަން ފެށި ނަމަވެސް މިސްކިތް ރަސްމީކޮށް ހުޅުވާނެ ދުވަހެއް އަދިވެސް ނޭނގެ އެވެ. ސަލްމާން މިސްކިތް ހުޅުވުމަށް ސައުދީގެ ވަފްދެއް ވަޑައިގަންނަވާނެ ކަމަށާއި، އަދި ވަކި ތާރީހެއް ކަނޑައަޅާފައި ނުވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

އެ މިސްކިތް ސާފުކޮށް ދޮވުމުގެ މަސައްކަތް މިރޭ އެބަ ކުރެއެވެ. އަދި މާދަމާ ހުކުރު ނަމާދަށް މިސްކިތް ހުޅުވައިލަން ވާންޖެހޭ ތައްޔާރީތައް ވެސް ވަމުން އެބަދެ އެވެ.

ކިންގް ސަލްމާން މިސްކިތް --

ސަލްމާން މިސްކިތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސައުދީ ސަރުކާރުގެ އެހީގައި ބިނާ ކޮށްފައިވާ މިސްކިތެކެވެ. ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 370 މިލިއަން ރުފިޔާ) ހަރަދު ކޮށްގެން ބިނާ ކޮށްފައިވާ ފަސްބުރީގެ ސަލްމާން މިސްކިތުގައި އެއް ފަހަރާ 10،000 އެއްހާ މީހުންނަށް ނަމާދު ކުރެވޭނެ އެވެ. އެ މިސްކިތުގެ ފުރަތަަމަ ދެ ފަންގިފިލާ ނަމާދު ކުރަން ހާއްސަކޮށްފައިވާ އިރު ތިނެއް އަދި ހަތަރު ވަނަ ފަންގިފިލާ ބޭނުން ކުރާނީ އޮޑިޓޯރިއަމްއެއްގެ ގޮތުގަ އެވެ. އަދި ފަސްވަނަ ފަންގިފިލާގައި މަލްޓި ޕާޕަސް ބޮޑު ހޯލެއް ހިމެނޭ އިރު އެކި އެކި އިވެންޓްތައް އެތަނުގައި ބޭއްވެ އެވެ.

އެތަނަށް ބޭނުންވާ އިތުރު ފަރުނީޗަރު ހޯދުމަށް ސައުދީ ސަރުކާރުން ދެ މިލިއަން ޑޮލަރުގެ އެހީ ދޭނެ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފަ އެވެ. މިނިސްޓަރު ޒާހިރު ވިދާޅުވި ގޮތުގައި އެ ފައިސާ އަދި ހަމަނުޖެހުނު ނަމަވެސް، އެފައިސާ ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވި އެވެ.

ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލު ކޮށްގެން ހެދި ސަލްމާން މިސްކިތުގެ މަސައްކަތް ނިންމައި އެ މިސްކިތް ސަރުކާރާ ހަވާލުކުރީ 2020 ވަނަ އަހަރުގެ ކުރީކޮޅު އެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910