ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

މަތީ ތައުލީމުގެ ލޯނު އެހީން ނުކުޅެދޭ މީހުނަށް ޖާގަ ދެނީ

މަތީ ތައުލީމަށް މި އަހަރު ދޫކުރާ ލޯނު އެހީގައި ނުކުޅެދުންތެރިކަން ހުންނަ މީހުނަށް ހާއްސަކޮށް ޖާގަ ދޭން ނިންމައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކަށް މި އަހަރު ދޫކުރާ ލޯނުގެ އެހީގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ޖާގަ ދިނުމަށް އެ މިނިސްޓްރީއިންވަނީ ނިންމާފައިވާ ކަމަށެވެ.

އަދި އެ ކެޓަގަރީއިން ލޯނަށް ހުށަހަޅަން ޝައުގުވެރިވާ ފަރާތްތަކުން ޖެންޑާ މިނިސްޓްރީގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާކަން ކަށަވަރު ކުރަން އެދޭ ކަމަށެވެ،

މި ލޯނަކީ ހާއްސަ އުސޫލަކުން ވަކި ޝަރުތުތަކެއް ހަމަވާ ދަރިވަރުންނަށް ދޭ ލޯނެކެވެ. މި ލޯނުގައި އެހީގައި ކިޔަވާ މަރުކަޒަށް ދައްކަން ޖެހޭ ފީ އާއި ކޯހުގައި ހުންނަ މުއްދަތުގައި ދިރިއުޅުމުގެ ހަރަދާއި އަލަށް ފަށާ ކޯހެއް ނަމަ އެސްޓެބްލިޝްމަންޓް އެލަވަންސާއި ހެލްތް އިންޝުއަރެންސްގެ އިތުރުން ބޭރު ގައުމެއްގައި ކިޔަވާ ނަމަ ވިސާ ފީ ވެސް ދެ އެވެ.

އެގޮތުން މިފަހަރު ތައާރަފް ކުރި ކެޓަގަރީގައި ލޯނު ދޫކުރާ ގޮތުގެ އުސޫލާއި ތަފްސީލް އަދި އެ މިނިސްޓްރީން ހާމައެއް ނުކުރެއެވެ. އަދި ލޯނު ދޫކުރާނީ ކިތައް ފަރާތަށް ކަމެއް ވެސް ސާފު ކޮށްދީފައެއް ނުވެ އެވެ.