ލައިފްސްޓައިލް

ފޮތެއް ކިޔާލަން ކޮންމެ ދުވަހެއްވެސް ސަޅި!

ފޮތެއް ކިޔާލަން ކޮންމެ ދުވަހެއްވެސް ސަޅި އެވެ. އެހެން މި ބުނަނީ ހަދީޖާ މޫސާ (ހައްޖަ) އެވެ. ހައްޖައަކީ ޒުވާން ވިޔަފާރިއެކެވެ. ކިޔާސް އޮންލައިންއަކީ ހައްޖަގެ ކުޑަ އޮންލައިން ވިޔަފާރި އެކެވެ. މި ވިޔަފާރިން އޭނާ ކުރިމަތިވި ޗެލެންޖްތަކާއި ކުރިމަތިލާ ކާމިޔާބު ހޯދާފި އެވެ. މއ. ކާމިޔާބުގޭގައި މިހާރު ހުޅުވާފައި ހުރި "ކިއާސް އޮންލައިން" އަކީ ހައްޖަގެ ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާ ހުޅުވާފައިވާ ކުޑަކުޑަ ފޮތް ފިހާރައެވެ.

ކިއާސް އޮންލައިންގެ ފަހަތުގައި ހުރިހާ ކަމެއް ކުރުމަށް ހައްޖަ ހުރީ ބޮޑު ބައްޔަކާއި ކުރިމަތިލައިގެނެވެ. އޮޓޯއިމިއުން ޑިސީޒްއެއް ކަމުގައިވާ "ބެޗެޓް ޑިސީސް" ހައްޖަގެ ހަށިގަނޑުގައި ހުރެ ޑައެގްނޯސް މީގެ އަހަރުތަކެއް ކުރިން ކުރި އިރު ގިނަ ގިނައިން ބޭސް ފަރުވާއަށް ރާއްްޖެއިން ބޭރަށް ދާންޖެހެ އެވެ. ބައްޔާއެކު މަސައްކަތް ކުރަމުން އައި 8 ކުން 5 ވަޒީފާ ދޫކޮށްލަންޖެހުނެވެ. އަދި އާމްދަނީ ހޯދުމަށް އިތުރު ގޮތެއް ބޭނުންވި އެވެ.

ހައްޖަގެ އެންމެ ބަލިހަތާތަށް ބަލާއިރު "ވަރަށް އެހެންކަަހަލަ ޑިޒީޒް އެއް ހުރީ. ބެޗެޓްސް ސިންޑްރޯމް ކިޔަނީ. އޭގެވެސް ރެސިސްޓަންޓް ބެޗެޓްޒް ހުންނަނީ. ފަރުވާ އަކަށް ސްޓެރޮއިޑްސް، އިިމިއުނޯ ސަޕްރެސެންޓްސް އަދި މިހާރު ކީމޯ އައިވީއަަކަށް ދާން ޖެހެނީ. މިއީ ރާއްޖޭގައި މާ އާޢްމު ބަަައްޔެއް ނޫން. ވަރަށް އުޅުނިން އެހެން މީހެއް ހުރިތޯ ބަލަންވެސް ސަޕޯޓް ހޯދުމަށް. މިއީ ވަރަށް ހިތްދަތި ބައްޔެއް. ނޯ ކިޔޯ ފޯ ދިސް."

"އަބަދުވެސް ވަރަށް ފޮތް ކިޔަން. އެންމެ ކުޑައިރުއްސުރެވެސް. ހަދިޔާއަކަށްވެސް ލިބޭނީ. އިނގިރޭސިވާހަކައެއް ކަމުގައިވާ ޖޯޖޯ މައިސްގެ މީ ބިފޯޔޫ ކިޔާފައި އޭގެ އަނެއްބައި ވަރަށް ބޮޑަށް މާލެއިން ހޯދަން މަސައްކަތް ކުރިން. އެ ފޮތް ނުލިބުނު. ދެން ހިތަށް އެރީ އިންޑިއާ ދާއިރު މިގޮތަށް ފޮތް ބޭނުންވެފައި ތިބޭ މީހުންނަށް ފޮތް ގެނެސްދޭނީ އޭ. ވަރަށް ގިނަ މީހުން ތިބޭނެ އޭ ފޮތެއް ކިޔާ ހިތްވެފައި ބޭނުންވާ ފޮތެއް ނުލިބި."

ހައްޖަ އޮންލައިންކޮށް ފޮތް ވިއްކަންފެށީ އެންމެ 18 ފޮތުންނެވެ. މިގޮތަށް ފޮތް ގެނެސްގެން ވިއްކަން
ފެށުމުން މި ވިޔަފާރީގައި އޭނާއަށް ދަސްވި ކަންކަން ވެސް ގިނައެވެ. "ފޮތަކީ ވަރަށް ހާއްސަ އެއްޗެއް. އޮންލައިންކޮށް އަދި ފޮތުގެ ބަނޑޭރިގަނޑު ބަލާލާފައި އަދި ގަަންނަ ހިތެއް ނުވާނެ. ގިނަ މީހުން ބޭނުންވޭ ފޮތް ގަތުމުގެ ކުރިން ކުޑަކޮށް ބަލާލާ ކިޔާލާ ހަދަން. ފިހާރަ ހުޅުވުމުގެ ކުރިން ވީކެންޑްގައި ގަރާޖް ސޭލް ބާއްވަން. ވަރަށް ގިނަ މީހުން އައިސް ގަނޭ ފޮތްތައް. މަދު ފޮތެއް ނުވިކި އަލުން ގެއަށް ގެންނަން ޖެެހެނީ"

އޮންލައިންކޮށް ވިޔަފާރި ކުރާއިރު ފޮތެއް ގަތުމުގު ފުރިހަމަ އުފަލެއް އަދި ނުލިބެއެވެ. ފޮތަކީ ވަރަށް ގިނަ މީހުން އެމީހަކާއި ގުޅޭ ކިޔާހިތްވާ ކަހަލަ ފޮތެއް ގަތުމަށް ބުކްޝޮޕެއްގައި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ ތަނެކެވެ. ކިއާސް ބުކްސްގެ ފިހާރަވެސް ހައްޖަ އަދި އޭނާގެ ފިރިމީހާގެ ޑިޒައިންކޮށްފައިވަނި އެކަހަލަ ގޮތަކަށެވެ.

ހައްޖަގެ މި ވިޔަފާރި ކިއާސްގެ ކުޑަ ފިހާރައެއް ކަމުގައިވިއަސް އޭނާގެ ކަލެކްޝަން ބޮޑެވެ. ވަރަށް ގިނަ ތަފާތު އެކި ކަހަލަ ފޮތްތައް ހުންނަ އިރު އެންމެ ގިނައީ "ޔަންގް އެޑަލްޓް" އަށް ކަމުދާނެ ކަހަލަ ފޮތްތަކާއި ސެލްފް ހެލްޕް ބުކްސްތަކެކެވެ. ގެންނަންވާ ފޮތްތައް ކަނޑައަޅާ ފޮތްތަކުގެ ސިލެކްޝަނެއް ހެދުމަކީ ހައްޖަ ކުރާ ހިތުން ކުރާ ކަމެކެވެ.

"ކިއާ އަކީ އަސްލު ދަރިފުޅަށް ނަމެއް ކިޔުމަށް ވިސްނި އިރު ފެނުނު ނަމެއް. އޭގެ މާނަ އަކި ނިއު ބިގިނިންގ. ދެން މި ނަން ރީތިވެގެން ހިތަށް އެރީ މި ނަމޭ ދޭނީ" ހައްޖަ ބުންޏެވެ. ފޮތާއިވެސް ގުޅެއެވެ.

ފަސް އަހަރާއި ގާތްވެފަައި އިރު ކިއާސް ބުކްސްގެ ނަން ފޮތް ކިޔަން ޝައުގުވެރިވާ މީހުންނަށް އިނގެ އެވެ. އަދި ވަރަށް ގިނަ މީހުނަށް ރިކުއެސްޓަށް ފޮތް ގެނެސްދީފައިވާތީ ވަރަށް ގާތް ގުޅުމެއް ކަސްޓަމަރުންނާއި އޮވެއެވެ.

"ކީމޯ ފަށައިގެން ވަރަށް ބަލިކޮށް އުޅުނު އިރުވެސް އާއިލާ އިން ދިން ހިއްވަރުން މި މަސައްކަތް ކާމިޔާބު ވީ. މަންމަ މިތަން ހުޅުވާ ދެއްވީ. ވަރަށް އުފާވި ދުވަހެއް އެއީ"

ކިއާސް ބުކްސް މަޑުމަޑުން ފުޅާވެފައި މިވަނީ ހައްޖަގެ ބުރަ މަސައްކަތުންނެވެ. މާ ބޮޑު ކެޕިޓަލެއް ނެތި ހައްޖަ ފެށި މި ވިޔަފާރި މިހާ ހިސާބަށް އައުމަކީ އޭނާ އަށް ލިބޭ ބޮޑު ހިތް ހަމަޖެހުމެކެވެ. އަދި އޭނާ ބުނާ ގޮތުގައި ފޮތެއް ކިޔަން ކޮންމެ ދުވަހަކީ ސަޅި ދުވަހެކެވެ.