ލައިފްސްޓައިލް

މިނެޓަކުން ހެޔޮވަރު މަހެއް ކަނޑާލާ!

މާލޭ ބާޒާރު އަބަދުވެސް ބިޒީ އެވެ. އެކަމަކު ރޯދަމަހު ކާބޯތަކެތީގެ ޑިމާންޑް ބޮޑުވުމުން ބާޒަރު މަތީގެ ބިޒީކަން އެތައް ގުނައަކަށް ބޮޑު ކޮށްލަ އެވެ. އެ ބިޒީ ކަމުގެ ތެރެއިން ލައިގެން ގޮސް ދިވެހިންގެ ކެއިން ބުއިމަށް އާއްމުކޮށް ބޭނުންކުރާ ހުރިހާ ބާވަތެއްގެ އަގު ބޮޑުވެ އެވެ. މަހުގެ އަގުތައް އުފުލިގެން ވެސް ދެއެވެ. ރޯދަ މަހުގެ ހަވީރަކީ މާލޭގެ މަސްމާރުކޭޓުގެ އެންމެ ޕީކް ގަޑިއެވެ. މަސްގަންނަން ދާ މީހުންނާއި މަސްވިއްކާ އަދި އެ ކަނޑާ ދީ ކޮތަޅަށް ލައިދޭން މީހުން އަވަދިނެތި އުޅެނީ މަސައްކަތައިގެނެވެ. އަވަހަށް ނިންމާލާފައި އަވަހާ ގެއަށް ދާށެވެ. މަސް ވިއްކާ މީހާ ވެސް ގަންނަ މީހާ ވެސް މަސް ކަނޑައިދޭ މީހާވެސް ބޭނުން ވަނީ އެގޮތެވެ. އެންމެން ވެސް އަވަސް ކުރާށެވެ.

މުޅި ބަޒާރުގައި ބުރަކޮށް އަވަހަށް މަސައްކަތް ނިންމަން ހިފާފައިވާ އެންމެންގެ ތެރެއިން ހުނިޖަހާފައި އެކަކު ނަގާނަމަ މަސް މާރުކޭޓުތެރޭ އަވަދިނެތި މަސްކަނޑަން ހުންނަ އިބްރާހިމް އަލީ، 53 ނެގިދާނެ އެވެ.

އިބްރާހިމް އޭނާގެ ދިރިއުޅުން އާރާސްތު ކުރާށާއި އާއިލާއަށް ކާންބޯން ދިނުމަށް ކުރާ ބަރު އަދި ބުރަ ބޮޑު މަސައްކަތަކީ މަސްކެނޑުމެވެ. ކޮންމެ ދުވަހަކުވެސް އިރެއް އެރުމާއެކު އޭނާ ގޮސް ހުއްޓިލަނީ މާރުކޭޓްގެ މަސް ކަނޑާ ބައިގައި އޭނާގެ މަސައްކަތަށް ހާއްސަ ކޮށްފައިވާ ސްޓޭޝަނު ގައެވެ. އޭޕްރަން އަޅައި ރަނގަޅަށް ތައްޔާރުވެލައި ވަޅި ތޫނުކޮށްލައި އަތަށް އަންގި މަހާލައިގެނެވެ.

ދުވަހެއް ވައްޓާ ނުލައި ހެނދުން ފެށިގެން ހަވީރަށް އޭނާ ކަމަކީ މަސް ގަންނަ މީހުނަށް މަސް ކަނޑައި ދިނުމެވެ. ވަރުބަލި ކަމެއް ފޫހި ކަމެއް ނޯވެ އެވެ. އޭނާގެ ފެހި ކުލައިގެ އޭޕްރަންއާއެކު ފަރިތަ ކަމާއެކު ބޮޑު އަދި އެހައި ތޫނު ވަޅިއަކުން ހަލުއިކޮށް އިބްރާހިމް މަސްކަނޑައިދޭ މަންޒަރަކީ ވެސް ފާޑެއްގެ ޖާދޫއެކެވެ. އެހައި އަތްމަތި ފަރިތަ އެވެ. އެހައި ހަރަކާތްތައް އަވަހެވެ. -- އިބްރާހިމް ނޫނަސް އެފަދަ ހިދުމަތްތެރިންތެރިން ތަކެއް ސަފަކަށް މަސްކަނޑައިދޭން ތިބެ އެވެ.

މަހެއް ދިއްކޮށްލުމުން، ހިފައިގެން ގޮސް އަށިމަތީގައި ބާއްވާފައި ޖެހޭނީ ކަނޑަން ފައިސާ ދެއްކި ރަސީދުކޮޅު އިބްރާހިމް އޭޕްރަންގައިވާ ބޮޑު ޖީބަށް ލައިދޭށެވެ. އެހިސާބުން މަސް ކަރު އަޅައި އިބްރާހިމްގެ ތޫނު ވަޅިން މަހުގެ ބޯ ކަނޑާލާ ބަނޑައިދޫ ވަކި ކޮށްލައެވެ. ކޮތަރި ކަށި ކަނޑާލައި އެހާމެ ފަރިތަ ކަމާއެކު އަތްމަތި އަވަސްކޮށް މަހުގެ ހަންދަމާލައި މަސް ފަޅިކޮށްލާ މައިކަށި ނަގާ މަސްކިބަ ކޮތަޅަށް ލައި ދެއެވެ. ބޮލައި ބިހާއި މެއާ ލަނޑޮ ބޭނުންތޯ އަހާލަ އެވެ. މި މަންޒަރު ބަލަން ހުއްޓިލައިގެން ފޫހި ނުވެ އިރުގަނޑަކަށް ހުރެވިދާނެ އެވެ.

އިބްރާހީމަކީ ރ. ރަސްގަތީމު އުފަން މީހެކެވެ. އޭނާއަކީ މަސްވެރިއެއް، މަސް ކަނޑާ މީހެކެވެ. މަހެއްް ކީއްކުރަން ހައްސަ މަސް ކަނޑާ ލުމަކީ ވެސް އޭނާއަށް މާ ބޮޑު ކަމެއް ނޫނެވެ. މަސް މާރުކޭޓްގައި މަސްގަންނަ މީހުން މަސްކަނޑަށް ދިގު ކިއު ދަމާލައިގެން ގިނަ އިރަށް ތިބެން ނުޖެހެނީ އިބްރާހިމް ކަހަލަ ކުޅަދާނަ މީހުން ތިބޭތީ އެވެ. ހެޔޮވަރު ރަނގަޅު މަހެއް ކަނޑަން އިބްރާހިމަށް ބޭނުން ވަނީ ވަރަށް މަދު މިނެޓަކާއި ސިކުންތު ކޮޅެކެެވެ.

"އަޅުގަނޑު މިހެން މިގޮތަށް މަސްކަންޑަން ހުންނަތާ 15 އަހަރުވެއްޖެ، އަހަންނަށް މަހެއް ކަނޑާލަން ގާތްގަނޑަކަށް ހޭދަވަނީ މިނެޓެއްހާ އިރު، އެކަމަކު މިތާ އެބަތިބި 47 ސިކުންތުން މަހެއް ކަނޑާލާ ކޮތަޅަށް ލެވޭ ހާ އަވަސްކޮށް މި މަސައްކަތް ކުރާ މީހުން ވެސް!" އޭނާ ބުންޏެވެ. "މަހުގެ ބޮޑު މިނަށް ބަލާ ބަރުދަނަށް ބަލާ ގަންނަން އަންނަ މީހުން ފައިސާ ދައްކާ މި އަންނަނީ ކަނޑަން އަހަރުމެން ކައިރިއަށް. އެމީހުން އެ ދޭ ގަނޑުކޮޮޅު އަހަރެން ރައްކާ ކުރަން. ދުވަސް ނިންމާލާ އަހަރުމެން ކެނޑި މަހަށް ފައިސާ ލިބޭ. ކޮންމެ ދުވަހަކު ވެސް އެ ގޮތް ހަމަ ރަނގަޅު،"

އިބްރާހިމް ބުނާގޮތުގައި މަސްކަނޑަށް ގޮސް ހުންނަނީ ވަރަށް ކުރާ ހިތުން ވަރަށް ހިތްހަމަޖެހިގެނެވެ.

މަސްކަނޑަން އޭނާ ގެންގުޅޭ ވަޅިއަކީ އޭނާގެ މަަސައްކަތުގައި އެންމެ އެހީތެރިވެދޭ އެންމެ މުހިއްމު ހަތިޔާރެވެ. އެކުވެރިޔާއަކީ ވެސް އެއީއޭ ބުނެވިދާނެ އެވެ.

"ކޮންމެ ދުވަހަކު މި ވަޅި ތޫނު ކުރާކަށް ނުޖެހޭ. މަހެއްގެ ބަނޑުގައި އޮންނަ ބުޅިއެއްގައި ނޫނީ އެފަދަ އެއްޗެއްގައި ޖެހި ވަޅީގެ މިއަށް ކަމެއްވެއްޖެ ނަމަ ތޫނުކޮށް ހަދަން. ކޮންމެ ދުވަހަކުވެސް މަސް ކަނޑައި ނިމުމުން ވަޅިއާއި އޭޕްރަން ރައްކާކޮށް ގެއަށް ދަނީ މި ތަނުން ހެދުން ބަދަލުކޮށްލާ ހަދާލައިގެން... މިތާނގައި ހުރިހާ ބާވަތެއްގެ މަސް ކެނޑުވެސް އޮވޭ، ކުރު މަހާއި ހިބަރާ ހުރިހާ ބަވާތެެއްގެ މަހެއް ކަނޑަން އޮވޭ. އެންމެ އުނދަގުލީ ރައިވެރިޔާ މަސް ކަނޑަން،"

އިބްރާހިމް ބުނާގޮތުގައި މަސްކެނޑުމުގެ ހުނަރުވެރިން ވެސް ދަނީ މަދުވަމުން ތަދުވަމުންނެވެ. މަސް މާރުކޭޓުގައި މިހާރުވެސް އެކަމުގައި ގިނައީ ހަރު މީހުންނެވެ.

"މި މަސައްކަތް ކުރާ 40 އަހަރުން ދަށުގެ މީހުން މިތާނަގައި ވަރަށް މަދުވާނެ. ގިނަވާނީ ދޮށީ އުމުރުގެ މީހުން،" އިބްރާހިމް ބުންޏެވެ.

އާންމު ގޮތެއްގައި މަސްކެނޑުމަކީ ރާއްޖޭގައި ފިރިހެނުންކޮށް އުޅޭ މަސައްކަތަކަށް ވާއިރު މި މަސައްކަތް މިހާރުގެ ޒުވާނުންނަށް ކުރަން އިނގޭނެ ބާވަ އެވެ؟ ކުރީގައި ދެރަކޮށްލުމުގެ ގޮތުން "މަހަށްދޭ" ބުންޏަސް މަސްވެރިކަމާއި އަދި މަހާއި ގުޅޭ މަސައްކަތަކީ ފަހުރެކެވެ. މަސައްކަތަކީ "ހަޑި" މަސައްކަތެއް ކަމަށް ލޭބަލް ކޮށްގެން އުޅުނު ޒަމާން ފަސްދީފައި ހިނގައްޖެ އެވެ.

ޒުވާނުނަށް މަސްކަނޑަށް ނޭގޭނަމަ އިބްރާހިމް ކަހަލަ މީހުން ކައިރީން ތަމްރީންވާންވީ އެވެ. އޭނާހާ ފަރިތަ ކަމާއެކު މަހެއް ކަނޑާލާލުމަކީ ފަހުރަކަށް ހަދަންވީ އެވެ.