AVAS PHOTO ESSAY

ހަމަ އެމީހާ، އެކަމަކު މިފަހަރު ގަޑިބުރު!

ޝާފިއު އޭނާ ހެދި ގަޑި ބުރު ދައްކާލަނީ -- އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް

ދިވެހިންގެ ވެރިރަށުގެ މާފަންނު އަވަށުގައި ގުޅިގެންދާ ގޮތަށް ދެކަފި ވެފައިވާ އޮންނަ ބޮޑު ދެ މަގަކީ ފަރިދީމަގާއި އޯކިޑު މަގެވެ. ފަރީދީ މަގާއި އޯކިޑުމަގު ގުޅޭ ހިސާބަކީ ކުރިން މާލޭގެ މުހިންމު ބިނާއެއް ހުރި ތަނެކެވެ. އެއީ މަޝްހޫރު ގަޑި ބުރެވެ. އެއީ ބުރެއްގެ ތެރޭގައި އުސްކޮށް ހަދައި ހަތަރު ފަރާތުން ގަޑިއެއް ފެންނަ ގޮތަށް ހަދާފައިވާ ރީތި ޓަވަރެކެވެ. ފަނޑިޔާރު މަގާއި އޯކިޑްމަގަށް، އަދި ފަރީދީ މަގާއި ފުނަ ގޯޅިއަށް މި ޓަވަރުގައި ހުރި ގަޑި ވަރަށް ރީތިކޮށް ފެންނާން ހުުރެ އެވެ. އެހެން ދިމަ ދިމާއަށް ވެސް ފެނެ އެވެ. މިއީ މާލޭގެ ވަރަށް މުހިއްމު ލޭންޑްމާކަށްވި އެވެ. އަދި ވަރަށް ގިނަ ބައެއްގެ ހަނދާނެކެވެ.

ފަރީދީ މަގުގައި ކުރިން ހުރި ގަޑިބުރު

މަޝްހޫރު އެ ގަޑި ބުރު އެ ތަނގާއި މިހާރު ނެތަސް އަދިވެސް އެ ހިސާބުގަނޑުން ލޮކޭޝަން ކިޔައިދޭށާއި ބައެއް ފާހަގަތައް ޖެހުމަށް އާއްމުކޮށް ކިޔައި ބޭނުންކޮށް އުޅެނީ ގަޑިބުރު ސަރަހައްދެވެ. މީހަކަށް މަގެއް ފިހާރައެއް ތަނެއް ގެއެއްގެ ލޮކޭޝަން ކިޔައި ދިނަސް ހަމަ ގަޑިބުރު ނޫން ގޮތަކަށް އެ ތަނަށް ނިސްބަތެއް ނުކުރެ އެވެ. މިއީ މާކުރީގެ ޒަމާނެއްގެ ހަނދާނެއް ނޫނެވެ. އެކަމަކު މާލޭގެ ކުރީގެ ހަނދާނެކެވެ. މި ގަޑިއަކީ، އެ ބުރަކީ ވެރިރަށް މާލެއަށް ޒާންތަކަކަށް ހައިބަތު ގެނެސްދިން ބުރެއް ، ޓަވަރެއް އަދި ގަޑިއެކެވެ.

އިހުގެ ގަޑިބުރުގައި ހާއްސަ މުނާސަބަތަކަށް ދިދަ ދަމާފައި -- ނޭޝަނަލް އާކީވްސް އޮފް މޯލްޑިވްސް

ޒުވާން އާޓިސްޓެއް ކަމުގައިވާ އަބްދުﷲ ޝާފިއު ވަނީ މާލޭގެ ހުރި އެ ގަޑިބުރުގެ މޮޑެލްއެއް ފަރުމާކޮށްފަ އެވެ. ބޯ ކަރުދާހާއި ފްލައިވުޑް ބޭނުން ކޮށްގެން އޭނާ ގަޑިބުރު ހަދާފައިވާއިރު މިއީ މާލޭގެ މުހިއްމު ބިނާއެއްގެ މަސައްކަތް އަސްލާއި އެއްގޮތަށް އޭނާ ރެޕްލިކާ ކުރި ދެވަނަ ފަހަރެވެ

މީގެ ކުރިން އޭނާ ވަނީ ކޮވިޑްގެ ފުލް ލޮކްޑައުންގައި އޭނާ ކުރި މަސައްކަތެއް ކަމުގައިވަ މެދުޒިޔާރަތުގެ މޮޑެލް އާއި ގުޅޭގޮތުން އަވަސްއަށް އިންޓަވިއުއެއް ދީފަ އެވެ.

މިފަހަރު އޭނާގެ ރައްޓެއްސެއް ދިން ހިޔާލަކާއެކު ޝައުގުުވެރިވީ ކުރިން މާލޭގައި ހުރި ގަޑިބުރާއި އެއްގޮތަށް މޮޑެލެއް ހަދާށެވެ. އިންޓަނެޓު ލިބުނު ފޮޓޯތައް ބަލައިގެން އެއާ އެއްގޮތަށް ގަޑިބުރުގެ ބިނާގެ މޮޑެލް ވަނީ ފައްކާކޮށްފަ އެވެ.

ޝާފިއުގެ ގަޑިބުރު މޮޑެލް: މި މަސައްކަތަށް ގިނަ ވަގުތުތަކެއް އޭނާ ހޭދަ ކުރި -- އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް

އަދި މި މޮޑެލް ފެނުމުން އެތައް ބަޔަކަށް ކުރިން މާލޭގެ އެ ސަރަހައްދު އޮންނަ ގޮތުގެ ހަނދާންތައް އާވެ އާލާވާނެ އެވެ. އެ ހަނދާންތައް އަލުން ގެނެސްދޭން ބާރު އަޅައި ފޫޓެއްހާ ދިގު މިނުގައި ޝާފިއު ގަޑި ބުރުގެ މޮޑެލް އެއް ހެދީ ބުރަ މަސައްކަތެއް ކޮށްގެނެވެ.

ޝާފިއު ހެދި ގަޑިބުރު މޮޑެލް -- ފޮޓޯ: އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް
ޝާފިއު އޭނާ ހެދި ގަޑި ބުރު ދައްކާލަނީ -- އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް
ޝާފިއު އޭނާ ހެދި ގަޑި ބުރު ދައްކާލަނީ -- އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް

"މި ބިނާއަކީ މާލޭގެ 1990 އިގެ އަހަަރު ހިސާބުގައި ހުރި ބިނާއެއް. މިހާރުގެ ޒުވާނުންނަށް މި ބިނާ ފެނިފައި ވެސް ނުހުރެދާނެ. ގަޑިބުރު ކިޔާއިރު ގަޑި ނެތީ ކީއްވެތޯ ވެސް މިތަން ނުފެންނަ މީހުން އަހާފާނެ. މި ތަނަށް އެކި އެކި ބަދަލު ގެނެސްފައި ހުރީ އެކި ސަރުކާރުން އެކި ފަހަރު. ދެން އިންޓަނެޓުން ލިބުނީ މަދު ފޮޓޯއެއް. ފުރަތަމަ ހަދަން އުނދަގޫވީ އެކަމާއި ހެދި. ހެދުނީ ވެސް ހަތަރު ފައިލީ ޓަވަރެއް. އެހެންނަމަވެސް ފަހުން ލިބުނު ފޮޓޯއިން އިނގިއްޖެ ފަސް ފައިލީ ޓަވަރެއްކަން އެއީ. އެހެންވެ ދެވަނަ ފަހަރަށް ހަދަން ޖެހުނު،" ޝާފިއު ބުންޏެެވެ.

ޝާފިއު ހެދި ގަޑިބުރު ޓަވަރު: މި ދެން އޭނާ ހަދަނީ ނޮވެމްބަރު ތިނެއްގެ ހަނދާނީ ބިނާ -- އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް

ދެން އެންމެ އަވަހަށް ފެންނާނީ އޭނާގެ މިހާރުގެ ގޯލަކަށް ހަދާފައިވާ ނޮވެމްބަރު ތިނެއްގައި ބަޣާވާތެއް ކޮށް ސަރުކާރު ބަދަލު ކުރާން ރާއްޖެ އެރި ތަމަޅަ ޓައިގަރުން ދިން ޓެރަރިސްޓް ހަމާލާގައި ޝަހީދުވި 19 ދިވެހިންގެ ހަނދާނުގައި ހަދާފައިވާ ހަނދާނީ ބިނާ އާއި އެއްގޮތް މޮޑެލް ކަމަށް އޭނާ ބުންޏެވެ.

ޝާފިއު ހެދި ގަޑިބުރު މޮޑެލް -- ފޮޓޯ: އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް