ރިޕޯޓް

ވެރިރަށުގައި ގޮތް ހުސްވެފައި!

ވަރަށް ބޮޑަށް ގޮނޑުވެފައިވާތީ ހިނގާ ބިނގާވެ އުޅެން ވެސް މި މާލޭގެ މަގުތައް ފަސޭހައެއް ނޫނެވެ. ހިނގަން ނުކުތަސް ދުއްވާށާއި ދުވަން ދިޔައަސް ފެންނަ މަންޒަރު ރީއްޗެއް ނޫނެވެ. އަދި މިހާރު އާ ކަމެއް އުފަންވެގެން އެބައުޅެ އެވެ. ގޭގެއިން އުކާލަން ނެރޭ ކާތެކެތީގެ ކުނި ކޮތަޅުތައް ވެމްކޯ އާއި ބުޅަލަށް ވުރެ ކުރީން މީހުން ގޮސް އަރައިގަނެ ހާވައިގަންނަނީ އެވެ. މި ގޮތަށް ކޮތަޅުތައް ހާވާ ބައެއް މީހުން ފުޅިފުޅި އާއި ދަޅުދަޅާއި ޕެކެޓްތަކުގެ ފުލުގައި ހުންނަ ބާކީ އެތިފޮދު ބޮއެ ހަދަ އެވެ. އަނެއް ބަޔަކު މުޅި ކޮތަޅު ހިފައިގެން ގެންގޮސް ހާވައި ބޭނުންވާ ކާއެތޮކޮޅު ހޮވާލަނީ އެވެ. މި މަންޒަރު ދެކެމު ހެއްޔެވެ؟ މިއީ މިހާރު ހިނގާ ކަމަކެވެ.

ފެންނަ ފެނުމަށް މި ގޮތަށް ކުނިކޮތަޅު ހާވާ ހަދަނީ ވަރަށް ޒުވާން ކުދީންނާއި މީހުނެވެ. ހަށިގަނޑުގައި ވަރު ހުންނަ މީހުނެވެ. އެފަދަ މީހުނަށް ކާނެ، ބޯނެ އެއްޗެއް ދިއްކޮށްލުމުގެ ބަދަލުގައި އެ މީހުންގެ ފޮޓޯއެއް ނަގައި ސޯޝަލް މީޑިއަށް ވައްޓާލަ އެވެ. އަދި ކުނިކޮތަޅު ހާވައިގެން ކާން ކެރޭތޯ އާއި އޭގެ ފަކުރު ވާހަކަ ދައްކާ މީހުން ވެސް މަދަކު ބައިވަރެއް ނޫނެވެ.

އެ މީހުނަށް އެހެންވީ ކޮން ސަބަބަކާހުރެތޯ ބަލައިލާނެ މީހަކު ނުވެ އެވެ. އެކަމަކު މާލޭގައި ހާލުގައި ޖެހި މަގުތަކަށް ގިނަވެފައި ވަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ބަޔަކު އެކަންޏަކު ނޫނެވެ. ކޮވިޑާއެކު މާލޭގައި ތާށިވެ ހާލުގައި ޖެހިފައިވާ އަދި ބަނޑުފުރާނަ މުއްތިކުރުމަށް ކުނި ކޮތަޅުތައް ހާވައިގެން ކާ ބަޔަކު ވެސް އެބައުޅެ އެވެ. ނޫޅެނީ މިކަން ބަލާނެ ބައެކެވެ.

އައްޑު އަތޮޅުގެ ވެރިރަށް ހިތަދޫއަށް އުފަން ބަދީއު އަބްދުﷲ އަކީ މާލޭގައި ތާށިވެ ހާލުގައި ޖެހިފައިވާ މީހެކެވެ. އޭނާ މާލެ އައީ ބޮޑު ކަންނެއްޔަށް ދާށެވެ. އެކަމަކުޔ މަހަށް ފުރޭ ގޮތެއް ނުވި އެވެ. އަދި އަތުގައި ހުރި ފައިސާ ހުސްވެ ކޮވިޑް-19 އާއެކު އޭނާ މާލޭގައި ތާށިވީ އެވެ. ރަށަށް ނުދެވި އެނާ މާލޭގައި ހައްޔަރުވެ، މި މާލޭގައި މަގުމަތިވެ ނިދާ ހަދަން ޖެހެނީ މާރުކޭޓު ބޭރުގައި ހުންނަ ގޮޅިއެއްގެ ތެރޭގަ އެވެ.

ބަދީއުގެ ވާހަކަ ސޯޝަލް މީޑިއާގައި ފެތުރިފައި އޮންނާތީ ކާރުބާރު ބޮޑު މާރުކޭޓު ކައިރިން ބަދީއު ފެނޭތޯ ބަލައިލާން ނުކުތް އިރު ލޯކަލް މާރުކޭޓު ކައިރީން ބަދީއުއާ ދިމާވެއްޖެ އެވެ. އޭނާ ހުރީ އަޅި ކުލައިގެ ގަމީހަކާއެކު އެވެ.

އޭނާ ބުނި ގޮތުގައި ކޮވިޑާއެކު އޭނާ މާލޭގައި ތާށިވި އިރު އުޅުނީ ދ. ކުޑަހުވަދޫ ދޯންޏެއްގަ އެވެ.

"ކުޑަހުވަދޫ މޮނިޓަރިން ހާލަތަށް ގެންދިޔަމަ ދޯނިގައި ތިބި މީހުން މާލެ ބޭލި. މާލެ އައިސް އަތުގައި ހުރި ފައިސާކޮޅު ހުސްވުމުން އެހީތެރިކަން ހޯދަން ވަރަށް ގިނަ ތަންތަނަށް ދެވިއްޖެ. ޖެންޑާ މިނިސްޓްރީ، އެންސްޕާ އަދި ރައީސް އޮފީހަށް ވެސް ގޮސްފިން. އެކަމަކު އަހަރެންނަށް ރަށަށް ދެވޭ ގޮތެއް ނުވޭ!" އޭނާ ބުންޏެވެ.

ވާހަކައިގައި ގޮސް ލޯކަލް މާރުކޭޓުގެ ފުރަގަހަށް ބޭރުން އޮންނަ ކަނޑު ތޮށިގަނޑު ކައިރީގައި ހުއްޓި، އެތާ ހުރި ގޮޅިތަކެއް ބަދީއު ދައްކާލި އެވެ. އެތަނުން އޭނާ ފާހަގަ ކުރީ ސީދާ މޫދާއި ދިމާލަށް ހުޅިވިފައިވާ ހުރި ގޮޅިއެކެވެ.

"އަހަރެން މިހާރު މި ނިދަނީ މިތާ! ރަށަށް ދާނެ ގޮތެއް ނެތް. ގޮސް އަމިއްލައަށް ކަރަންޓީނު ވާނެ ތަނެއް ނެތް. އައްޑޫ ސިޓީ ކައުންސިލް އިން ބުނަނީ ކަރަންޓީނު ވާނެ ތަނެއް އަމިއްލައަށް ހަމަޖެއްސީމަ ކަމަށް ރަށަށް ދެވޭނީ. ޖެންޑާ މިނިސްޓްރީ، އެންސްޕާ އަދި ރައީސް އޮފީހަށް ވެސް އަހަރެން ހިނގައިފިން. ހާލުގައި ޖެހޭ މީހުންނަށް އެހީވާން ކުރިން ސަރުކާރުގައި ބަޖެޓެެއް އޮންނަ ކަމުގައި އަދި މިހާރު އެކަން ނޯން ކަމުގައި އެތަނުން އަހަންނާއި ވާހަކަ ދެއްކި މުވައްޒަފަކު ބުނި. އޭނާގެ ޖީބުން އަހަންނަށް 25 ރުފިޔާ ދިން... ބޯޓެއްގައިވެސް ދެވޭނެ ގޮތް ނެތިފައި މިހިރީ ކައުންސިލްގެ ހުއްދަ ނުލިބިގެން."

ބަދީއު ބުނާ ގޮތުގައި މާރުކޭޓް ބިއްދޮށުގައި ހުރި އެފަދަ 11 ގޮޅިއެއްގެ ތެރޭގައި ކޮންމެ ރެއަކުވެސް އޭނާ ފަދަ އިން ހާލުގައި ޖެހިފައިވާ އެތައް ބަޔަކު ނިދައެވެ. ބައެއް ގޮޅި ގޮޅީގައި ތިން މީހުން ވެސް ނިދަ އެވެ. އޭނާ އެ ވާހަކަތައް ކިޔައި ދިން އިރުވެސް ގޮޅިއެއްގެ ތެރޭގައި ބަޔަކު އުޅުނެވެ. އަދި އެއް ގޮޅީގައި ބަޔަކު ފިޔާތަކެއް ބަހައްޓައިގެން ސާފު ކުރަންވެސް ތިއްބެވެ.

"އެ މީހުން އެ އުޅެނީ މާރުކޭޓުން އެކި ތަންތަނުން ކުނިވާން ކައިރިވެފައިވާ ފިޔާތައް ހޮވައިގެން. އެމީހުން އެ ސާފުކޮށްފައި ވިއްކަން ނުކުންނާނީ ފައިސާ ހޯދަން. ކޮންމެ ރެއަކު ފުލުހުން އައިސް ބުނާނެ ގެއަށް ދާށޭ. އަހަރެން ދާނެ ތަނެއް ނެތް ކަމަށް ބުނަނީ... ރޭގަ ވާރޭ ވެހުނު އިރު ނިދާ ތަނުގައި ވާރޭގެ ހިޔަލެއް ނެތް. ފުލުހުން އައިމަ އަހަރެން އެހެން ބުނުމުން ބުނި ސަތަރި ގަނޑެއް ގަންނާށޭ. އަހަރެން ކިހިނެއް ސަތަރިއެއް ގަންނާނީ؟ ކައިގެން ވެސް މި ހުންނަނީ އެކި ފަހަރު އެކި މީހުން ދޭ އެއްޗަކުން"

އަންބަކާއި ދަރިއަކުވެސް ހުރި ބަދީއުއަކީ ރަނގަޅު މަސްވެރިކަމެއް ކުރަމުން އައި މީހެކެވެ. މިއީ މި މާލޭގައި ހާލުޖެހުނު ގޮތް ކަމަށް އޭނާ ބުނާ ގޮތެވެ. އޭނާ އުޅެނީ ރަށަށް ދާނެ ގޮތެއް ނެތިގެނެވެ.

"ސަރުކާރުން ބުނަނީ އަމިއްލަ ދާށޭ. އަމިއްލަ އަށް ދެވޭ ނަމަ އަހަރެން ވެސް މިތާކު ނުހުންނާނަން. ރަށުގައި އެބަހުރި އަހަރެންގެ އަންހެނުން އަދި ދަރިއެއް." ބަދީއު ބުންޏެވެ.

އެޗްްޕީއޭގެ ގަވާއިދުގައިވާ ގޮތުން މާލެއިން ރަށްރަށަށް ދާ މީހުން އަދިވެސް 14 ދުވަހުގެ ކަރަންޓީނެއް ފުރިހަަމަ ކުރަން ޖެހެ އެވެ. ރަށަށް ދިއުމަށް އެޗްޕީއޭގެ ޕޯޓަލް މެދުވެރިކޮށް އެދުމުން އެކަމުގެ ހުއްދަ އެޗްޕީއޭއިން ދޭނީ އެ މީހަކު ނުވަތަ ބަޔަކު ކަރަންޓީނުގައި ތިބޭ ތަނެއް ކައުންސިލާއި އެ ރަށުގެ އާރުއާރްޓީ ޓީމުން ބެލުމަށްފަހު އެއީ އެޗްޕީއޭގެ ގައިޑްލައިންތަކަށް ފެތޭ ތަނަކަށް ވާނަމަ އެވެ. އެޗްޕީއޭއިން ހަމަޖައްސާފައިވާ ގޮތުން ކަރަންޓީނުގައި ހުންނަ ގެ ނުވަތަ ތަން ކައުންސިލުން ބަލާ ޗެކް ކުރުމުން، އެޗްޕީއޭގެ ގާނޫނީ ލިއުން ޕޯޓަލް މެދުވެރިކޮށް ލިބޭނެ އެވެ.

އެކި މީހުންނަށް ދިމާވަނީ އެކި އެކި ހާލަތަކާއި ސަަބަބުތަކެވެ. ކޮވިޑާއެކު ހާލުގައި ޖެހި ލޯކާލް މާރުކޭޓުގެ ބިއްދޮށުގައި ނިދާ މީހުންނަކީ އެހެން ގޮތެއް ނެތިގެން އެތާ ތިބޭ މީހުނެވެ. ބަދީއުއަކީ އޭގެ ތެރެއިން އެކެކެވެ. މާލޭގެ ރަސްފަންނުގައި ހުރި ޕެވިލިއަން ބާ ވެ ވީރާނެވެފައިވާ އިރު އެތާނގައި ވެސް މިހާރު ވަންނާނެ ގެދޮރެއް ނެތް ބަޔަކު ވަދެ ތަންމަތި އަޅައިގެން އުޅެ އެވެ.