ރާއްޖޭގެ އުތުރާއި ދެކުނަށް، އިރާއި ހުޅަނގަށް ވެސް ކޮވިޑް ރޯގާ ފެތުރިފައިވާ މި ދަނޑިވަޅަކީ އުނދަގޫ ހިތްދަތި ދުވަސްތަކަކެވެ. ނިމޭން މިދާ މެއި މަހު އެކަނިވެސް ބަލީގައި މިހާތަނަށް 77 މީހުންގެ ފުރާނަ ގެެއްލިގެން ގޮސްފައިވާ އިރު ހުރިހާ ދިމާއަކުނޖް އިވެނީ އަޑުއަހަން އުނދަގޫ ހިތްދަތި އަދި ހިތާމަވެރި ވާހަކަތަކެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީ ފުނިޖެހެމުންދާ އިހުމާލުގެ ވާހަކަ އާއި ދަރިން މުސްކުޅި މައިން ބަފައިންނާއި އަޅައި ނުލުމާއި ނޭވާ ހޮޅިއަށް އެޅޭއިރު ޝަހަދާތް ލާން ވެސް މެޑިކަލް ފެސިލިޓީތަކަށް ނުދާ ވާހަކަ އެވެ. އެންމެ ފަހުން ހަމައިން ނެޓެމުން ގޮސް ބަލިމީހާއަށް އަނިޔާކުރާ ވީޑިއޯތައް ވެސް އާއްމުވާން ފަށައިފި އެވެ.
ހިތްދަތި އަހަން އުނދަގޫ އެފަދަ ވާހަކަތައް ފޭދިފައި އޮތް ނަމަވެސް ރާއްޖޭގޭ އުތުރުން ކުޑަކުޑަ އާބާދީއެއްގެ ގޮތުގައި ހާހެއްހާ މީހުން އުޅޭ ދިރިއުޅޭ ނ. ލަންދޫ ވެސް ކޮވިޑް-19 އާއެކު ގިނަ އެހެން ރަށްތައް ފަދައިން ބިރުވެރި ހާލަތެއްގަ އެވެ. ލަންދޫން 31 މީހަކު ކޮވިޑް ބައްޔަށް ޕޮޒިޓިވްވެފައި ވެއެވެ. އިތުރު ބައެއް މީހުންގެ ނަތީޖާ އަދި ނޭނގޭ އިރު އެ ރަށުގެ ހެލްތު ސެންޓަރުން ދަނީ ހާއްސަ ރިފްރެޝްމަންޓް ފަންޑެއް ހުޅުވައި ރަށުގައި ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުނަށް ކުރުނބާ އާއި އޮރެންޖާއި މޭވާގެ އެހެން ބާވަތްތައް ފޯރުކޮށް ދެމުންނެވެ. މިއީ ކޮވިޑްގެ ތެރޭގައި ދިވެހިންގެ ކުޑަ އާބާދީއަކުން ދެއްކި އޯގާތެރިކަމާއި އަޅައިލުމުގެ ރީތި މިސާލެކެވެ.
ލަންދޫ ހެލްތު ސެންޓަރުގެ މެނޭޖަރު ވިދާޅުވި ގޮތުގައި ކޮވިޑް-19 އިގެ ބައްޔަށް އެ ރަށުން ހުށެހެޅިފައިވާ މީހުންނަށް ބޭނުންވަނީ އެހެން މީހުންގެ ހިއްވަރާއި އަޅައިލުމެވެ. އަދި އެ މީހުންގެ ފަހަތުގައި ބަޔަކު އެބަތިބިކަން ސާބިތުކޮށް ދިނުމެވެ.
"އެންމެން ވެސް ބަލީގައި އެކަނިވެރިކޮށް މި ތިިބެން ޖެހެނީ... އަޅުގަނޑުމެން މި މަސައްކަތް ފެށީ ރިފްރެޝްމަންޓަށް ފަންޑެއް ހުޅުވައިގެން ހެލްތް ސެންޓަރުން. އަޅުގަނޑުމެން ވިސްނީ ބަލި މީހަކަށް ހަށިގަނޑުގައި ވަރުޖެހޭނެ ކޮންމެ ވެސް ކަހަލަ އެއްޗެއް ހޯދާފައި ދެވޭތޯ... އެގޮތުން ކުރުނބާ އާއި އޮރެންޖާއި ކިރު އަދި ދޮންކެޔޮ ހިމެނޭ ޕެކޭޖެއް ބެލި މީހާއަށް މި ދެނީ،" މެނޭޖަރު ވިދާޅުވި އެވެ.
މެނޭޖަރު ވިދާޅުވި ގޮތުގައި އެ ރަށުގައި ކޮވިޑް ބަލި މީހުންގެ ހާލު ފަސޭހައިން ބަލާލެވޭ ގޮތަށް ކޮމިއުނިޓީ ވައިބާ ގުރޫޕެއް ހަދާފައި ވެއެވެ. އެކަކު އަނެކަކު ހާލު ބަލައި ހިތްވަރު ދެމުން ދެ އެވެ.
"ކުޑަ ކުޑަ އާބާދީއެއް އޮންނަ މި ރަށުގެ އެއްމެން ވެސް އަންނަނީ ވަރަށް ބޮޑަށް ސިއްހީ މަރުކަޒުން ދޭ އިރުޝާދު ތަކަށް ބޯލަނބަމުން. ސިއްހީ ދާއިރާ އަދި ހިދުމަތްދޭ ފަރާތްތަކަށް އޮންނަ އިތުބާރު ވަރަށް މުހިއްމު. މި ރަށުގައި ހުރި ވަސީލަތްތަކުން އަޅުގަނޑުމެންގެ ރައްޔިތުންނަށް ފަރުވާ ދެވޭނެ."
ހެލްތު ސެންޓަރުން ބުނާ ގޮތުގައި ލަންދޫގެ މީހުނަކީ އިރުޝާދުތަކަށް ކިޔަމަންތެރިވާ ނަމޫނާ ބައެކެވެ.
ލަންދޫ ރައްޔިތުންގެ ފަރާތުން ވެސް ބޮޑު ތަރުހީބެއް އެ ހަރަކާތަށް ލިބެ އެވެ. އަދި މީގެ އިތުރުން ހިލޭ އެހީވެސް ލިބެ އެވެ. ހެލްތު ސެންޓަރުގެ ފަރާތުން އެހީ އާއި ތަކެތި ބެހުމުގައި މުވައްޒަފުން އުޅެ އެވެ.
ލަންދޫން ނަގާ ސާމްޕަލްތައް ޓެސްޓް ކުރަނީ އަތޮޅުގެ މާފަރަށް ގެންގޮސްގެނެވެ. އަދި ރަށުގައި ހާލު ބޮޑުވާ މީހުން ފެސިލިޓީ އަށް ގެންދިއުމުގެ އިންތިޒާމް ހެލްތު ސެންޓަރުން ހަމަޖައްސާފައިވެ އެވެ. ކޮވިޑް-19 ވަރަށް ބޮޑަށް ފެތުރިފައިވާ މި ދަނޑިވަޅުގަައި މި ފަދަ ކަމެއް ރަށުގެ ހެލްތް ސެންޓަރުން ކުރުމުން މިއީ އޯގާތެރިކަމުގެ މިސާލެކޭ ބުނާކަށް ގޯހެއް ނޫނެވެ.