AVAS PHOTO ESSAY

ކުޑަ ކުޑަ ސިއްރެއް ބުނަންތަ؟

މާލޭ ސީޓީގައި ހިމެނޭ ވިލިނގިލި އަދި ފަހުން "ވިލިމާލެ" މި ރީތި ނަމަށް ބަދަލުވެފައިވާ ހާއްސަ ރަށަކީ އެއްމެ ފުރަތަމަ ވެސް މީހުން ދިރިއުޅެމުން އައި ރަށެކެވެ. އޭގެ ފަހުން އެ ރަށް ބަދަލުވީ ސަރުކާރުގެ މައި ޖަލަށެވެ. ވަރަށް އަނިޔާވެރި މާޒީއެއް އޮތް އެ ޖަލަށް ފަހު ދެން އެ ރަށް ބަދަލުވީ ވަރަށް ފުރިހަމަ ރިސޯޓަކަށެވެ. އޭގެ ފަހުން 1993 ވަނަ އަހަރު ރައީސް މައުމޫންގެ އަނެއްކާވެސް އެ ރަށް ބަދަލު ކުރެއްވީ މީހުން ދިރިއުޅޭ ރަށަކަށެވެ. މާލޭގެ ބައިބޯ ކަމަށް ލުޔެއް ހޯދައިދޭށެވެ.

ގްރޭޓާ މާލޭ އޭރިއާގައި ވެރިރަށް މާލެ އާއި ހުޅުމާލޭގެ ވާހަކަ ދެކެވޭ މިންވަރާ ކައިރިއަށް ވެސް މި ހާއްސަ އަދި ރީތި ރަށުގެ ވާހަކަ މީހުންގެ ތެރޭގައި ވެސް އަދި މީޑިއާގައި ވެސް ނުދެކެވެ އެވެ. އެކަމަކު މި މުހިންމު ރަށާ ގުޅޭ ވާހަކަތަކުގެ ތެރެއިން މާޒީގެ ތެރެއަށް ގޮސް އޮބާފައިވާ ގިނަ އެތައް ވާހަކަ އަކާއި ހިރަފުގެ ތެރެއަށް ގެއްލިގައި ގިނަ ބައިވަރު ވާހަކަތައް ވިލިމާލޭގެ ހަޔާތާ ގުޅިފައިވާނެ އެވެ. ޖީލަކަށް ފަހު ޖީލެއް އުފެދި އަރައިގެން އަންނަ އިރު އެ ރަށުގެ އާ ހަޔާތުގެ ކުދީން ޒުވާންނަށްވެ ސިއްރުވެފައިވާ، ގެއްލިފައިވަ ރަށުގެ ވާހަކަތައް ހޯދައި ކިޔައިދޭނެ އެވެ.

ވިލިމާލެއަކީ ތިމާވެއްޓާ ރައްޓެހި ގްރީން އައިލެންޑެއްގެ ގޮތުގައި އާބާދު ކުރާ ރަށެކެވެ. ވިލިމާލޭގައި އިންޖީނުލީ އެއްގަމު އުޅަނދު ބޭނުން ކުރުމުގެ ބަދަލުގައި މުޅީން ބޭނުން ކުރަނީ ބެޓެރީގެ އެހީގައި ދުއްވާ ތިމާވެއްޓަށް ގެއްލުން ނުލިބޭ ސައިކަލާއި ބަގީތަކެވެ. ބަގީތައް ބޭނުން ކުރާނީ ރަށުގެ ޕަބްލިކް ޓްރާންސްޕޯޓުގެ ގޮތުގަ އެވެ. ބެޓެރި ބަހުގައި 10 ރުފިޔާއަށް ދަތުރެއް ކުރެވެ އެވެ. އަދި ބަގީގައި ފަސް ރުފިޔާއަށް ދެވެ އެވެ. މުޅި ރަށުގައި ކުރިންސުރެ ހުރި ހެދިފައިވާ ބިޔަ ގަސްތަކާއި ފަހުން އާބާދު ކުރި އިރު ހައްދާފައިވާ އެތަކެއް ގަހެއް މިހާރު ވަނީ ވަރަށް ބިޔަކޮށް ހެދި މުޅި ރަށް ފެހިކޮށްފަ އެވެ. އަދި ވިލިމާލޭގައި ދިރިއުޅޭ އާއިލާތަކުން ރަށުގެ އެކި ހިސާބުތަކުގައި ބަގީޗާ އާއި އާއިލީ ބޭނުންތަކަށް ފުދޭވަރަށް ހައްދާ ތަރުކާރީ އާއި މޭވާގެ ސަބަބުން ވެސް ރަށުގެ ފެހިކަން ބޮޑެވެ.

ވިލިމާލޭގެ ދުއްވާ އެއްޗެހި އަދިވެސް ވަރަށް މަދެވެ. ބޮޑު ބިޔަ ރަށުގެ ބޮޑެތި މަގުންތަކުގައި އަމާން ކަމާއެކު މީހުން ހިނގާލާފައި އުޅޭ މަންޒަރު ގިނައިން ފެންނަ އިރު ދުއްވާއެއްޗެހި ފެންނާނީ ވަރަށް ހާލުން ހާލުންނެވެ. މާލޭގެ ކާރުބާރާއި ހޯބޯލެވުމުގެ ތެރޭގައި އުޅެފައި ވިލިމާލެއަށް އަރާލުމުން ސިކުނޑިއަށް ލުޔެއް ލިބި ހިތް ފަސޭހަވުމާއެކު އުދާސްތައް ފިލައިގެންދެ އެވެ. ވަރަށް ގިނަ އާއިލާތައް އެމީހުންގެ އާއިލާއަށް އުފާވެރިކަން ހޯދައިދޭން ހުޅުމާލެއަށް ގޮސް އުޅޭ އިރު ވިލިމާލޭގެ ހިތްގައިމު ފެހި ވެށީން ހިތް އުފާ ކުރަން ދަތުރުކުރާ މިންވަރު ވަރަށް މަދެވެ.

ވިލިމާލޭގައި މަގުމަތީގެ އެއްވެސް ނުރައްކަލެއް ނެތެވެ. ކުދީން ނުކުމެ ދުވެލައި ކުޅެލައި ސަމާސާކޮށްލައި ހަދަން ފުދެ އެވެ. އާއިލާތަކުގެ ވަރަށް ގިނަ ކުދީން މި ރީތި ރަށުގެ މިނިވަން މާހައުލުގައި ކުޅެ ދުވެ ހަދާ މަންޒަރު ހުރިހާ ދިމާއަކުންމެ ފެނެ އެވެ. ހުރިހާ ކުދީންގެ ކިބައިންވެސް ފެންނަނީ އުފާވެރި ކަމެވެ. އާއިލާއާއެކު ވިޔަސް ބައި ހަދާފައި ވިޔަސް ބަލައިލާ ތަޖުރިބާ ކޮށްލަން ދާން ވަރަށް ރަނގަޅުވާނެ އެވެ.

މިރަށުގައި ވެސް ބޮޑު އާބާދީއެއް މިހާރު އެބައޮތެވެ. އެކަމަކު މިރަށް މާލެ އާއި ހުޅުމާލެއާ ވަރަށް ބޮޑަށް ތަފާތެވެ. ރާއްޖޭގެ ގިނަ އެހެން ރަށްތައް ފަދައިން މި ރަށުގެ ރައްޔިތުން ވެސް އަތިރި މައްޗަށާއި ބަނދަރު ސަރަހައްދަށް ނުކުމެ ހިތް އުފާކޮށްލަން ވަގުތު ހޭދަ ކުރެއެވެ. މުޅީން ފެންނަނީ އެކުވެރި އަހުވަންތަ ގުޅުމެކެވެ. ވިލިމާލޭގެ ދިރިއުޅުމަކީ ވެސް މާހައިލަކީ ވެސް އަދި މުޅި މި ރަށުގެ ސަގާފަތް ވެސް ވަރަށް ތަފާތެވެ.

މާލެއިން ކަނޑު ހުރަސްކޮށް ފެރީގައި ދަތުރުކުރާ އަދި ތިމާވެއްޓަށް އިސްކަން ދީފައިވާ މިކަހަލަ ރަށެއް ދުނިޔޭތާކުގައި ވަރަށް މަދުވާނެ އެވެ. އެކަމަކު އޮވެދާނެ އެވެ. މި ރަށުގެ ޅަފުރާ ބޮޑުވެ ޒުވާނުންނާއި ބޮޑެތި މީހުނަށް ވާއިރު މިރަށުގެ ދިރިއުޅުމާއި މިރަށުގެ ވާހަކަތައް ކޮންމެވެސް ބަޔަކު ކިޔައިދޭންޖެހެ އެވެ. ވިލިމާލެއަށް 1993 ގައި ފުރަތަމަ ފޭބި އާއިލާތަކުގެ ދިރިއުޅުން ކިޔައިދޭން ޖެހޭނެ އެވެ. މިއީ ވަރަށް ކުޑަކުޑަ އަދި ސިއްރުން ބުނެލެވުނު ވާހަކައެކެވެ.