މާ ނަކަތުގެ އިރު އަރާ އޮއްސޭ މަންޒަރު ހާދަ ރީއްޗޭ!

ހުޅަނގު މޫސުމުގެ މާ ނަކަތުގައި މި ދުވަސްވަރުގައި އުޑުމަތި އޮންނަނީ ސާފުކޮށް އެހާ ނޫ ކޮށެވެ. ވޭތުވެ ދިޔަ ދެ ހަފުތާގައި އައި އުދަ އެރުމާއި ގަދަ ވިއްސާރައާ އަޅާބަލާ މިހާރު މި ދަނީ ވަރަށް ރީތި ދުވަސްތަކެކެވެ. މިއަކީ ހުރިހާ ފަހަރެއްގައި މާ ނަކަތުގެ ތޮބީއަތެއް ނޫނެވެ. އެކަމަކު މޫސުން ރީތި މި ދުވަސްވަރު އިރުއަރާ އޮއްސޭ މަންޒަރު ވެސް ވަރަށް ޗާލެވެ. ސޯޝަލް މީޑިއާގައި ވެސް މިދުވަސްވަރު ޓްރެންޑްވަމުން އަންނަ އެއް ފޮޓޯގަނޑަކީ އިރުއަރާ އަދި އޮއްސޭ މަަންޒަރުތަކުގެ ފޮޓޯ އެވެ.

މި ދުވަސްކޮޅުގެ އިރުއަރާ މަންޒަރު ހިތްގައިމީ ކުލަފޮށީގެ ހުރިހާ ކުލައެއްހެން އުޑުމަތިން ފެންނާތީ އެވެ. އުޑުމަތީގެ ކޮންމެ ދިމާއަކަށް ބަލައިލުމުން ވެސް ހަމަ އަޖައިބު ވަނީ އެވެ. ބަލާ ފޫހި ނުވަނީ އެވެ. އޮރެންޖުގެ ވެސް ހުރިހާ އޮރެންޖަކާއި ރީނދުލުގެ ވެސް ހުރިހާ ޝޭޑެއްގެ ދޯދިތަކެވެ. އެ ކުލަތަކުން ބިޔަ ބޮޑު މާ ސިންގާ ނޫ ކަނޑުގެ ކުލަ ވެސް ބަދަލު ކޮށްލަނީ އެވެ.

ފަތިހު ފިންޏަށް ނުކުމެ ދުވާ މީހުނާއި ހިނގާ މީހުނާއި ބައިސްކަލް ބުރުގައި ނުކުންނަން ގުރޫޕުތައް ކޮންމެ ދުވަަހަކު އެމީހުންގެ ކަސްރަތަށް ނުކުންނަ ވަގުތު ދުނިޔެ މައްޗަށް އޮއްސާލާފައި އޮއްވަ ފެންނަ މި މަންޒަރުން ބައެއް ކެޕްޗާ ކޮށްލައިގެން ކޮންމެ ދުވަހަކު ވެސް ސޯޝަލް މީޑިއާއަށް ވައްދަ އެވެ.

އެ ފޮޓޯތަކުގެ ހިތްގައިމުކަމުން ކޮންމެ މީހަކުވެސް "ފަތިސް ޕީޕަލް" އަށް ވާ ބޭނުންވާ ކަހަލަ އެވެ. ކޮންމެ މީހަކަށް ވެސް "އޭ އަޅޭ ދެވުނު ނަމައޭ... ހާދާ ރީއްޗޭ" ބުނެލެވެ އެވެ. ހަމަ ލޮލުން މި މަންޒަރު ބަލައިލަން ބޭނުން ވެއެވެ. ފަހަރުގައި މިއީ މި ދުވަސްކޮޅު ފަތިސް ގަޑީ ބޭރުގައި މީހުން އިތުރުވެގެން އުޅޭ ސަބަބަކަށް ވެސް ވެދާނެ އެވެ.

މި މަންޒަރު ހަމަލޮލުން ދެކިލާ މި އުފާ ލިބިގަންނަން ގިނަ ބަޔަކު ބޭރަށް ނުކުންނަނީ ކަމުގައި ވެސް ވެދާނެ އެވެ. ފަތިސް ނަމާދަށް ހޭލައި ނަމާދަށް ފަހު ކަސްރަތުން ދުވަސް ފެށުމުގެ އުފާ ލިބިގަންނަނީ މީހާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ކުރާ ފައިދާތައް ލިބިގަންނާށެވެ. ފަތިހުގެ އެ ވަގުތުކޮޅު އިރުމަތީ ފަރާތުން ދިމާއެއްގައި ތަނެއްގައި ހިމޭންވެލައި މާތް ﷲ ކުޅަދުންވަންތަކަމާމެދު ފިކުރު ހިންގާލަން ވެސް ވަރަށް ރަނގަޅެވެ.

ދުނިޔެ މައްޗާއި ކާއިނާތާއި ވަރުން އަޅުވާލައި ވިސްނާލާއިރު އަހަރެމެންގެ ބޮލުތެރޭ ގިނަ ވެގެން އުޅޭ ކަންކަމަކީ ކިހާ ކުދިކުދި ކަންކަން އޭރަށް ވަރަށް ރަނގަޅަށް ވަަޒަން ކޮށްލެވޭނެ އެވެ. ގުދުރަތު ކުޅަދުންވަންތަކަން ރީއްޗަށް އެނގި ކަށަވަރުވާނެ އެވެ.

އިރުއަރާ މަންޒަރާއި އެއްގޮތަށް މާ ނަކަތުގެ މި ދުވަސްކޮޅުގެ އިރުއޮއްސޭ މަންޒަރު ވެސް އެހާ ޗާލުވެފައި ނަލަ އެވެ. ރަށަށް އިރު އޮއްސޭ ފަޅިއަށް ގިނަ މީހުން މި މަންޒަރު ބަލާލަން ޖަމާވެ އެވެ. ޒުވާން ފުރައިގެ މީހުންނާއި މެދު އުމުރުގެ މީހުންނެވެ. ބައެއް މީހުން އެމީހުންގެ ސައިކަލްގެ މަތީގައި އިށީނދެލައިގެންނެވެ. އަނެއް ބަޔަކު ތޮށިގަނޑު މަތީ އިށީނދެލައިގެންނެވެ. ކޮންމެ މީހެއް އަތުގައި މަންޒަރު ކެޕްޗާ ކުރަން ގެންގުޅޭ ފޯނު އޮވެ އެވެ. މާލޭގައި އެންމެ އެންމެ މުހިންމު ޕޮއިންޓަކަށްވެފައި އޮންނަނީ ޑީއެޗް ކައިރިން އެއްގަމު ތޮއްޓާ ކައިރި އެވެ. އެއީ ދެން ގާނޑަކަށް "ތާޖުމަހަލް ޕޮއިންޓަ"ކަށް ވެފައި ވެއެވެ.

ބައެއް މީހުން ތަންކޮޅެއް ދުރާލާ އަސްރުން ފައިބައި ރަށުތެރެއަށް ފިނި ޖެހިލުމުން ދުއްވަން ނުކުންނަ ގޮތަށް އިރުއޮއްސޭ މަންޒަރު ނުބަލާ ގެއަކަށް ނުވަދެ އެވެ. އިރުއޮއްސެން ކައިރިވާ ވަރަކަށް ދުނިޔެމަތި އޮންނަނީ މުޅިންހެން ރަން ރީނދޫވެފަ އެވެ. މި ދުވަސްވަރު މާލޭގެ "ގޯލްޑަން އަވާ" އަކީ ފޮޓޯގްރާފަރުންނަށް މިވަރެއް ނެތް ވަގުތުކޮޅަކަށް ވެފައި ވެއެވެ. އިރު އޮއްސޭން ގޮސް ދޯދިތައް ފަނޑުވަމުންދާ ވަގުތު، އިރުގެ ދަޅަ މާ ގަދަ ނުވާތީ އެ ވަގުތުކޮޅު ނަގާ ފޮޓޯތައް ވަރަށް ރީއްޗެވެ.

ރާއްޖޭގެ އިރުއޮއްސޭ މަންޒަރަކީ ރާއްޖެއަށް ދަތުރު ކުރާ ފަތުރުވެރިން ވެސް އެވަރެއް ނެތް ކަމަށް ބުނާ މަންޒަރެކެވެ. ހަނީމޫން މަންޒިލަކަށް ވެސް ރާއްޖެއަށް ފަތުުރުވެރިން ހިތް ކިޔަނީ މިކަމާއި ހުރެއެވެ. ބައިވެރިޔާއާއެކު އިރުއޮއްސޭ މަންޒަަރު ބަލާލަން ރާއްޖެ ވަރުގެ ތަނެއް ނެތް ކަމަށް މީގެ ކުރިން ރާއްޖެއަށް ދަތުރުކޮށްފައިވާ މީހުން ބުނެފައި ވެއެވެ. އަދި އެމީހުންނަށް މިއީ "ސަންސެޓް" ޕެރެޑައިސްއެކެވެ.

އިރުއޮއްސި، އިރު އުދަރެހުން ފިލައި ދާންދެން ބަަލަން ތިބެވެ އެވެ. ދުވާލުގެ ބިޒީކަން ފިލައި ހިތްހަމަޖައްސާލަން މި މާލޭން ދާނެ ވަކި އެހެން ތަނެއް ނެތެވެ. އެހެންވެ އިރުއޮއްސޭ މަންޒަރަކީ އެ މަންޒަރު ބަލާލައިގެން ހިތްހަމަޖައްސާލެވޭނެ މަންޒަރެކެވެ. އެއް ދުވަސް ނިމި އަނެއް ދުވަހާއި ކުރިމަތިލުމަށް އާ ދުވަހަކަށް ކުރާ އުއްމީދެވެ. އިއްޔެއް އަށް ވުރެ ރަނގަޅު މާދަމާއަކަށެވެ.